24 May 2016, 22:07
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ލ. ކައްދޫ އިސްކަންދަރު ވައިގެ މަރުކަޒަށް ދިއުމަށް ފުރި، މޯލްޑިވިއަންގެ ފްލައިޓެއްގައި މައްސަލައެއް އުޅޭކަން ފާހަގަ ކުރެވިގެން އެ ފްލައިޓު އަނބުރާ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް އަނބުރާ ޖައްސައިފި އެވެ.
މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު "ސަން" އަށް ވިދާޅުވީ، މިރޭ ލ. ކައްދުއަށް ދާން ފުރި ފްލައިޓުގައި މައްސަލައެއް އުޅޭކަން ފްލައިޓުގެ ޕައިލަޓަށް ފާހަގަވި ކަމަށާއި، އެ ފްލައިޓު ވަގުތުން މާލޭ ވައިގެބަނދަރުގައި ޖެއްސި ކަމަށެވެ.
"ކެޕްޓަނަަށް މައްސަލައެއް އުޅޭކަމަށް ނޯޓިސްވެގެން ހަމަ އަނބުރާ ޖެއްސީ. ޓޭކް އޮފް ކުރި ގޮތަށް އެއީ،" ނަޝާތު ވިދާޅުވި އެވެ.
ނަޝާތު ވިދާޅުވީ، މައްސަލައެއް އުޅޭކަން ފާހަގަވުމާ އެކު، ފްލައިޓު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް އަނބުރާ ޖެއްސީ، ނައްޓާލިތާ 10 މިނިޓު ވެސް ނުވަނީސް ކަމަށެވެ.
އަދި، އެ ފްލައިޓުގައި ކައްދުއަށް ދާން އޮތް ފަސިންޖަރުން އެހެން ފްލައިޓެއްގައި މިހާރު ފޮނުވާލާފައިވާ ކަމަށް ނަޝާތު ވިދާޅުވި އެވެ.
މޯލްޑިވިއަންއިން، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ އެހެނިހެން ހުރިހާ އެއާޕޯޓަކަށް ކޮންމެ ދުވަހަކުވެސް ތާވަލު ދަތުރުތައް ދަނީ ބާއްވަމުންނެވެ.