24 May 2016, 20:44
ގާނޫނާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރަން އުޅެފައިނުވާކަން ސާބިތުކުރަން އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން އަށް މީހެއްގެ ނަން ހެކީންގެ ގޮތުގައި ހުށަހަޅައިފި އެވެ.
ނިހާން މިއަދު ހެކި ހުށަހެޅުއްވިއިރު، ގާނޫނާ ޚިލާފަށް ރައީސް ޔާމީން ހައްޔަރުކުރަން ނިހާން އުޅެފައިވާކަން ސާބިތުކުރަން ދައުލަތުން ވެސް ވަނީ ގިނަ މީހުންތަކެއް ހެކީންގެ ގޮތުގައި ހުށަހަޅާފަ އެވެ. އަށް މީހުންގެ ތެރެއިން ހަތަރު މީހެއް ފިޔަވައި ނިހާން ހެކީންގެ ގޮތުގައި ހުށަހެޅި މީހުންނަކީ ދައުލަތުން އޭނައާ ދެކޮޅަށް ހުށަހެޅި ހެކީންގެ ނަންތަކެވެ. ދައުލަތުން ވަނީ ސިއްރު ހެކީންގެ ގޮތުގައި ބައެއް މީހުން ހުށަހަޅާފަ އެވެ.
ގާނޫނާ ޚިލާފަށް ރައީސް ޔާމީން ހައްޔަރުކުރަން އުޅުނު ކަމަށް ބުނާ މައްސަލައިގައި ނިހާންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމާއި ބައިވެރިވުމުގެ ދައުވާ އެވެ. އޭގެއިތުރުން އިތުރު ތިން ދައުވާ އެއްވެސް ދައުލަތުން ވަނީ ނިހާންގެ މައްޗަށް އުފުލާފަ އެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އާއި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ދައުވާ އާއި ވަކި އަސްލެއް އޮތް އެއްޗެއް ސައްޙަ ނޫން ގޮތުގައި ދެއްކުމަށް ޓަކައި ލިޔުމެއް އުފެއްދުމުގެ ދައުވާ އެވެ.
އެ ދައުވާތަކާ ގުޅިގެން ވެސް ދައުލަތުންނާއި ނިހާންގެ ފަރާތުން ވަނީ ހެކީން ހުށަހަޅާފަ އެވެ.
ގާނޫނާ ޚިލާފަށް ރައީސް ޔާމީން ހައްޔަރުކުރަން ނޫޅޭކަން ސާބިތުކުރަން ނިހާން ހުށަހެޅި ހެކީންނަކީ:
- ޕޮލިސް ސްޓާފް ސާޖަންޓު އަލީ އަހުމަދު
- ޕޮލިސް ސްޓާފް ސާޖަންޓު ސިރާޖު އަބްދުލް ގާދިރު
- ހ. ރީތިމާކޯނި، މުހައްމަދު ނިޝާމް
- ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު މުސްލިމް
- ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު
- ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީ
- ޕޮލިސް ސްޓާފް ސާޖަންޓު އަބްދުﷲ މަސީހު
- ޕޮލިސް ސާޖަންޓު އަލީ ވަސީމް
ގާނޫނާ ޚިލާފަށް ރައީސް ޔާމީން ހައްޔަރުކުރަން އުޅުނު ކަމަށް ބުނާ މައްސަލައިގައި ނިހާނާދެކޮޅަށް ދައުލަތުން ސާބިތުކުރަން ބޭނުންވާ ކަންކަން:
- 7 ޖޫން 2015 ވަނަ ދުވަހުގެ ރޭ ދަންވަރު 2:45 ގައި އިތުރު ބަޔަކާ އެކު ކުރީގެ ޕީޖީ މުހުތާޒު މުހުސިންއާ ނިހާން ބައްދަލުކުރެއްވިކަން.
- މާމިގިލީ ކޯޓުގެ ތެރޭގައި ހުންނަވައި ކުރީގެ ޕީޖީ މުހުތާޒު އޭނައަށް އީމެއިލް އެޑްރެހަކާއި ޕާސްވޯޑެއް ދެއްވިކަން.
- އީމެއިލް އެޑްރެހަށްވަދެ އޭގައިވާ "މާފުށީ އަމުރު" ނަމަކަށް ކިޔާ ފައިލް ޑައުންލޯޑްކޮށް އެއަށް ގެންނަން ބޭނުންވާ އިސްލާހުތައް ގެނެސް ކޯޓު އަމުރެއް ކަމަށް ދައްކުވައިދޭ ލިޔުމެއް ތައްޔާރު ކުރެއްވިކަން.
- ލިޔުން ތައްޔާރު ކުރެއްވުމަށްފަހު ގާނޫނާ ޚިލާފަށް ރައީސް ޔާމީން ހައްޔަރުކުރަން އުޅުއްވިކަން.
ނިހާން މިއަދު ހެކީންގެ ގޮތުގައި ހުށަހެޅުއްވި މީހުންނަކީ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިންގެ މައްޗަށް ވެސް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާގެ ދިފާއުގައި ހެކީންގެ ގޮތުގައި ހުށަހަޅާފައިވާ މީހުންނެވެ.
އެ މައްސަލައިގެ ހެކިބަސް ނެގުން އޮންނާނީ މިމަހުގެ 31 ވަނަ ދުވަހުގެ 13:00 ގައެވެ.