12 May 2011, 21:16
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި އުމުރަށް ޖަލަށް ހުކުމްކޮށްފައި ތިބި ތިން ގައިދީއަކާ ތަފާތު އެކި މައްސަލަތަކުގައި 21 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ގައިދީއަކު، އާއިލާގެ ހަވާލުގައި ޑޮކްޓަރަށް ދައްކަން ހޯމް މިނިސްޓްރީން އަންގައިގެން މާލެ ގެނެސްފައި ވަނިކޮށް، ވީނުވީއެއް ނޭގިގެން އަނބުރާ ޖަލަށް ނުގެންދެވިފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބްލިޓޭޝަން ސާވިސަސް (ޑީޕީއާރުއެސް) އިން ބުނެފި އެވެ.
ހޯމް މިނިސްޓްރީން އަންގައިގެން މާލެ ގެނެސްފައިވާ އެ ހަތަރު ގައިދީންނަކީ މ. އެރޭބިއަންވިލާ، އިސްމާއިލް ޝަހީދު އާއި ތ. ކިނބިދޫ ގުލޭނޫރަންމާގޭ އާކިފް މުހައްމަދު އާއި، ށ. ފުނަދޫ ނަސީބު އަބްދުލް ރަހްމާން ހަސަން އަދި މ. ސިލްވާސާކް ގުރޭޝާ މުސްތަފާ އެވެ.
ޑީޕީއާރުއެސްގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ އެ ހަތަރު ގައިދީންނަކީ ޑޮކްޓަރަށް ދައްކާ ނިމުނީމާ އަނބުރާ ޖަލަށް ގެންދާ ގޮތަށް ގޭ ބަންދަށް ގެނެސްފައިވާ މީހުން ކަމަށެވެ. ނަމަވެސް ޑީޕީއާރުއެސްގެ ގާޑުން އެ ގައިދީން ނަގަން އެ ގޭގެއަށް ދާއިރު އެމީހުން ގޭގައި ނޫޅޭ ކަމަށާއި އެ ހަތަރު ގައީދީން ހޯދުމުގެ މަސައްކަތް މިހާރު އެ ޑިޕާޓްމަންޓުން ކުރަމުން ގެންދާ ކަމަށްވެސް ވިދާޅުވި އެވެ.
ރަޝީދު ވިދާޅުވީ ޑޮކްޓަރަށް ދައްކަން މާލެ ގެނެސް ގޭބަންދުގައި ބޭތިއްބުމުން އެގޮތަށް ފިލައިގެން އުޅޭ ގައިދީންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން އެމީހުން އަނބުރާ ޖަލަށް ގެންދާނީ ހައި ސެކިއުރިޓީ ގައިދީންގެ ގޮތުގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
" ހައިސެކިއުރިޓީ ގައިދީންގެ ގޮތުގައި ޖަލަށް ގެންދިޔައީމާ ބައެއް ކަހަލަ އިނާޔަތްތައް ކެނޑިގެން ދާނެ. މިސާލަކަށް ފޯން ކޯލް، އާއިލީ ބައްދަލުވުން ފަދަ ބައެއް އިނާޔަތްތައް ކެނޑޭނެ،" ރަޝީދު ވިދާޅުވި އެވެ.
ގައިދީން މާލެ ގެނެސް ޑޮކްޓަރަށް ދެއްކުމުގައި ވަރަށް ގިނަ ދަތިތަކާ ކުރިމަތިވަމުންދާ ކަމަށާއި ބައެއް ފަހަރު ޑޮކްޓަރުން މާފުއްޓަށް ގެންގޮސްގެން ވެސް ބަލިމީހުން ބަލާ ހަދާ ކަމަށް ރަޝީދު ވިދާޅުވި އެވެ. ނަމަވެސް އެފަދަ ގައިދީން މާލެ ގެންނަންޖެހެނީ އެކިއެކި ބަލިތަކަށް ހާއްސަ ޑޮކްޓަރުން ޖަލަށްދާން ޖެހިލުންވުމާއި ބައެއް ގައިދީންނަށް އެ ފުރުސަތު ދެވޭލެއް މަދުކަމުން ކަމަށެވެ.
މިހަތަރު ގައިދީންނާއެކު އިތުރު ގައިދީއަކު ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނެސް އާއިލާއާ ހަވާލުކުރުމަށް ހޯމް މިނިސްޓްރީން އަންގާފައިވާ ކަމަށް ދޭހަވާ ސިޓީއެއް ބައެއް އަންޑާ ގްރައުންޑް ވެބްސައިޓްތަކުގައި ވެސް ވަނީ އާއްމުވެކޮށްފަ އެވެ. އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖަލުތަކާ ބެހޭ ބައިގެ ކުރީގެ އެންމެ އިސްވެރިޔާ އަހުމަދު އާދިލް ސޮއިކުރައްވާ ޑީޕީއާރުއެސް އަށް މިއަހަރުގެ ޖެނުއަރީ މަހުގެ 27 ގައި ފޮނުއްވާފައިވާ ސިޓީގައި ބުނެފައި ވަނީ އެފަސް ގައިދީނަކީ އެކިފަހަރު މަތިން ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނެސް ޑޮކްޓަރަށް ނުދެއްކިގެން އަނބުރާ ޖަލަށް ގެންގޮސްފައިވާ ބައެއް ކަމަށެވެ. ޑީޕީއާރުއެސްގެ ބެލުމުގެ ދަށުން އެމީހުން މާލެ ގެނެސް އާއިލާއާ ހަވާލުކުރުމަށްފަހު، އާއިލާތަކުން އެމީހުން ޑޮކްޓަރަށް ދައްކާ ނިމުމުން އަނބުރާ ޖަލަށް ގެންދިއުމަށްވެސް އެސިޓީގައި ވަނީ އެދިފައިވެ އެވެ.
ރަޝީދު ވިދާޅުވީ އެސިޓީގައި ބުނެފައިވާ ފަސް ގައިދީންގެ ތެރޭގައި ހިމެނޭ ހއ. ދިއްދޫ ޕެލަސް، އިބްރާހިމް ޝަފީޤަށް ރައީސުލްޖުމްހޫރިއްޔާ މައާފްދެއްވާފައިވާ ކަމަށެވެ.
ކޯޓުން ބުނީ އެގައިދީންގެ ތެރެއިން އިސްމާއިލް ޝާހިދަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް އަތުގައި ބަހައްޓައިގެން 2007 ވަނަ އަހަރު އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ މީހެއް ކަމަށެވެ. އަދި ރައީސް މައާފްދެއްވާފައިވާ އިބްރާހިމް ޝަފީޤަކީ ހިޔާނާތުގެ މައްސަލައެއްގައި މިދިޔަ އަހަރު އެއް އަހަރާއި ނުވަ މަސްދުވަހަށް އަރުވާލުމަށް ހުކުމްކޮށްފައިވާ މީހެކެވެ.
އެފަސް މީހުންގެ ތެރެއިން އެންމެ ގިނަ މައްސަލަތައް ސާބިތުވެފައިވާ އާކިފް އަކީ 2009 ގައި ތަފާތު މައްސަލަތަކެއް އޭނާގެ މައްޗަށް ސާބިތުވެފައިވާ މީހެއް ކަމަށް ކޯޓުން ބުނެ އެވެ. އެގޮތުން ވައްކަމުގެ މައްސަލައެއްގައި ހަ މަސް ދުވަހަށް އަރުވާލުމަށާއި، ފޭރުމުގެ މައްސަލައެއްގައި އެއް އަހަރަށް އަރުވާލުމަށާއި، މާނާކުރެވިފައިވާ މަސްތުވާތަކެތި ބޭނުން ކުރުމަށް އަތުގައި ބަހެއްޓި މައްސަލައެއްގައި ހަ އަހަރަށް ޖަލަށް ލުމަށާއި، ވިޔަފާރިކުރާތަނަކުން ވައްކަންކޮށްގެން ހަތަރު އަހަރަށް ޖަލަށް ލުމަށާއި، ކައުންޓާފީޓް ނޫޓް އަތުގައި ބަހައްޓައިގެން ހަތަރު މަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާއިރު 2010 ގައި ފިހާރައަކުން ވައްކަންކޮށްގެން އާކިފް ވަނީ ހަތަރު އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ.
ހޯމް މިނިސްޓްރީން އަންގައިގެން މާލެ ގެނެސްފައިވާ އަނެއް ދެ ގައިދީންގެ ތެރެއިން އަބްދުލް ރަހްމާން ހަސަނަކީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް އަތުގައި ބެހެއްޓުމާއި ވިޔަފާރި ކުރުމުގެ ބޭނުމުގައި އަތުގައި ބެހެއްޓުމުގެ ކުށުގައި 2007 ގައި އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ މީހެކެވެ. އަދި ގުރޭސާ މުސްތޮފާ އަކީ މަސްތުވާތަކެތި ބޭނުންކުރުމާއި ބޭނުންކުރުމަށް އަތުގައި ބެހެއްޓުމާއި ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓިކަމުގެ ކުށުގައި 2006 ވަނަ އަހަރު އުމަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ މީހެއް ކަމަށްވެސް ކޯޓުގެ ރިކޯޑްތަކުން ދައްކަ އެވެ.
ޑޮކްޓަރަކަށް ދައްކަން މާލެ ގެނެސްފައިވާ އެ ފަސް ގައިދީންގެ ތެރެއިން އެކަކަށް މައާފްދެއްވާފައިވާއިރު ބާކީ ތިބި އަނެއް ހަތަރު ގައިދީން އަދިވެސް އުޅެމުންދަނީ މާލޭގައިކަން ސަން އަށް ވަނީ އިނގިފަ އެވެ.