ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއަށްފަހު ހިނގި ކަންތައްތަކާ ގުޅިގެން އުފުލާފައިވާ އަދުލުއިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ އަޑުއެހުމަށް ސިފައިންގެ އީއޯޑީ އެކްސްޕާޓަކު ހާޒިރުކުރަން ނިންމައިފި އެވެ.

އެ ދައުވާ އުފުލާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ސެކިއުރިޓީ އިންޗާޖު ކާނަލް އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) އާއި އޭނާގެ ދަށުން އެމްއެންޑީއެފްގައި މަސައްކަތްކުރި ސ. ފޭދޫ ބުލްބުލް އަހުމަދު ތިހާމާއި މާލޭ ދަތްފަތު 617 މޫސާ ޒަމީރުގެ މައްޗަށެވެ.

އެ ދައުވާ އުފުލާފައި ވަނީ ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއަށްފަހު ފަޔާޒު އެ ސަރަހައްދަށް ގޮސް އެތަނުގައި ހަރަކާތްތެރިވަމުންދިޔަ ސިފައިންގެ ބޭކަލުންނަށް އަމުރުމައުރޫފު ހިންގައި އެތަން އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށްފަހު ކުށުގެ ވެށި ރައްކާތެރިކޮށް ބެލެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ ގޮތުގައި އަޅާފައިނުވާތީ ކަމަށް ބުނެ އާއި ފަޔާޒުގެ އަމުރަށް ތިހާމާއި ޒަމީރު ލޯންޗުކޮޅަށް އަރައި ކުށުގެ ވެށިން ތަކެތި ނެގުމުގައި ކަމާގުޅުންހުރި ވަސީލަތްތައް ބޭނުންކުރުމަކާ ނުލައި އެއްވެސް ރައްކާތެރިކަމެއް ނެތި މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެހި ކުށުގެ ވެށިން ނަގައިގެން ގެންގޮސްފައިވާ ކަމަށް ބުނެ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ތިހާމްގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ އޭނާގެ ފަރާތުން އެމްއެންޑީއެފްގެ އީއޯޑީ އެކްސްޕާޓެއްގެ ނަން ޝަރީއަތަށް ވަނީ ހެކީންގެ ގޮތުގައި ހުށަހަޅާފައެވެ. ދައުލަތުން އެފަދަ އެކްސްޕާޓަކު ހުށަހަޅާފައެއް ނުވެއެވެ.

ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އަހުމަދު ރަޝީދު ވިދާޅުވީ ފުރަތަމަ ހާޒިރުކުރާނީ ޝަރީއަތުން ހާޒިރުކުރަން ބޭނުންވާ އެކްސްޕާޓް ކަމަށެވެ. އަދި އޭނާގެ ވާހަކަތަކަށް ބަލާއިރު ދިފާއުގައި ހުށަހެޅި އެކްސްޕާޓް ގެންނަން ނުޖެހޭނަމަ އޭނާ ހާޒިރު ނުކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ ދައުވާ ސާބިތުކުރަން ދައުލަތުން ސިއްރު ހެކީންގެ ގޮތުގައި ހުށަހަޅާފައިވާ ދެ މީހެއްގެ ހެކިބަސް ނެގުން މިއަދަށް އޮތީ ތާވަލްކޮށްފަ އެވެ. ނަމަވެސް ގާޒީ ވިދާޅުވީ އެ ދެ މީހުން ހާޒިރު ނުކުރެވޭތީ މިއަދު ހެކިބަސް ނެގޭގޮތް ނުވި ކަމަށެވެ. އަދި އަންނަ ޖޫން މަހުގެ ހަތް ވަނަ ދުވަހު އެ ދެ މީހުންގެ ހެކިބަސް ނެގުމަށް ބާއްވާ އަޑުއެހުން އޮންނާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.