22 Feb 2017, 16:22
ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ދިހަ ދުވަހަށް ގޭބަންދުގައި ބެހެއްޓުމަށްފަހު އަނެއްކާވެސް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު އަމުރުކުރީ 13 ދުވަހަށް ޒައިދު ފުލުހުންގެ ބަންދުގައި ބެހެއްޓުމަށެވެ. ސަބަބެއް ކަމަށް އަމުރުގައި ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައިއެވެ.
މިއީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ހަތަރު ވަނަ ފަހަރެވެ. ޒައިދު ހައްޔަރުކުރީ މިދިޔަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.

ފުލުހުންގެ ބެލުމުގެ ދަށުން މިއަދު ޒައިދު މާލެ ގެނެސްފައި --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
އޭނާ އަކީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނަށް ނިސްބަތްވާ ބޭފުޅެކެވެ. ސުލޫކީ މައްސަލައެއް ސާބިތުވެ އޭނާ ވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރުކަމުން ވަކިކޮށްފައެވެ.
އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަފްސީލު އަދި ނޭނގެއެވެ.