24 May 2016, 17:42
މ. ކޮޅުފުށި ކައިރިއަށް އަޑިއަށް ދިޔަ ދޯނީގައި ތިބި މީހުންނާއި، ދޯނިން އޮޔާދިޔަ ބައެއް މުދާ ހޯދައި ކޮޅުފުށްޓަށް ގެންގޮސްފި އެވެ.
މިއަދު ހެނދުނު ކޮޅުފުށި ނެރުމައްޗަށް އަޑިއަށް ގޮސްފައި ވަނީ މާލެއިން މުދާ ބަރުކޮށްގެން ގއ. ރެސިޑެންސް ރިސޯޓަށް ދަތުކުރި ދޯންޏެކެވެ.
އެ ދޯނި އަޑިއަށް ދިޔައީ މޫސުން ގޯސްވެ ދަތުރު ނުކުރެވޭވަރު ވުމުން ކޮޅުފުށްޓަށް ވަންނަން އުޅެނިކޮށް ބީހުމުގެ ސަބަބުންނެވެ.
ފުލުހުން ބުނީ ދޯނި އަޑިޔަށްދާން ފެށިއިރު ދޯނީގައި ހަތަރު މީހުން ތިބި ކަމަށާއި އެއީ ދިވެއްސަކާއި ތިން ބިދޭސީން ކަމަށެވެ. އެމީހުން ސަލާމަތްކޮށްގެން މިހާރު ވަނީ ކޮޅުފުށްޓަށް ގެންގޮސްފަ އެވެ.
ފުލުހުން ބުނީ ދޯނި އަޑިއަށް ދާކަމުގެ މައުލޫމާތު ލިބުމާއެކު ފުލުހުންނާއި ކޮޅުފުށީ ކައުންސިލާއި ރައްޔިތުން ގުޅިގެން އެދޯނި އޮތް ސަރަޙައްދަށްގޮސް ދޯނީގައި ތިބި މީހުން ސަލާމަތްކޮށް ދޯނީގައި ހުރި މުދާ ސަލާމަތް ކުރެވޭތޯ މަސައްކަތް ފެށި ކަމަށެވެ.
މީހުން ސަލާމަތް ކުރެވުނު ނަމަވެސް އެ ސަރަޙައްދުގެ މޫސުން ގޯސްވުމާއި ބޮޑު ދިޔަކަމަށްވުމާއެކު ދޯނިން މުދާ ސަލާމަތް ކުރުމުގައި ދަތިތައް ފޯރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
އެ ހާދިސާގައި ދޯންޏަށް ލޮނުއަރައި ދިޔަވެ އަޑިއަށް ދިއުމުގެ ސަބަބުން ދޯނީގެ ތަށްޓުމަތީގައިހުރި ގިނަ މުދާ ވަނީ އޮޔާގޮސްފަ އެވެ. އޮޔާދިޔަ ތަކެތީގެ ތެރޭގައި ކޮކާކޯލާ ކޭސްތަކާއި، ފެން ކޭސްތަކާއި، ގިނަ ޢަދަދެއްގެ ކައްކާތެޔޮ ހަމާއި ގޭސްފުޅިގެ އިތުރުން ފިޔާ ބަސްތާ އާއި އަލުވި ބަސްތާ އާއި ތަރުކާރީގެ ބާވަތްތައް ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.
ދޯނިން އޮޔާދިޔަ މުދާ ހޯދުމަށް މިއަދު ހެނދުނުއްސުރެ މަސައްކަތްކޮށް ގިނަ އަދަދެއްގެ މުދާ ހޯދައި އެތަކެތި މިހާރު ވަނީ ކޮޅުފުށްޓަށް ގެންގޮސްފަ އެވެ.
މިހާރުވެސް ދޯނީގައި ގިނަ އަދަދަކަށް މުދާ ހުރުމާއެކު ދޯންޏާއި ދޯނީގައި ހުރި މުދާ ސަލާމަތް ކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާއި ކޮޅުފުށިގެ ރައްޔިތުންނާއި ފުލުހުންނާއި ކައުންސިލް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން މިހާރުވެސް އަންނަނީ އެ ދޯނި ކައިރީގައި ހަރަކާތްތެރިވަމުންނެވެ.