24 May 2016, 17:48
އެންދަމަށް ޑައިވިނަށް ފައިބައިގެން އުޅުމުގެ ތެރޭގައި ޑިކޮމްޕްރެޝަންގެ މައްސަލަ ކުރިމަތިވި މީހަކަށް ފަރުވާ ދޭން ފަށައިފި އެވެ.
އެންދަމަށް ހަތަރު ފަހަރެއްގެ މަތިން ޑައިވިނަށް ފޭބުމާ ގުޅިގެން ޑިކޮމްޕްރެޝަންގެ މައްސަލަ ދިމާވެގެން ފަރުވާ ދެމުން އަންނަނީ ގދ.ގައްދޫ، ގްރީންވިލާ، އުމުރުން 32 އަހަރުގެ މުހައްމަދު އަފްރާހް އަށެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި އޭނާ ވަނީ މިއަދު 30 މީޓަރާއި 46 މީޓަރާ ދެމެދަށް ހަތަރު ފަހަރެއްގެ މަތިން ޑައިވިނަށް ގޮސްފަ އެވެ.
އޭނާ އަށް ގދ. ގައްދޫ ހެލްތު ސެންޓަރުގައި ފަރުވާ ދީފައިވާއިރު، އޭނާއަށް އިތުރު ފަރުވާ ދިނުމުގެ ގޮތުން ޝަންގްރިއްލާ ވިލިގިލީ ރިސޯޓްގެ ޑިކޮމްޕްރެޝަން ޗެމްބަރއަށް ލުމަށްޓަކައި، އެމްއެންޑީއެފް ސަދަން އޭރިއާގެ ކުރަނގި ހެލިކޮޕްޓަރުގައި މިހާރު އަންނަނީ ޝަންގްރިއްލާ ވިލިގިލީ ރިސޯޓަށް ދަތުރުކުރަމުންނެވެ.
ގައްދޫ ސިއްހީ މަރުކަޒުން ސަން އަށް ބުނީ، އަފްރާހު އެ މަރުކަޒަށް ގެންދެވުނީ ހެނދުނު 11:15 ހާއިރު ކަމަށާއި، އޭނާގެ ހާލު ހުރިގޮތުން އެ މަރުކަޒުން ފަރުވާ ނުކުރެވޭނެ ކަމަށާއި އައްޑު އަތޮޅަށް ގެންދަން ޑޮކްޓަރު ލަފާ ދެއްވި ކަމަށެވެ.
ޑީކޯ އަކީ ޑައިވް ކުރުމުގެ ތެރޭގައި ދިމާވާ ސިއްހީ މައްސަލައެއްގެ ސަބަބުން ހަށިގަނޑަށް ދިމާވާ ހާދިސާއެކެވެ. އެކަމުގެ ސަބަބުން ވާގި ދިއުމާއި މަރުވުން ފަދަ ހާދިސާތައް ދިމާވެއެވެ.