ގާހިރާ(މޭ 24): މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ފްރާންސުން މިސްރަށް ދަތުރު ކުރަނިކޮށް ވެއްޓުނު އިޖިޕްޓްއެއާ 804ގެ ބައިތަކާއި އިން ދަތުރު ކުރި މީހުންގެ ހަށިގަނޑުގެ ބައިތައް ދިރާސާ ކުރުމުން ލަފާ ކުރެވެނީ ެއެ ބޯޓު ވެއްޓުނީ އޭގެ ތެރޭގައި އެއްޗެއް ގޮވުމުން ކަމަށް ބެލެވޭ ކަމަށް މިސްރުގެ ފޮރެންސިކްސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

އެސޯސިއޭޓެޑް ޕްރެސްގައިވާ ގޮތުން ނަން ހާމަ ކުރަން ބޭނުން ނުވާ އެއޮފިޝަލަކީ ފްލައިޓް ވެއްޓުނު މައްސަލަ ތަހުގީގު ކުރަމުންދާ ޓީމަށް ނިސްބަތްވާ މީހެކެވެ. އަދި އޭނާ ވަނީ މެޑިޓެރޭނިއަން ކަނޑުން ފެނުނު ބޯޓުން ދަތުރު ކުރި މީހުންގެ ބައިތައް ޓެސްޓު ކުރުމުގައި ހަރަކާތްތެރިވެފަ އެވެ. ގާހިރާއަށް މިހާތަނަށް ގެނައި އިންސާނުންގެ ބައިތަކަކީ ކުދިކުދި ބައިތައް ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

"އޭގެ ތެރޭގައި ފުރިހަމައަށް އޮތް ގުނަވަނެއް ވެސް ނެތް. ފްލައިޓުގައި ގޮވީ ކޮން އެއްޗެއް ކަމެއް އަދި ބުނެވޭކަށް ނެތް،" އޮފިޝަލް ވިދާޅުވި އެވެ.

މިސްރުގެ ކަމާ ބެހޭ ފަރަތްތަކުން ތުހުމަތު ކުރާ ގޮތުގައި ބޯޓު ވެއްޓުނީ ޓެރަރިސްޓު ހަމަލާއެއްގެ ސަބަބުންނެވެ. އަދި ފްލައިޓު ވެއްޓުމުގެ ކުރިން ފްލައިޓު ތެޅުނު ކަމަށްވާ ނަމަ އެއިން ދޭހަ ވަނީ ފްލައިޓުގެ ތެރޭގައި ބޮމެއް ގޮވިކަން ނުވަތަ ކޮކްޕިޓުގެ ތެރޭގައި ހަމަނުޖެހުމެއް ހިނގިކަން ކަމަށް އޭވިއޭޝަނާ ބެހޭ ބައެއް ފަރާތްތަކުން ބުނެއެވެ.

މިހާރު ފެނިފައިވާ އިންސާނުންގެ ބައިތައް ނިސްބަތްވާ މީހުން ބެލުމަށް، ބޯޓުން ދަތުރު ކުރި މީހުންގެ އާއިލާތަކުން ވަނީ ޑީއެންއޭ ސާމްޕަލްތައް ދީފަ އެވެ.

ފްލައިޓް ވެއްޓެން ދިމާވި ސަބަބު ޔަގީން ކުރުމަށްޓަކައި ފްލައިޓުގެ ކަޅު ފޮށި ހޯދުމުގެ ގޮތުން މިސްރުން ވަނީ ސަބްމެރިނެއް ބޭނުން ކުރަން ފަށާފަ އެވެ. އަދި އިނގިރޭސިވިލާތާއި، ސައިޕްރަސް އާއި ފްރާންސާއި، ގްރީސް އަދި އެމެރިކާއަށް ނިސްބަތްވާ ފްލައިޓުތަކާއި ބޯޓުތަކުން ވެސް ދަނީ ފްލައިޓުގެ ބައިތަކާއި ކަޅު ފޮށި ހޯދުމަށް މަސައްކަތް ކުރަމުންނެވެ. (އޭޕީ)