އައިޖީއެމްއެޗު ކައިރީ ހުރި ސައިކަލްތަކެއްގައި ފުލުހުން ސްޓިކާ ޖަހަމުންދަނިކޮށް އެމަންޒަރު ފޮޓޯ ނެގުމުން ހަމްނާ ވަހީދު ހައްޔަރުކުރި މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅައިފި އެވެ.

ހަމްނާ މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ސައިކަލުތައް ޓޯ ކުރާ މަންޒަރު ފޮޓޯ ނެގުމުން ގާނޫނާ ހިލާފަށް އޭނާ ޕޮލިހަށް ގެންދިޔަ މައްސަލަ އެންއައިސީ އަށް ހުށަހަޅާފައިވާ ކަމަށެވެ.

ހަމްނާ ރޭ ބުނީ ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް އޭނާ ގެންދިޔުމަށް ފަހު ފުރަތަމަ ފުލުހުން ބުނީ ހައްޔަރުކޮށްފައި ވަނީ އަމުރަށްނުކިޔަމަންތެރިވި މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެފަދަ ކަމެއް ހިނގާފައި ނުވާނެ ކަމަށް ބުނުމުން ދެން އެންގީ ނަސޭހަތާއި އިންޒާރުގެ ލިޔުމެއްގައި ސޮއިކުރަން ކަމަށް ހަމްނާ ބުންޏެވެ.

އޭނާ ބުނީ ނަސޭހަތްދީ އިންޒާރުދެނީ ކުށެއް ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުންނަށް ކަމުގައިވާ އިރު، އޭނާ އަކީ އެއްވެސް ކުށެއްގެ ތުހުމަތު ކުރެވޭ މީހަކަށް ނުވާތީ އޭގައި ސޮއިކުރަން އިންކާރު ކުރާވާހަކަ ބުނި ކަމަށެވެ. އެގޮތަށް ބުނުމުން ކަންހިނގައި ދިޔަގޮތުގެ ބަޔާނެއް ނެގުމަށް ފަހު ރޭ 9:00 ގައި ދޫކޮށްލާފައިވާ ކަމަށް ހަމްނާ ބުންޏެވެ.

އެކަމާ ބެހޭ ގޮތުން ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ރޭ ސަން އަށް ވިދާޅުވީ ސްޓިކާ ޖަހާ މަންޒަރު ފޮޓޯ ނަގަނިކޮށް ހަމްނާ ހައްޔަރުކުރި ކުރުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށެވެ.