24 May 2016, 15:50
އަންނަ ސީޒަނުގައި ވެސް ޖަރުމަނުގެ ބަޔާން މިއުނިކުގައި މާރިއޯ ގޮޓްޒޭ ހުންނާނެ ކަމުގެ އިޝާރާތެއް ކޮށްފި އެވެ.
އަންނަ ސީޒަނުގައި ކާލޯ އެންޗެލޮޓީގެ އިރުޝާދުގެ ދަށުން ބަޔާން ނުކުންނަ އިރު، ފާއިތުވި ސީޒަނުގައި އަނިޔާގެ ސަބަބުން ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ބަޔާނަށް ގިނަ މެޗުތަކެއް ޖަރުމަން ފޯވަޑް ގޮޓްޒޭއަށް ކުޅެވިފައެއް ނުވެ އެވެ.
އަންނަ ސީޒަނުގައި ގޮޓްޒޭ ބަދަލުވާނީ އޭނާގެ ކުރީގެ ކްލަބު ބޮރޫޝިއާ ޑޯޓްމަންޑް ނުވަތަ އެ ކްލަބުގެ ކުރީގެ ކޯޗު ޖާޖެން ކްލޮޕްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ލިވަޕޫލްއަށް ކަމަށް ވެސް ހަބަރުތައް ބުނަމުންދެ އެވެ.
"އަހަރެން މި ބަލަނީ އަންނަ ސީޒަނުގައި މިއުނިކާއެކު ރަނގަޅު ސީޒަނެއް ހޭދަ ކުރުމަށް. ކާލޯ އެންޗެލޮޓީގެ އިރުޝާދުގެ ދަށުން ބާއްވާ ފުރަތަމަ ޓްރެއިނިންގައި އެންމެ ރަނގަޅު ފޯމުގައި ހުރިކަން އަހަރެން ދައްކަން ބޭނުން،" ބިލްޑް އަށް ދިން އިންޓަވިއުއެއްގައި ގޮޓްޒޭ ބުންޏެވެ.
ގޮޓްޒޭ އަކީ ބަޔާންގެ ވާދަވެރި ޑޯޓްމަންޑުން ވިދާލި ކުޅުންތެރިއެކެވެ. ޑޯޓްމަންޑުން ކްލަބު ކެރިޔަރު ފެށި ގޮޓްޒޭ، ބަޔާނާ ގުޅުނީ 2013 ވަނަ އަހަރު އެވެ.