ދެމެހެއްޓެނެވި ގޮތުގައި ހިންގާ ޓޫރިސްޓް ހޮޓެލްތަކާ ރިސޯޓުތަކަށް، ފަތުރުވެރިކަމުގެ ދާއިރާގައި ސައިންޓިފިކް ބެންޗްމާކިންގް ސެޓިފިކޭޝަން އަދި ލަފާ ދޭ ޖަމިއްޔާ "އާތު ޗެކް" އިން ދޭ ގޯލްޑް ސެޓިފިކޭޝަން، ޕާކް ހަޔަޓް މޯލްޑިވްސް ހަޑަހާ އަށް ލިބިއްޖެ އެވެ.

އާތު ޗެކްއިން މިހާތަނަށް ރާއްޖޭގެ ނުވަ ހޮޓެލްއަކާއި ރިސޯޓެއް ޗެކުކޮށް، އެތަންތަން ސެޓިފައި ކޮށްފައިވާ އިރު، ޕާކް ހަޔަޓް ހަޑަހާއަކީ ގޯލްޑް ސެޓްފިކޭޝަން ލިބުނު ދެވަނަ ރިސޯޓެވެ. އެންމެ ފުރަތަމަ ގޯލްޑް ސެޓްފިކޭޝަން ލިބިފައި ވަނީ ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް އަށެވެ.

ގއ. އަތޮޅުގައި އޮންނަ ހަޑަހާގައި ތަރައްގީ ކޮށްފައިވާ ފަސް ތަރީގެ ލަގްޒަރީ ރިސޯޓް ޕާކް ހަޔަޓް މޯލްޑިވްސްގައި، ރަނގަޅު ފަރެއް އޮންނަ އިރު، އެތަނަކީ ރާއްޖޭގެ އެންމެ އަރައިހުރި ޑައިވް ރިސޯޓެވެ.

ޕާކް ހަޔަޓް ހަަޑަހާއަށް މި އަހަރުގެ ވޯކްޑް ޓްރެވަލް އެވޯޑްސްގައި ލީޑިންގް ގްރީން ރިސޯޓުގެ އެވޯޑު ލިބުނު އިރު، އެ ރިސޯޓުގެ ޑައިވް އެންޑް އެކްޓިވިޓީ ސެންޓަރަށް ޕެޑީ ގްރީން ސްޓާ އެވޯޑެއް ވެސް ވަނީ ލިބިފަ އެވެ.

އެ ރިސޯޓަށް އާތު ޗެކްގެ ގްރީން ސެޓިފިކޭޝަން ލިބުމާ ގުޅިގެން، އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު މަރިއާނޯ ސިލްވެސްޓްރީ ވިދާޅުވީ، ތިމާވެށި ތަރައްގީ ކުރުމަށް ދެމެހެއްޓެނެވި މަސައްކަތްތަކެއް ކުރުމަށް އެރިސޯޓުން ދެމި އޮންނާނެ ކަމަށެވެ. އަދި ރިސޯޓު ހިންގާ ރަށުގެ ވަށައިގެންވާ ގުދުރަތީ މާހައުލު ހިމާޔަތް ކުރުމަށް ރިސޯޓުން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ވެސް އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ވިދާޅުވި އެވެ.