24 May 2016, 15:16
ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އެކަމަށްޓަކައި މިއަދު ހެނދުނު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު މުހައްމަދެވެ. އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ މުހައްމަދެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އޭސީޕީ އަހުމަދު މުހައްމަދު ވިދާޅުވީ މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން ފުލުހުންގެ ހިދުމަތް އަތޮޅުތަކަށް ފުޅާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކާމިޔާބެއް ލިބިގެން ދާނެ ކަމަށެވެ.
އަދި ހޯރަފުށީގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކީ ޑިވިޜަން ލެވަލްގައި ގާއިމު ކުރާ ސްޓޭޝަނެއް ކަމަށާއި އެ ސްޓޭޝަން އިމާރާތް ކުރެވޭނީ ޒަމާނީ ފެންވަރަކަށް ޒަމާނީ ވަސީލަތްތަކާއެކު ކަމުގައި ވިދާޅުވި އެވެ.
ހަމައެއާއެކު ހޯރަފުށި ހިމެނޭ ސަރަޙައްދަކީ ކުރިއަށް އޮތްތަނުގައި ތަރައްގީގެ ބޮޑެތި މަސައްކަތްތަކެއް ކުރިއަށްދާނެ ސަރަޙައްދަކަށްވާތީ، މިއަދު ސޮއިކުރި އެއްބަސްވުމަކީ އެކަމަށް ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި ދުރާލައި ފުލުހުން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ފެށުނު މަސައްކަތެއްކަމަށް ވެސް އޭސީޕީ ވިދާޅުވި އެވެ.
މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން އިމާރާތްކުރާ ޕޮލިސް ސްޓޭޝަންގައި ދެ ބުރީގެ އޮފީސް އިމާރާތަކާއި ތިން ބުރީގެ އެކަމަޑޭޝަން އިމާރާތެއްގެ އިތުރުން ގޮޅިބަރިއަކާއި ވެހިކަލް ޕާކްކުރާނެ ޝެޑެއް ހިމެނެ އެވެ.
ހޯރަފުށި ޕޮލިސް ސްޓޭޝަންގައި ހިމެނޭ އެކަމަޑޭޝަން އިމާރާތުގައި އެކަމަޑޭޝަންގެ އިތުރުން ބަދިގެއަކާއި މެސްރޫމާއި ސްޓޯރޭޖް ރޫމަކާއި ލޯންޑްރީ ރޫމަކާއި ރެކްރިއޭޝަން ރޫމަކާއި ނަމާދުކުރާނެ ކޮޓަރިއެއް ހުންނާނެ އެވެ. އަދި އޮފީސް އިމާރާތުގައި އެޑްމިނިސްޓްރޭޝަނާއި އިންވިއު ރޫމްތަކާއި ރިސެޕްޝަނާއި މީޓިންގ ރޫމަކާއި ކުލާސް ރޫމަކާއި އިންޗާޖް އޮފީހަކާއި އޮޕަރޭޝަން ރޫމެއް ވެސް ހިމެނެ އެވެ.
އެ މަސައްކަތް ނިންމަން އަމީން ކޮންސްޓްރަކްޝަން އިން އެއްބަސްވެފައި ވަނީ އެއް އަހަރު ދުވަހުގެ ތެރޭގަ އެވެ. ހޯރަފުށި ޕޮލިސް ސްޓޭޝަން އިމާރާތުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހު އެވެ.