ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއަށްފަހު ހިނގި ކަންތައްތަކާ ގުޅިގެން ކާނަލް އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ)ގެ މައްޗަށް އުފުލާފައިވާ ދައުވާތަކުން ދިފާއުވުމަށް ދިފާއީ ހެކީންގެ ގޮތުގައި ހުށަހެޅި ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝާހިދުގެ ހެކިބަސް ނުނަގަން އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ނިންމައިފި އެވެ.

ފަޔާޒުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ އަކީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ.

ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އަހުމަދު ރަޝީދު ވިދާޅުވީ ދިފާއުގައި ހުށަހަޅާފައިވާ ހެކީންގެ ތެރެއިން ބާކީ ތިބި ހެކީންގެ ހެކިބަސް ނުނަގަން ނިންމީ، ހެކި ހުށަހަޅާފައިވާ ސަބަބަށް ބަލާއިރު، އެ ހެކީންގެ ހެކިބަސް ނަގަން ނުފެންނާތީ ކަމަށެވެ.

ދިފާއުގައި ހުށަހެޅި ހެކީންގެ ތެރެއިން ހެކިބަސް ނަގާފައި ވަނީ ދައުލަތުން ހުށަހެޅި ހެކީންގެ ތެރޭގައި ހިމެނޭ ހެކީން އެކަންޏެވެ.

ޝިޔާމާއި ޝާހިދުގެ އިތުރުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދުގެ ނަން ވެސް ފަޔާޒުގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ވެއެވެ. އޭނާ ވެސް ހާޒިރު ނުކުރަން ވަނީ ނިންމާފަ އެވެ.

ޝިޔާމްގެ ހެކިބަސް ނުނަގަން ނިންމިއިރު، މިއަދު ހެނދުނު ބާއްވަން އުޅުނު އަޑުއެހުމުގައި ހެކިބަސް ދިނުމަށް ހާޒިރުވާން ކްރިމިނަލް ކޯޓުން ވަނީ އޭނާ އަށް އަންގާފަ އެވެ. ނަމަވެސް ފަހުން އެ ނިންމުން ބަދަލުކުރީ ކީއްވެ ކަމެއް ސާފެއް ނުވެއެވެ.

ގާޒީ ވިދާޅުވީ ހެކި ހުށަހެޅި ސަބަބު ބަޔާންކޮށް ފަޔާޒުގެ ފަރާތުން ކޯޓަށް ހުށަހެޅި ލިޔުމުގައި ވާގޮތުން، މިއަދު ހާޒިރުނުކުރަން ނިންމި ހެކީން ހުށަހަޅާފައި ވަނީ ފިނިފެންމާ ލޯންޗުކޮޅަށް ސިފައިން ނާރުވަން އެންގީ ޝިޔާމްކަން ސާބިތުކުރަން ކަމަށެވެ.

ފަޔާޒުގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ އެގޮތަށް ލިޔެވިފައި ވަނީ ލިޔުމުގެ ކުށަކުން ކަމަށާއި ރަނގަޅުގޮތަކީ ފިނިފެންމާ ލޯންޗުކޮޅަށް ސިފައިން އަރުވަން އެންގީ ޝިޔާމް ކަމަށެވެ.

ލިޔުމުގެ ކުށަކުން އެހެން ލިޔެވިފައި އޮތަސް ހެކީން ހުށަހަޅަނީ ފިނިފެންމާ ލޯންޗުކޮޅަށް ސިފައިން އަރުވަން އެންގީ ޝިޔާމްކަން ސާބިތު ކުރަން ކަމަށް ޝަރީއަތުގެ މަޖިލީހުގައި ފަޔާޒު ވިދާޅުވެފައިވާނެ ކަމަށާއި އެކަން އޭނާގެ ބަޔާންތަކަށް ބެލުމުން އެނގޭނެ ކަމަށް މަހުފޫޒު ވިދާޅުވި އެވެ.

ނަމަވެސް ގާޒީ ވިދާޅުވީ ކުރިން ފާހަގަކޮށްފައި ނުވާތީ މި މަރުހަލާއަށް ދިޔައިމަ ލިޔުމުގައިވާ ކުށް އިސްލާހު ނުކުރެވޭނެ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ވަނީ ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެއްކެއްގެ ހެކިބަސް ނަގާފައެވެ.

ހެކިބަސް ދެމުން އެމީހާ ބުނީ ފިނިފެންމާ ލޯންޗުކޮޅަށް ފުލުހުންނަށް ނޭރިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއެކު އޭރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމަށް ގުޅި ކަމަށެވެ.

ޑިފެންސް މިނިސްޓަރަށް ގުޅުމުން ވިދާޅުވީ ފުލުހުންނަށް ލޯންޗުކޮޅަށް އެރޭނެ ކަމަށާއި ފަޔާޒާ ގުޅިގެން އެކަން ކުރިއަށްގެންދިޔުމަށް ކަމަށް ހެކިބަސްދިން މީހާ ބުންޏެވެ.

އޭނާ ބުނީ ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމަށް ގުޅުމުން ފުލުހުންނަށް ލޯންޗުކޮޅަށް ނޭރޭ މައްސަލަ ބަލާނެ ކަމަށް ވިދާޅުވި ކަމަށެވެ.

އޭނާ ބުނީ ފަޔާޒަށް ގުޅުމުން ވިދާޅުވީ އީއޯޑީ ޓީމަށްފަހު ފުލުހުންނަށް ލޯންޗުކޮޅަށް އެރޭނެ ކަމަށެވެ. އަދި އެއީ އިންސްޓްރަކްޝަން އައިގޮތް ކަމަށް ފަޔާޒު ވިދާޅުވި ކަމަށް ހެކިބަސް ދިން މީހާ ބުންޏެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ އެ މައްސަލައިގެ ޚުލާސާ ބަޔާން ހުށަހެޅުން އަންނަ ޖޫން މަހުގެ ހަތް ވަނަ ދުވަހު އޮންނާނެ ކަމަށެވެ.