24 May 2016, 23:04
މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗެއްގެ ގޮތުގައި ހޯސޭ މޮރީނިއޯ ހަމަޖައްސައިފިނަމަ، އެއީ އެ ކްލަބުން ނިންމާ ވަރަށް ރަނގަޅު ނިންމުމަކަށް ވާނެ ކަމަށް ޔުނައިޓެޑުގެ ކުރީގެ ގޯލްކީޕަރު ޕީޓާ ޝޫމައިކަލް ބުނެފި އެވެ.
ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމުން ރަސްމީކޮށް ލުއިސް ވެންހާލް ދުރުކޮށްފައި ވަނީ އިއްޔެ އެވެ. އެއީ އެފްއޭ ކަޕުގެ ފައިނަލުގައި ކްރިސްޓަލް ޕެލަސް އަތުން 2-1 ލަނޑުން މޮޅުވެ، ޔުނައިޓެޑުން އެ މުބާރާތުގެ ތަށި 12 ވަނަ ފަހަރަށް އުފުލައިލިތާ ދެ ދުވަސް ފަހުންނެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ ފެށުން ރަނގަޅު ނުވުމުން އެ ކްލަބުގެ ކޯޗުކަމުން މޮރީނިއޯ ދުރުކުރިތާ ފަސް މަސް ފަހުން ޔުނައިޓެޑުން އޭނާ ހޯދުމަށް މަސައްކަތްކުރާ ވާހަކަތައް ކެނޑިނޭޅި ދެކެވެމުން ދިޔަ އެވެ.
"ކްލަބުގެ ވެރިންނަށް މޮރީނިއޯ ގެނައުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ. މޮރީނިއޯ އަކީ އެންމެ ރަނގަޅު ކޯޗުކަމަށް އެ މީހުން ދެކޭނަމަ، މާ ކުރިން ކޯޗުކަމުގެ މަގާމަށް އޭނާ ހަމަޖައްސާނެ. ޔުނައިޓެޑުގެ ވެރިން ކްލަބު ހިންގަން ވާނެ ގޮތާ ހިލާފަށް އެހެން ކްލަބުތަކުގައި މޮރީނިއޯ ކަންތައްތަކެއް ކުރި. ކްލަބުގެ ކޯޗެއްގެ ގޮތުގައި އޭނާ ހަމަޖައްސައިފި ނަމަ، އެއީ ރަނގަޅު ކަމަކަށް ވެގެންދާނެ،" ބީބީސީ ރޭޑިއޯ ފައިވް ލައިވްއަށް ދިން އިންޓަވިއުއެއްގައި ޔުނައިޓެޑާއެކު ހޭދަކުރި އަށް އަހަރުތެރޭ ފަނަރަ ތަށި ހޯދި އެ ކްލަބުގެ ކުރީގެ ގޯލްކީޕަރު ޝޫމައިކަލް ބުންޏެވެ.
އޭނާ ބުނީ، މޮރީނިއޯ ވަރަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށް ގަބޫލުކުރާ ކަމަށާއި ކޯޗުކަމަށް މޮރީނިއޯ ހަމަޖައްސައިފިނަމަ، ކްލަބުން މިހާރު މަދުވާ ކަންތައްތައް ފުރިހަމަކޮށް، ވަރުގަދަ ޓީމެއް ބިނާ ކުރަން ޖެހޭ ކަމަށެވެ.
"މިހާރު މޮރީނިއޯ އަކީ އެންމެ ވަރުގަދަ ކޯޗު ކަމުގައި މީހުން ދެކޭ. އޭނާއަކީ މެންޗެސްޓާ ޔުނައިޓެޑް ސަލާމަތް ކުރެވޭނެ ކޯޗު. ކޯޗުކަމަށް މޮރީނިއޯ ގެންނަން މިހާރު ވެސް ލަސްވެއްޖެ،" ޝޫމައިކަލް ބުންޏެވެ.
މޮރީނިއޯއަކީ ޗެލްސީގެ އިތުރުން ސްޕެއިންގެ ރެއާލް މެޑްރިޑާއި، އިޓަލީގެ އިންޓަ މިލާނާއި ޕޯޗުގަލްގެ ޕޯޓޯއަށް ވެސް ކާމިޔާބީތަކެއް ހޯދައިދީފައިވާ ކޯޗެކެވެ.