12 May 2011, 17:29
އެމްޑީޕީގެ އިންތިހާބުގައި ހޮވުމަށް ހަމަޖެހިފައިވާ އިސްތިއުނާފު ފަނޑިޔާރު މަޖިލީހަށް ޝަރުތުހަމަވާ ބޭފުޅުން ކުރިމަތިލައްވާފައިނުވާތީ، އަލުން އެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖައްސައި، ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވައިލައިފި އެވެ.
އެމްޑީޕީން އިންތިހާބާ ބެހޭ ކޮމިޓީން މިއަދު ބުނީ، މިދިޔަ މަހުގެ 30 ވަަނަ ދުވަހު ބޭއްވި އިންތިހާބުގައި އިސްތިއުނާފު ފަނޑިޔާރު މަޖިލީހަށް ކުރިމަތިލެއްވި ގިނަ ކެންޑިޑޭޓުންނަކީ ގައުމީ މަޖިލީހުގެ މެމްބަރުން ކަމަށާއި ނަމަވެސް، އިންތިހާބާ ބެހޭ ގަވާއިދުގައިވާ ގޮތުން ގައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނަށް އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތި ނުލެއްވޭނެ ކަމަށެވެ.
އެހެންކަމުން، އަންނަ މަހުގެ 18 ދުވަހު އަލުން އިސްތިއުނާފު ފަނޑިޔާރު މަޖިލީހަށް މެމްބަރުން އިންތިހާބުކުރުމަށް ވޯޓު ނަގާނެ ކަމަށް އެމްޑީޕީން ބުނެ އެވެ. އަދި އެ މަޖިލީހުގައި ހިމެނޭ ނުވަ ގޮނޑިއަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 31 ވަނަ ދުވަހުގެ 4:00 ގެ ކުރިން ނަން ހުށަހެޅުމަށް ވެސް ވަނީ ޕާޓީން އެދިފަ އެވެ.
ވެރިކަންކުރާ ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ދާއިމީ ނަތީޖާ ވެސް މިއަދު ވަނީ އިއުލާންކޮށްފަ އެވެ. ވަގުތީ ނަތީޖާ އާއި ދާއިމީ ނަތީޖާއާ މާ ބޮޑު ތަފާތެއް ނެތެވެ. އެގޮތުން ޕާޓީގެ ރައީސް ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓާ ޑރ. އިބްރާހިމް ދީދީ ހޮވިވަޑައިގެންނެވީ 11668 ވޯޓާއެކު އެވެ. އެ މަގާމަށް ވާދަކުރެއްވި ރައީސުލްޖުމްހޫރިއްޔާގެ އެންވޯއި، އިބްރާހިމް ހުސެއިން ޒަކީ އަށް ލިބިވަޑައިގަތީ 10590 ވޯޓެވެ.
ޑރ. ޑީޑީއާ ވާދަކުރައްވައި، 1078 ވޯޓުގެ ތަފާތަކުން ޒަކީ ނާކާމިޔާބުވެވަޑައިގެންނެވިއިރު، މިއީ ޕާޓީގެ ރައީސްގެ އިންތިހާބުން ޒަކީ ފެއިލްވެވަޑައިގެންނެވި ތިން ވަނަ ފަހަރެވެ.
އެމްޑީޕީގެ ނައިބު ރައީސްގެ މަގާމު އިދިކޮޅު ޑީއާރްޕީގައި ހުންނެވުމަށް ފަހު އެމްޑީޕީއާ ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ކާމިޔާބުކުރެއްވީ 13700 ވޯޓާއެކު އެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ހައުސިން މިނިސްޓާ މުހައްމަދު އަސްލަމަށް ލިބިވަޑައިގަތީ 7983 ވޯޓެވެ.
އެމްޑީޕީގައި 46125 މެމްބަރުން ތިބިއިރު މި އިންތިހާބުގައި ވޯޓުލާން ނުކުމެފައިވަނީ 22768 މީހުންނެވެ. އެއީ ޕާޓީގެ 49 ޕަސެންޓް މީހުންނެވެ. ނަމަވެސް، އެމްޑީޕީން ބުނަނީ، ވޯޓުލީ މީހުންގެ އަދަދާ މެދު ހިތްހަމަޖެހޭ ކަމަށެވެ.
އެމްޑީޕީން މިއަދު ދާއިމީ ނަތީޖާ ނެރުނުއިރު ހދ. ނޮޅިވަރަމް ދާއިރާގެ ރައީސާއި މަތި އުތުރު ޕްރޮވިންސްގެ ރައީސްގެ މަގާމުގެ ނަތީޖާ ނުނެރެެ އެވެ. އެއީ އެ ދެ ދާއިރާއާ ގުޅޭ ގޮތުން ހުށަހަޅައިފައިވާ ޝަކުވާތަކެއް ބަލަމުންދާތީ ކަމަށް އެމްޑީޕީން ބުނެ އެވެ.
އެގޮތުން ނޮޅިވަރަމް ދާއިރާއިން ހޮވިވަޑައިގެންނެވި އެންސްޕާގެ ޗެއާމަން އިބްރާހިމް ވަހީދުގެ މައްޗަށް ވައްކަމުގެ ކުށް ސާބިތުވެފައިވާތީ އޭނާ އެމަގާމަށް ޝަރުތު ހަމަނުވާކަމަށް ބުނެ އަމިއްލަ ފަރާތަކުން ވަނީ އިންތިހާބު ފެށުމުގެ ކުރިން ޝަކުވާ ހުށަހަޅައިފަ އެވެ. އިންތިހާބުގެ ގަވައިދުގައިވާ ގޮތުން ވާދަކުރެއްވޭނީ ފާއިތުވި 10 އަހަރުތެރޭ ޖިނާއީ ކުށެއް ސާބިތުވެފައި ނުވާ މީހަކަށެވެ. ނަމަވެސް، ސެޕްޓެމްބަރު 9، 2001 ގައި ވަހީދުގެ މައްޗަށް ވަނީ ވައްކަމުގެ ހުކުމެއް ސާބިތުވެ، ހުކުމް ތަންފީޒުވެސް ކޮށްފަ އެވެ.
އިންތިހާބާ ބެހޭ ކޮމިޓީން ބުނީ، އެ މައްސަަލަ ގައުމީ މަޖިލީހަށް ހުށަހަޅައިފައިވާ ކަމަށެވެ.
އެމްޑީޕީން ވެރިކަމާ ހަވާލުވުމަށްފަހު ބޭއްވި އެޕާޓީގެ އެންމެ ބޮޑު އިންތިހާބުގައި މާ ބޮޑެތި މައްސަލަތަކެއް ނުކުމެފައިނުވާ ނަމަވެސް، ގަދައިދުގައި ބުނެފައިވާ ތިން ދުވަހުގެ ތެރޭގައި ރަސްމީ ނަތީޖާ ނުނެރެވި، ދިގުދެމިގެންދިއުމާ ގުޅިގެން ޕާޓީއަށް ވަނީ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އަދި ވޯޓުލާން ނުކުތް އަދަދު މަދުކަން ވެސް ގިނަ ބަޔަކު ފާހަގަކުރެ އެވެ.