24 May 2016, 14:14
ރާއްޖޭގައި ރައްޔިތުން އާންމު ތަންތަނަށް އެއްވެ އުޅުމުގެ މިނިވަންކަން ލިބޭ މިންވަރާ ބެހޭ ގޮތުން، ވިލާތުގެ އިއްތިހާދުން ދިވެހި ސަރުކާރާ ސުވާލު ކޮށްފި އެވެ.
ޔޫރަޕިއަން ޔޫނިއަނުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޑޭލީ މިއަދު ވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރާ ބައްދަލު ކުރައްވައިފަ އެވެ. އަދި ރާއްޖޭގައި އެއްވެ އުޅުމުގެ މިނިވަންކަންދޭ ގޮތާއި މިންވަރާ މެދު އޭނާ ވަނީ ހޯމް މިިނިސްޓަރާ ސުވާލު ކުރައްވައިފަ އެވެ.
ޖަވާބުގައި، ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަހެއް އޮންނަނީ މާލޭގައި ކަމަށާއި މާލެ ފިޔަވައި ރާޢްޖޭގެ އެހެން ސަރަހައްދުތަކުގައި އެއްވެސް ހުރަހެއް ނެތި އެއްވެ އުޅުމުގެ މިނިވަންކަން އޮންނާނެ ކަމަށެވެ.
އަދި މާލޭގައި ވެސް މަގުތައް ފިޔަވައި އެހެން ސަރަހައްދުތަކުގައި އެއްވުން ބޭއްވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް، މާލޭގެ މަގުތަކުގައި މުޒާހަރާތަކާއި އެއްވުން ބޭއްވުން މަނާކުރީ މަގުތައް ތޮއްޖެހި، ދުއްވާ އެއްޗެއްސަށާއި ހިނގާ މީހުންނަށް ދަތިވާނެތީ ކަމަށް އުމަރު ވިދާޅުވި އެވެ.
ފަހަކަށް އައިސް މާލޭގައި އެއްވުމެއް ނުވަތަ މުޒާހަރާއެއް ނުވަތަ ހިނގާލުމެއް ބާއްވަން މަސައްކަތް ކުރާ، ގާތްގަނޑަކަށް ކޮންމެ ފަހަރަކު ހެން، އެ އެއްވުމެއް ނުބޭއްވޭނެ ކަމަށް ފުލުހުން ދަނީ އެއްވުން އިންތިޒާމު ކުރާ ފަރާތްތަކަށް އަންގަމުންނެވެ. ސުލްހަވެރިކަމާ އެކު އާންމު ތަންތަނަށް އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީގެ ދަށުން ކަށަވަރު ކުރެވިފައިވާ ހައްގެކެވެ.
ރާއްޖޭގައި އީ-ވޯޓިންގް ސިސްޓަމެއް ގާއިމު ކުރުމަށް ނިންމާފައިވާތީ، އެކަމާ ބެހޭ ގޮތުން ވެސް އީޔޫގެ ސަފީރު ވަނީ ހޯމް މިނިސްޓަރާ ސުވާލު ކުރައްވައިފަ އެވެ. ޖަވާބުގައި ހޯމް މިނިސްޓަރު ވިދާޅުވީ، އީ-ވޯޓިންގ ސިސްޓަމަކީ ރައްޔިތުންގެ އިތުބާރު ލިބޭ އެއްޗަކަށް ވާން ޖެހޭނެ ކަމަށާއި އެ ބޭނުން ކުރާނީ އެކަމަށް ރައްޔިތުން އެއްބަސްވާ ނަމަ ކަމަށެވެ.
އަދި މިއީ ދެކުނު ކޮރެއާގައި ވެސް ބެނުންކުރާ ސިސްޓަމް ކަމަށާއި ރާއްޖޭގައި އެ ސިސްޓަމް ބޭނުންކުރާ ގޮތް މޮނީޓަރު ކުރަން އެދޭ ބޭރުގެ ފަރާތްތަކަށް އެ ފުރުސަތު ވެސް ދެއްވާނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.