އައިޝްވާރިޔާ ރާއީ ބައްޗަންގެ ކުރީގެ ލޯބިވެރިޔާ، އަދި ކާމިޔާބު އެކްޓަރު ސަލްމާން ހާން އާ ގުޅިގެން ނޫސްވެރިޔަކު ސުވާލު ކުރުމުން އައިޝްވާރިޔާ ރުޅިގަދަވެއްޖެ އެވެ.

އައިޝްވާރިޔާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމު "ސަރަބްޖީތު" ޕްރިމިއާ ކުރުމަށް ފަހު ނޫސްވެރިންނާ އެކު ކުރިއަށް ދިޔަ އިންޓަވިއު އެއްގައި ނޫސްވެރިޔަކު ވަނީ އައިޝްވާރިޔާ، އެނާގެ ކުރީގެ ލޯބިވެރިޔާ ސަލްމާން ހާން އާ އެކު ފިލްމެއް ކުޅެފާނަންތޯ ސުވާލުކޮށްފަ އެވެ.

ނޫސްވެރިޔާގެ ސުވާލާ ގުޅިގެން އައިޝްވާރިޔާ އަށް ބޮޑު ޝޮކެއް ލިބުނު އިރު އޭނާ ވަނީ ވަގުތުން މުޅި އިންޓަވިއު ވެސް ހުއްޓުވާފަ އެވެ. އަދި މުޅި އިންޓަވިއުގެ ފުޓޭޖު ފުހެލުމަށް ވެސް ވަނީ އަންގާފަ އެވެ.

އެއަށް ފަހު އައިޝްވާރިޔާ ވަނީ ރުޅިގަދަވެ އެހެން ނޫސްވެރިން ވެސް މަންޒަރު ބަލަން ނުތިބެ އެތަނުން ދިއުމަށް އަންގައިފަ އެވެ.

ސަލްމާން އަދި އައިޝްވާރިޔާ އަކީ ކުރީގެ ލޯބިވެރިންނެވެ. އައިޝްވާރިޔާ އަށް ބޮލީވުޑުގައި ފައިތިލަ ސާބިތުކޮށް، ކާމިޔާބު އެކްޓަރަކަށް ވެވުނީ ސަލްމާންގެ ސަބަބުން ކަމުގައި ވެސް ބުނެވިދާނެ އެވެ.

އައިޝްވާރިޔާ އަދި ސަލްމާން ފިލްމެއްގެ މަންޒަރެއްގައި ---

ރިޕޯޓުތައް ބުނާ ގޮތުން ދެމީހުން ލޯބީގެ ގޮތުން ގުޅިފައި ވަނީ 1997 ވަނަ އަހަރު އެވެ. ނަމަވެސް ދެމީހުންގެ ގުޅުން މީޑިއާތަކާއި އާންމުންނަށް އެނގިގެން ދިޔައީ ދެމީހުން އެކުގައި ފެނިގެން ދިޔަ ކާމިޔާބު ފިލްމު "ހަމް ދިލް ދޭޗުކޭ ސަނަމް" އަށް ފަހު 1999 ވަނަ އަހަރު އެވެ.

ނަވާރަސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރު ދުނިޔޭގެ ރީތީގެ ރާނީކަން ހޯދުމަށް ފަހު އައިޝްވާރިޔާ ބޮލީވުޑަށް މިސްރާބު ޖެހި ނަމަވެސް އޭނާ އަށް މާ ކާމިޔާބު މަސައްކަތަކެއް ލިބިފައެއް، އަދި ކުރެވިފައެއް ވެސް ނުވެ އެވެ. ނަމަވެސް ސަލްމާނަށް އައިޝްވާރިޔާ ކަމުގޮސްގެން، އައިޝްވާރިޔާ އަށް ރަނގަޅު ރޯލުތަކެއް ހޯދައި ދިނުމަށް އެކު ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ގާތު އާދޭސް ކުރި އެވެ. "ހަމް ދިލް ދޭޗުކޭ ސަނަމް" އަކީ ވެސް ސަލްމާންގެ އާދޭސްތަކުގެ ސަބަބުން އައިޝްވާރިޔާ އަށް ލިބުނު ފިލްމެއް ކަމަށްވެ އެވެ.

ދެމީހުންގެ ގުޅުމަކީ ކާމިޔާބު ހިންދީ ފިލްމެއް އުފެއްދޭނެ ވަރުގެ، "މަސާލާ"ތައް ގިނަ ޑްރާމާ ބޮޑު ގުޅުމެކެވެ. ސަލްމާން އަކީ އޭރު ވެސް ކާމިޔާބު އެކްޓަރެކެވެ. ނަމަވެސް އައިޝްވާރިޔާ އޭރު އައީ ކާމިޔާބު އެކްޓަރަކަށް ވުމަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ސަލްމާން ކައިވެނި ކުރަން ބޭނުންވި ނަމަވެސް، ލިބެމުން ދިޔަ ކާމިޔާބަށް ހުރަސް އެޅިދާނެތީ އައިޝްވާރިޔާ ވަނީ ކައިވެންނަށް އިންކާރުކޮށްފަ އެވެ.

އައިޝްވާރިޔާ އަދި ސަލްމާން ---

އައިޝްވާރިޔާ ކައިވެންޏަށް އިންކާރު ކުރުމުން، އައިޝްވާރިޔާގެ ގެއަށް ގޮސް ސަލްމާން ވަނީ ވަރަށް އަޑުގަދަކޮށްފަ އެވެ. އަދި އިމާރާތު ފުންމާލާނެ ކަމަށް ވެސް ބުންޏެވެ. އެ މައްސަލަ ނިމުނީ ފުލުހުން ވެސް އައިސްގެން ކަމަށްވެ އެވެ.

ދެހާސް ދެވަނަ އަހަރު އައިޝްވާރިޔާ އާއި ސަލްމާންގެ ގުޅުން ނިންމާލީ އައިޝްވާރިޔާ އެވެ. އޭނާގެ މައިންބަފައިން އެ ގުޅުމަށް ގަބޫލު ނޫން ކަމަށާއި މައިންބަފައިން ނުރުހޭ އެއްވެސް ކަމެއް ނުކުރާނެ ކަމަށް ބުނަމުންނެވެ. އެހިސާބުން ސަލްމާން ވަނީ އައިޝްވާރިޔާ ފިލްމުގެ ޝޫޓިންތަކުގައި އުޅެނިކޮށް ޝޫޓިންތަކަށް ވެސް ވަރަށް ގަޑުބަޑު ހަދައިފަ އެވެ. ސަލްމާންގެ ސަބަބުން އައިޝްވާރިޔާ އަށް ލިބިފައި އޮތް ފިލްމަކުން އޭނާ ބާކީކޮށް، އެ ރޯލު ރާނީ މުކަރުޖީއަށް ވެސް ވަނީ ދީފަ އެވެ.

ކޮންމެ އަކަސް ދެމީހުންގެ ގުޅުން ނިމިގެން ދިއައީ މާ ރަނގަޅަކަށް ނޫނެވެ. އޭގެ އެތައް އަހަރެއް ފަހުން އަދިވެސް އެ ގުޅުން އޮތީ އެހެން ކަމަށް ގަބޫލު ކުރެވެ އެވެ.

ސަލްމާން އާ ވަކިވުމަށް ފަހު އައިޝްވާރިޔާ ލޯބީގެ ގޮތުންއ ގުޅުނީ އެކްޓަރު ވިވެކް އޮބްރޯއި އާ އެެވެ. މާ ގިނަ ދުވަހެއް ނުވެ އެ ގުޅުންވެސް ނިންމާލީ އައިޝްވާރިޔާ އެވެ.

އެއަށް ފަހު އައިޝްވާރިޔާ ދެން ގުޅުނީ މިހާރުގެ ފިރިމީހާ އަބީޝެކް ބައްޗަން އާއެވެ. (ސްޕޯޓްސްބޮއީ)