24 May 2016, 13:40
ތ. މަޑިފުށިން ފުރައިގެން އެ އަތޮޅު ވޭމަންޑޫއަށް ދަތުކުރަމުންދިޔަ ލޯންޗެއް ބަންޑުން ޖަހާލައި އެއިން ދަތުރުކުރި މީހުން ސަލާމަތްކޮށް ވޭމަންޑޫ އަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ ލޯންޗު ބަންޑުން ޖަހާލިކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މެންދުރު 12 ޖަހަން އުޅެނިކޮށް ކަމަށެވެ.
މިއަދު ހެނދުނު 9:30 ގައި މަޑިފުށިން ފުރި ލޯންޗު ބަންޑުން ޖަހާލާފައި ވަނީ ވޭމަންޑޫ ކައިރީ އޮންނަ ކަނި މީދޫ ކިޔާ ފަޅު ރަށެއްގެ ކައިރިއަށެވެ. ލޯންޗު ބަންޑުން ޖަހައިލި އިރު އޭގައި ހަތަރު މީހުން ތިބި ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ފުލުހުން ބުނީ ލޯންޗު ބަންޑުން ޖަހާލުމާއި އެކު އެ ހަތަރު މީހުން ފަތާފައި ގޮސް ކަނިމީދޫ ތޮށިމައްޗަށް އަރާފައިވާ ކަމަށާއި ފުލުހުން އެމީހުން ސަލާމަތް ކޮށްފައިވަނީ ތޮށިމަތީގައި ތިއްބައި ކަމަށެވެ.
ލޯންޗު ބަންޑުން ޖަހާލައި ހިނގި ދިސާގައި ހަތަރު މީހުންނަށްވެސް އެކި ވަރުގެ އަނިޔާ ލިބިފައިވީނަމަވެސް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން ލޯންޗު ބަންޑުން ޖަހާލާފައިވަނީ ވައިބާރުވެ ކަނޑު ގަދަ ވުމުގެ ސަބަބުން ކަން އެނގިފައިވާ ކަމަށެވެ.
އެ ހާދިސާގައި ބަންޑުން ޖަހާލި ލޯންޗު މިހާރު އޮތީ ކަނިމީދޫ ކިޔާ ފަޅުރަށާ ދިމާ ބޭރުގަ އެވެ. އަދި ލޯންޗު ސަލާމަތް ކުރުމުގެ މަސައްކަތް ލޯންޗުގެ ވެރިފަރާތާއި ފުލުހުންނާއި ރައްޔިތުން ގުޅިގެން ދަނީ ކުރަމުންނެވެ.