24 May 2016, 15:29
ރާއްޖޭގެ ލެޖެންޑަރީ މިޔުޒިޝަނެއް ކަމުގައިވާ އަހްމަދު ނާޝިދަށް ޓްރިބިއުޓް ޝޯ އެއް ދިނުމަށް މިސްކް މެގަޒިން އާއި ނެޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އަދި އެޒައިޑަން އާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
ޓީވީއެމްގައި އިއްޔެ ހެނދުނު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިސްކް މެގަޒިންގެ ފަރާތުންއެއްބަސްވުމުގައި ސޮއި ކުރެއްވީ މެގަޒިންގެ ފައުންޑާ ރިއާޔަތު އަބްދުލް މަޖީދާއި ކޯ-ފައުންޑަރ މުހައްމަދު ނަޖްވާން އެވެ. އެންސީއޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެތަނުގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަހްމަދު ނާޒިމެވެ. އަދި އެޒައިޑަންގެ ފަރާތުން ސޮއި ކުރެއްވީ އެތަނުގެ ޑައިރެކްޓަރު އޮފް އިވެންޓްސް އެންޑް އޮޕަރޭޝަންސް އަހްމަދު ހަމްޒޫނެވެ.
އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިސްކް މެގަޒިންގެ އެޑިޓަކަން ވެސް ކުރައްވަމުން ގެންދަވާ ރިއާޔަތު ވިދާޅުވީ އެ ޝޯއަކީ ނާޝިދަށް ދެވޭ ހަދިޔާއެއް ކަމަށެވެ.
އަހްމަދު ނާޝިދަށް ހާއްސަ ޓްރިބިއުޓް ޝޯ ބޭއްވުމަށް ނިންމާފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު އޮލިމްޕަހުގަ އެވެ. އެ ޝޯ ބާއްވަނީ މިސްކް މެގަޒިންގެ 22 ވަނަ އަދަދާ ގުޅުވައިގެންނެވެ. މިސްކް މެގަޒިންގެ 22 ވަނަ އަދަދަކީ އެ މެގަޒިންއަށް ހަ އަހަރު ފުރޭ އަދަދެވެ.
މިސްކް މެގަޒިން އިން ބުނީ އެ މެގަޒިންގެ 22 ވަނަ އަދަދަކީ ނާޝިދަށް ހާއްސަ ކުރެވިގެން ނެރެވުނު ފޮތަކަށްވެފައި ނާޝިދުގެ މިޔުޒިކީ ހިދުމަތުގެ އަގު ވަޒަން ކުރުމުގެ އިތުރަށް ފަންނުވެރި ޒުވާން މިޔުޒިޝަނުންތަކެއްގެ ހުނަރުވެރިކަމުގެ ތެރެއިން، ނާޝިދުގެ މިޔުޒިކު، އާއްމުންނާ ހަމައަށް ގެނެސްދިނުމަކީ ޝޯގެ އެންމެ މުހިންމު އެއް ބޭނުން ކަމަށެވެ.