25 May 2016, 09:25
ޓޯލުން ލިއިންތިހާބުކުރާ މަގާމުތަކުގައި ރަނގަޅު ގާބިލު މީހުން ނެތް ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ރައްޔިތުންގެ ފަރާތުން ބަސް ކިޔައި، ނިންމުންތައް ނިންމަން ތިބޭ ރައްޔިތުންގެ މަންދޫބުންނަކީ ތައުލީމީ އަދި ރައްޔިތުންނަށް އިހްލާސްތެރި ބައެއް ކަމަށް ނުވާ ކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ. އެހެންވެ އިންތިޚާބުތަކުގައި ބައެއް މީހުން ވޯޓުލުމުގެ ހައްގު ބޭނުން ނުކުރަނީ އެމީހުންނަށް ކަމުދާ ކެންޑިޑޭޓެއް ނެތް ކަމަށް ބުނެ އެވެ. ބައެއް މީހުން ކަމުދާ މީހަކު ނެތޭ ބުނެ ވޯޓު ގަސްތުގައި ބާތިލުކޮށްލާފައި ވެސް އެބަހުއްޓެވެ.
"ވޯޓު ލާ ވަރުގެ ކެންޑިޑޭޓެއް ނެތީމާ އަދި އެއްވެސް އިންތިހާބެއްގައި ވޯޓެއް ނުލަން" މިހާތަނަށް ބޭއްވި އެއްވެސް އިންތިހާބެއްގައި ވޯޓުލާފައި ނުވާ ދިވެހި ފިރިހެނަކު ބުންޏެވެ.
އޭނާ ބުނި ގޮތުން ރަނގަޅު ކެންޑިޑޭޓެއް ނެތް ކަމަށް ބުނެ ވޯޓު ލެވޭ ނަމަ އެ ގޮޅީގައި އޭނާ ފާހަގަ ޖަހާނެ އެވެ. އެގޮތަށް ތިބި ކިތަންމެ ބަޔަކު މި ކުޑަ ކުޑަ ރާއްޖޭގައި ވެސް އެބަތިއްބެވެ. އެއީ ރަނގަޅު ކެންޑިޑޭޓެއް ނެތުމުން އެ މީހުންނަށް މިހާރު އޮތް ހަމައެކަނި ގޮތަކީ އެއީ ކަމަށްވާތީ އެވެ. އެކަމަކު އެމީހުންގެ ހައްގުތައް ހޯދައިދޭން ވެސް އެބަޖެހެ އެވެ.
މީހުން ވޯޓުލާން ނުދިއުން ނުވަތަ ބާތިލު ވޯޓު މަދުކުރުމަށް ޓަކައި "ރަނގަޅު ކެންޑިޑޭޓެއް ނެތް" ކަމަށް ބުނެ ވޯޓު ދިނުމަށް ވޯޓު ކަރުދާހުގައި ގޮޅިއެއް ބެއިންދުމާ މެދު ވިސްނަންވެއްޖެ ނޫން ހެއްޔެވެ؟.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މީހަކު ވޯޓުލަނީ : ރަަނގަޅު ކެންޑިޑޭޓެއް ނެތް ކަމަށް ބުނުމުގެ ހައްގު ގިނަ ގައުމުތަކުން ލިބިދޭ --- ސަންފައިލް ފޮޓޯ
ރަނގަޅު ކެންޑިޑޭޓެއް ނެތް ކަމަށް ބުނެ ވޯޓު ލުމުގެ ހައްގު ރާއްޖޭގައި މިހާރު ނެތަސް، ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކުގައި އެ ހައްގު ފަހިކޮށްދީފައި އެބަހުއްޓެވެ. އެގޮތުން އިންޑިއާ، ގްރީސް، އެމެރިކާގެ ސްޓޭޓް އޮފް ނެވާޑާ، ޔޫކުރެއިން، ސްޕެއިން، ކޮލަމްބިއާ އަދި ބަންގްލަދޭޝް ފަދަ ގައުމުތަކުގައި ވެސް އިންތިހާބުތަކުގައި "ނޮން އޮފް ދި އެބޮވް" ނުވަތަ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ކަމަށް ބުނެ ވޯޓު ލުމުގެ ހައްގު ވަނީ ދީފަ އެވެ.
އަވަށްޓެރި އިންޑިއާ އަށް ބަލާއިރު އެގައުމުގައި "ނޮން އޮފް ދި އެބޮވް"ގެ ހައްގު އިންތިހާބުތަކުގައި ދިނުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން އަންގާފައި ވަނީ 2013 ވަނަ އަހަރު އެވެ. އެގޮތަށް އަންގައި ކުރި ހުކުމުގައި ބުނެފައި ވަނީ ތާއީދުކުރާ ކެންޑިޑޭޓަށް ވޯޓުލުމުގެ ހައްގު ދީފައިވާ އިރު އެމީހަކު ތާއީދުކުރާ ކެންޑިޑޭޓެއް ނެތް ކަމަށް ބުނުމުގެ ހައްގު ވެސް ދޭން ޖެހޭނެ ކަމަށެވެ. އަދި ބުނެފައި ވަނީ ބޮޑު ޕަސެންޓެއް ހުރިހާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނެ ވޯޓުލާ ނަމަ ތައުލީމީ ގާބިލު ރަނގަޅު ކެންޑިޑޭޓުން ނެރުމަށް ޕާޓީތަކަށް މަޖުބޫރުވާނެ ކަމަށެވެ.
އިންޑިއާގައި އެގޮތަށް ނިންމި ފަނޑިޔާރުންގެ ބެންޗުން ބުނެފައި ވަނީ ތާއީދުކުރާ އެއްވެސް ކެންޑިޑޭޓެއް ނެތް ކަމަށް ބުނެ ވޯޓުލުމުގެ ހައްގު ދިނުމަކީ މިނިވަންކަމާ އެކު ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ވެސް ފުރިހަމަ ކުރުމަށް ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ.
2013 ރިޔާސީ އިންތިހާބުގައި މީހަކު ވޯޓު ލަނީ : ރަނގަޅު ކެންޑިޑޭޓެއް ނެތިގެން ވޯޓު ނުލާ މީހުން ގިނަ ކަމަށް ތަޖުރިބާކާރުން ވިދާޅުވޭ -- ސަން ފޮޓޯ
ރާއްޖޭގައި އެފަދަ ބަދަލެއް ގެނެސްގެން ފައިދާތަކެއް ލިބޭނެ ކަމަށް އިންތިހާބުތަކުގެ މަސައްކަތުގައި ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ބޭފުޅަކު ނަން ހާމަ ނުކުރުމަށް އެދި 'ސަން' އަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހާއްސަކޮށް ލޯކަލް ކައުންސިލް އިންތިހާބުތަކުގައި ވޯޓުލާ މީހުންގެ އަދަދު ނިސްބަތުން މަދު ކަމަށެވެ. އެގޮތުން ބައެއް ފަހަރު އެންމެ 40 ޕަސެންޓް މީހުން ވޯޓުލާ ފަހަރު ވެސް އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ވަނީ އިންތިހާބުތަކުގައި އެކަށީގެންވާ ރަނގަޅު ކެންޑިޑޭޓުން ވާދަނުކުރާތީ ވޯޓުދޭ ވަރުގެ ކެންޑިޑޭޓެއް ނެތުމުން ކަމަށް އޭނާ ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ.
"އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރާ ކަމަށް ބުނެ ވޯޓުލުމުގެ ފުރުސަތު ދިނުމަކީ ހަމަ ވަރަށް ރަނގަޅު ބަދަލަކަށް ވެގެންދާނެ. އެއީ ވޯޓުލާ މީހުންގެ އަދަދު ގިނަވެގެންދާނެ. އަދި ހަމަ ޔަގީންކަމާ އެކު ބުނަން އެނގެނީ ގާބިލު ކެންޑިޑޭޓުން ފެނިގެންދާނެކަން. އޭގެ އިތުރުން ޕާޓީ ފިކުރަށް ވޯޓުލާ ގައުމެއްގައި އަމިއްލަ ހިޔާލަށް ވޯޓުލުމުގެ ފުރުސަތު ކޮންމެވެސް ވަރަކަށް ފަހިވެގެންދާނެ ކަން،" އޭނާ ވިދާޅުވި އެވެ.
އޭނާ ފާހަގަކުރާ ގޮތުން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރާ ކަމަށް ބުނެ ވޯޓުލުމުގެ ހައްގު ދީގެން ލިބޭނެ ގެއްލުމަކީ ގިނަ ބަޔަކު ތާއީދުކުރާ ކެންޑިޑޭޓެއް ނެތިގެން ދެވަނަ ބުރަކަށް ދާން ޖެހުމެވެ. އެހެންވެއްޖެ ނަމަ ދައުލަތުން އިންތިހާބުތަކަށް ކުރަން ޖެހޭ ހަރަދު ބޮޑުވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
2013 ރިޔާސީ އިންތިހާބުގައި މީހަކު ވޯޓު ލަނީ : ރަނގަޅު ކެންޑިޑޭޓެއް ނެތިގެން ވޯޓު ނުލާ މީހުން ގިނަ ކަމަށް ތަޖުރިބާކާރުން ވިދާޅުވޭ -- ސަން ފޮޓޯ
ގިނަ ބުރަކަށް އިންތިޚާބު ބާއްވަން ޖެހިގެން ބޮޑު ހަރަދަކަށް ވެދާނެތީ ބައެއް ގައުމުތަކުގައި އެކަމަށް ރަނގަޅު އުސޫލުތަކެއް ވެސް ކަނޑައަޅާފައި އެބަހުއްޓެވެ. އެގޮތުން ނެވާޑާ އަދި އިންޑިއާގައި ނިންމާފައި ވަނީ ގިނަ އަދަދެއްގެ ބަޔަކު "ނޯ ވޯޓް" ދީފި ނަމަ ދެން އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓެއް އިންތިހާބުވީ ކަމަށް ނިންމުމެވެ. ރާއްޖޭގައި ވެސް ވޯޓިން ސިސްޓަމަށް އެފަދަ އުސޫލުތަކެއް ކަނޑައެޅިދާނެ އެވެ.
ނޯ ވޯޓް ބަޓަންއެއް ތައާރަފް ކުރުމަށް ގާނޫނީ ގޮތުން ގެންނަން ޖެހޭ ކޮންމެ ބަދަލަކަށް ތާއީދު ކުރާނެކަން ފާހަގަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވަނީ އެ ބަދަލަކީ ރަނގަޅު ބަދަލެއް ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ރައްޔިތުންނަށް މިހާރު ކޮންމެވެސް އެއް ކެންޑިޑޭޓަކަށް ވޯޓުލާން މަޖުބޫރުވާ ކަމަށެވެ. ތާއީދު ނުކުރާ ނަމަ ބާތިލު ވޯޓުލުން ނުވަތަ ވޯޓު ނުލުމަކީ ހަމައެކަނި މިހާރު އިހުތިޔާރު ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެހެންކަމުން އެފަދަ ބަދަލަކީ ރައްޔިތުން މަޖުބޫރުން ސަލާމަތް ކުރުމަށް ކުރެވޭނެ ކަމެއްކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.
"ހާއްސަކޮށް ރިޔާސީ އިންތިހާބުގައި އަޅުގަނޑު ހަމަ ފާހަގަކޮށްލަން ރައްޔިތުންނަށް އެބަ މަޖުބޫރުވޭ ކޮންމެސް އެއް ކެންޑިޑޭޓަކަށް ވޯޓުލާން. އެހެންވީމަ ނޯ ވޯޓް ތައާރަފް ކުރުމަކީ މަޖުބޫރީ އަކުން ސަލާމަތް ކުރުން. އޭގެ އިތުރުން ވަރަށް ބޮޑަށް ހައްގުތައް ހިމާޔަތްވެގެންދާނެ. އެހެންވީމާ ތިފަދަ ބަދަލެއް ގެންނަން ގާނޫނަށް ގެންނަ ކޮންމެ ބަދަލަކަށް އަޅުގަނޑު ތާއީދު ކުރާނަން،" އަލީ ހުސައިން ވިދާޅުވި އެވެ
ރިޔާސީ އިންތިހާބުގެ ވޯޓު ގުނަނީ: ރަަނގަޅު ކެންޑިޑޭޓެއް ނެތް ކަމަށް ބުނުމުގެ ހައްގު ގިނަ ގައުމުތަކުން ލިބިދޭ --- ސަންފައިލް ފޮޓޯ
މިފަދަ ބޮޑު ނިންމުމެއް ނިންމާ ނަމަ އެންމެ މުހިންމުކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ސިޔާސީ އެންމެ ބޮޑު ދެ ޕާޓީގެ ތާއީދު ހޯދުމެވެ. މިކަމާ ގުޅޭ ގޮތުން އެމްޑީޕީ އަދި ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުންނަށް ގުޅާލުމުން އެ ބޭފުޅުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ރަނގަޅު ކެންޑިޑޭޓެއް ނެތް ކަމަށް ބުނެ އިންތިޚާބުގައި ބަސް ބުނުމުގެ ހައްގު ދޭން އެބަޖެހެ އެވެ. އޭގެ ބަދަލުގައި ވޯޓު ނުލުން ނުވަތަ ބާތިލު ވޯޓެއް ލުން އެއީ ހައްލެއް ނޫނެވެ. ޑިމޮކްރަސީގައި ކަންކަން ނިންމަނީ މެޖޯރިޓީން ކަމަށްވިޔަސް މައިނޯރިޓީގެ ހައްގު ވެސް އެބަ އޮންނަން ޖެހެ އެވެ. އެ މީހުންނަށް ވެސް އެ މީހުންގެ ބަސް އިއްވެން އެބަޖެހެ އެވެ.
ހުރިހާ ރައްޔިތުންގެ ހައްގުތައް ވެސް ކަށަވަރުކޮށް ދިނުމަކީ ދައުލަތުން ކުރަން ޖެހޭ ކަމެކެވެ. އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރާ ކަމަށް ބުނެ ވޯޓުލުމުގެ ފުރުސަތު ދީގެން ގިނަ ބައެއްގެ ހައްގު ހިމާޔަތް ވެގެންދާ ނަމަ އެކަން ކުރަން އެބަޖެހެ އެވެ. އެއީ ގާބިލު މީހުން މަގާމުތައް ގެންނަން އެޅޭ ބާރަކަށް ވެސް ވެގެންދާނެ އެވެ. ނަމަވެސް ބަދަލު ވެސް ގެންނަން ޖެހޭނީ ދައުލަތަށް ވެސް ހަރަދުތައް ކުޑަވާނެ ގޮތަކަށެވެ.