އެތުލެޓިކޯ މެޑްރިޑް ދޫކޮށް ދިއުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އެ ކްލަބުގެ ސްޕެއިން މިޑްފީލްޑަރު ކޮކޭ ބުނެފި އެވެ.

އެތުލެޓިކޯ ދޫކޮށް ނުދާނެ ކަމަށް ކޮކޭ ބުނެފައިވާ އިރު، އޭނާ ހޯދުމަށް އިނގިރޭސިވިލާތުގެ މެންޗެސްޓާ އަށް ނިސްބަތްވާ ދެ ކްލަބު ކަމަށްވާ މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތްކުރާ ކަމަށް ހަބަރުތައް ބުނެ އެވެ.

ޑިއޭގޯ ސިމިއޯނީގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އެތުލެޓިކޯ އަށް އުމުރުން 24 އަހަރުގެ ކޮކޭ މިހާތަނަށް ވަނީ 250 އަށްވުރެ ގިނަ މެޗު ކުޅެފަ އެވެ.

"އެތުލެޓިކޯގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރުމަކީ އެންމެ ރަނގަޅު ކަންތައް. ރަނގަޅު އަދި ގޯސް ދަނޑިވަޅުތަކުގައި ވެސް އެތުލެޓިކޯ ކުޅުންތެރިއެއްގެ ގޮތުގައި ހުންނަން ޖެހޭ. އެތުލެޓިކޯއަކީ ވަރަށް ހާއްސަ ކުލަބެއް. އެއީ އާއިލާއެއް. އެއީ ކޮންމެ ކުޅުންތެރިޔަކު ވެސް އެކަކު އަނެކަކަށް އެހީތެރިވާ ކުލަބެއް،" އޮންޑާ ސެރޯސް އަލް ޕްރިމާ ޓޯގް އަށް ދިން އިންޓަވިއުއެއްގައި ކޮކޭ ބުންޏެވެ.

ކޮކޭ ބުނީ، އޭނާ ބަލަނީ ފައިސާއަށް ނޫން ކަމަށާއި އޭނާ އެތުލެޓިކޯގައި ހުރީ އުފަލުގައި ކަމަށެވެ. އަދި ކޮކޭ ކުޅެމުންދަނީ އެންމެ ކުޑައިރުއްސުރެ އޭނާ ބަލަމުންދާ ކުލަބަށް ކަަމަށް ވެސް އޭނާ ބުންޏެވެ.

"އެތުލެޓިކޯ ހިމެނިފައި ވަނީ އެންމެ މޮޅު ކުލަބުތަކުގެ ތެރޭގައި. އަހަރެން ކިހިނެތް މި ކުލަބު ދޫކޮށް ދާނީ؟ އަހަރެން ކީތްކުރަން މި ހުރިހާ ކަމެއް ދޫކޮށް ދާނީ؟،" ކޮކޭ ބުންޏެވެ.

މި ސީޒަނުގައި އެތުލެޓިކޯ ކުޅޭ ފަހު މެޗަކީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު އިޓަލީގެ މިލާނުގަ އެވެ. އޭގެ ކުރިން 2014 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވެސް މި ދެޓީމު ބައްދަލުކުރި އެވެ. އެ މެޗު 4-1 ލަނޑުން ކާމިޔާބޮށް، އެ ފަހަރުގެ ޗެމްޕިއަންކަން ހޯދީ ރެއާލް އިންނެވެ.