ގއ. ދާންދޫ ކައުންސިލަށް ހިދުމަތް ހޯދަން ދިޔަ މީހެއްގެ ކަރުގައި ހިފާ، މާރާމާރި ހިންގި ކަމުގެ ތުހުމަތުގައި ލޯކަލް ގަވަރުމަންޓު އޮތޯރިޓީން (އެލްޖީއޭ) އެ ކައުންސިލުގެ ނައިބު އިގުބާލު އަބްދުﷲ ސަސްޕެންޑުކޮށްފި އެވެ.

އެލްޖީއޭގެ މީޑިއާ އޮފިސަރު އަބްދުﷲ އަޒުމީނު "ސަން"އަށް މިއަދު ވިދާޅުވީ ދާންދޫ ކައުންސިލުގެ ނައިބު ރައީސް އިގުބާލު ސަސްޕެންޑު ކުރީ މިއަދުން ފެށިގެން އެއްމަސް ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

"އޭނާ ސަސްޕެންޑު ކުރީ ސުލޫކީ މައްސަލައަކާ ގުޅިގެން. އެއް މަސް ދުވަހުގެ މުއްދަތަށް އޭނަ ސަސްޕެންޑުކުރީ،" އަޒުމީނު ވިދާޅުވި އެވެ.

ކައުންސިލަރަކު ސަސްޕެންޑްކޮށްފައި ހުންނަ މުއްދަތުގައި މުސާރައެއް ނުހިނގާނެ އެވެ. އަދި އިނާޔަތެއް ވެސް ނުލިބޭނެ އެވެ.

ކައުންސިލަށް ހިދުމަތް ހޯދަން ދިޔަ މީހެއްގެ ކަރުގައި ހިފި މައްސަލައާ ގުޅިގެން އިގްބާލް ހައްޔަރު ކުރުމަށްފަހު ފަހުން ވަނީ ދޫކޮށްލާފަ އެވެ. އަދި މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީސް (ޕީޖީ)އަށް ފޮނުވި އެވެ.

އިގުބާލު "ސަން"އަށް މިއަދު ވިދާޅުވީ ޕީޖީން ނިންމާފައި ވަނީ އޭނާގެ މައްޗަށް ދައުވާ ނުކުރުމަށެވެ. އަދި ވިދާޅުވީ ޕީޖީއަށް ދައުވާ ކުރަން ފޮނުވި މައްސަލާގައި ބުނެފައިވާ ކަންތައްތަކާއި އެލްޖީއޭއިން އޭނާގެ މައްޗަށް ކުރާ ތުހުމަތު ތަފާރު ކަމަށެވެ.

ސަސްޕެންޑު ކުރިކަން އެނގި ސިޓީގައި އެލްޖީއޭއިން ބުނެފައި ވަނީ މީހެއްގެ ކަންފަތްމަތީގައި އިގްބާލް ޖެހި ކަމަށާއި ނަމަވެސް އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވީ "މީހެއްގެ ކަރުގައި ހިފާ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި" ކަމަށް އިގުބާލު ވިދާޅުވި އެވެ

"އެ މައްސަލާގައި އަޅުގަނޑު ހައްޔަރުކުރި، ޕީޖީއަށް މައްސަލަ ފޮނުވި. ނަމަވެސް މިހާރު ޕީޖީން އެ މައްސަލަ އަނބުރާ ގެންގޮސްފައި ވަނީ. އެހެންވީމަ އަޅުގަނޑު ގަބޫލެއް ނުކުރަން އެއް ކުށަކަށް ދެ އަދަބެއް ލިބެން ޖެހޭނެ ކަމަކަށް. އެއީ މި ދެންނެވިހެން ހައްޔަރުކޮށް ޕީޖީއަށް މަައްސަލަ ފޮނުވުމުގެ އިތުރުން އަޅުގަނޑު އެއް މަސް ދުވަހަށް ސަސްޕެންޑު ކުރި،" އިގުބާލު ވިދާޅުވި އެވެ.

އިގުބާލު ވިދާޅުވީ އެލްޖީއޭގެ ނިންމުން އޭނާ ގަބޫލު ނުކުރާ ކަމަށެވެ.