ޓީވީ އާއި އަޑުގެ މުދަލާއި ފައިސާ އާއި މުވައްޒަފުން 20 ދުވަހުގެ ތެރޭގައި އެމްބީސީއާ ހަވާލު ކުރަން ސިވިލް ކޯޓުން މިއަދު ކުރި ހުކުމަށް ފަހު އެމްއެންބީސީން ލޯނެއް ނެގި ނަމަވެސް އަދި މާލީ އެހެން ކަމަކާ ޒިންމާވާން ޖެހުނަސް އެ ޒިންމާއެއް ފަރުދީ ގޮތުން ނަގަން ޖެހޭނީ އެމްއެންބީސީ ބޯޑުގައި ތިއްބެވި މެންބަރުން ކަމަށް އެމްބީސީގެ ވަކީލު އާއިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ.

އެމްބީސީ މައްސަލައާ ބެހޭ ގޮތުން ދި ޓީވީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާޒިމާ މިއަދު ވިދާޅުވީ، ސިވިލްކޯޓުގެ ހުކުމަކީ ގާނޫނު މާނަ ކުރުމެއް ކަމަށާއި އެކަމުގެ ސަބަބުން އެމްބީސީއަށް މިހާރު ހައްގުތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިސްތިއުނާފް ކުރައްވާނެ ކަމަށް އެޓާނީ ޖެނެރަލް އަބުދުﷲ މުއިއްޒު ވިދާޅުވެފައިވާ ވާހަކައަށް އިޝާރާތް ކުރައްވައި އާޒިމާ ވިދާޅުވީ، ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން ލަސް ކޮށްދިނުމަށް ދައުލަތުން ކޯޓުގައި އެދުނު ނަމަވެސް މިހާރު ކޮށްފައިވާ ހުކުމަށް ބަދަލު ނާންނާނެ ކަމަށެވެ. އަދި އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވާ މުއްދަތުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އަންނަ އާދިއްތަ ދުވަހު ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތުން އެމްބީސީގެ ބޯޑުގެ އެދުމުގެ މަތިން، ފްރެކިއުންސީތައް ހުއްޓުވުމާއި ބޭންކް އެކައުންޓްތައް ފްރީޒް ކުރުން ފަދަ ފިޔަވަޅުތައް އެޅުމާ މެދު ވިސްނަމުންދާ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.

އެމްބީސީ ބޯޑުގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު ވިދާޅުވީ، ސިވިލް ކޯޓުން ހުކުމް ކޮށްފައިވާ 20 ދުވަހުގެ މުއްދަތުގައި އެމްއެންބީސީން މިހާރު ބޭނުން ކުރަމުން ގެންދާ އެމްބީސީގެ މުދާ ސަރުކާރުން ހަވާލު ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ވާހަކަ ދައްކައިގެން އެކަން ކުރުމަށްޓަކައި، އަންނަ އާދިއްތަ ދުވަހު މަސައްކަތް ފައްޓަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މަނިކު ވިދާޅުވީ، އެ މައްސަލައަށް ވަކި ގޮތެއް ނުނިމެނީސް އެމްއެންބީސީން ބޭނުން ކުރަމުންދާ އެއްވެސް މުދަލަކަށް އެއްވެސް ގޮތެއް ނެހެދުމަށް ކޯޓުން ހުކުމްކޮށްފައި ވަނިކޮށް، ރަށްރަށުގައި ދިވެހި ރާއްޖޭގެ އަޑުގެ ބިމުގެ ގޮތުގައި ހުރި ތަންތަނާއި މީޑިޔާ ސެންޓަރުތައް ދޫކޮށްލުމުގެ މަސައްކަތް އެމްއެންބީސީން ކުރާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ކޯޓުގެ ހުކުމާ އެއްގޮތަށް މުދަލާއި ތަކެތި ލިބުމުން، އެމްއެންބީސީ ވަން އާއި ރާއްޖެ ރޭޑިއޯގެ ނަމުގައި މިހާރު ހިންގަމުންގެންދާ ތަންތަން އެމްދީސީން ކުރިއަށް ގެންދަންފަށާނީ ދިވެހި ރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްޑިވްސްގެ ނަމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ތަންތަން އެމްބީސީން ހިންގަމުން ދިޔަ ނަމަވެސް ތަނުގައި މިހާރުތިބި މުވައްޒިފުންނަށް ގާނޫނުތަކުން ލިބިދޭ ރައްކާތެރިކަން ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.