29 Apr 2010, 14:10
19:00
ބޭންކަށް ފައިސާ ޖަމާކުރަންދިޔަ ދެ މީހަކަށް ތޫނު ހަތިޔާރުން ބިރުދައްކައިގެން ހަތް ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް މައްސަލައެއްގައި މީހަކު 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.
ޖިނާއީ ކޯޓުން ކޮށްފައިވާ އެ ހުކުމުގައި ވަނީ ގދ. ރަތަފަންދޫ، އެއްގަމުގޭ އަހުމަދު ޝަރީފާއި މއ. ސައުތުލޫމް އަހުމަދު ޝިފާޒް އިސްމާއިލް އަދި ހ. ކަނޑުފިނިގޭ އަބްދުﷲ ޝިފާހުގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވާ، ގްރޫޕް ހަދައިގެން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން، ދިހަ ހާސް ރުފިޔާއަށްވުރެ މަތީ އަގުހުރި މުދަލަކުން، ފޭރުމުގެ ކުށުގައި ދައުވާ ޝަރީއަތުން ބެލިއިރު، މިތިން މީހުންގެ ތެރެއިން އަބްދުﷲ ޝިފާއު އިންކާރުކުރިކަމުގައި ވިޔަސް، އޭނާގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ.
އެގޮތުން މިދިޔަ އަހަރުގެ ނޮވެންބަރ މަހުގެ 15 ވަނަ ދުވަހު މާލޭގައި ހުންނަ " ތޫރި" ފިހާރައިގައި މަސައްކަތްކުރާ ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލާގައި ޖިނާއީ ކޯޓުން ކޮށްފައިވާ އެ ހުކުމްގައި ބުނެފައި ވަނީ އެ ދެމީހުން ފައިސާ އާއި ޗެކްތަކެއް ބޭންކަށް ޖަމާކުރަންދިޔަ މަގުމަތީގައި ގްރޫޕަކުން ގޮސް، އެ ދެ މީހުންގެ ސައިކަލުގައި ސައިކަލުން ޖައްސައި ވައްޓާލުމަށްފަހު، އޭގެ ތެރެއިން އެކަކު ސައިކަލް ދުއްވަން އިން މީހާގެ ބޮލުގައި ދަގަނޑު ހޮޅިބުރިއަކުން ޖަހާ ފަޅާލުމަށްފަހު، ދެން ހުރި މީހާއަށް ކަޓަރަކުން ބިރު ދެއްކުމަށްފަހު ފައިސާ ދަބަސް ފޭރިގަނެގެން ދިޔަ މީހުންގެ ތެރޭގައި އަބްދުﷲ ޝިފާއު ހުރި ކަމަށް އެ ދެ މީހުންގެ ތެރެއިން އެކަކު ބުނެފައިވާ ކަމަށެވެ. އަދި ޝިފާއުގައި ކޮޓަރީގެ ތެރެއިން ފޭރިގަނެފައިވާ ފައިސާތަކާ ޗެކްތައް ފެނިފައިވާ ކަމަށް ފުލުހުންގެ ހެކިބަސް ދީފައިވާތީ އެއަމަލް ހިންގުމުގައި އޭނާ ބައިވެރިވެފައިވާ ކަމަށް ސާބިތުވާ ކަމަށްވެސް އެ ހުކުމްގައި ބުނެފައިވެ އެވެ.
މި މައްސަލާގައި ތަފާތު ތިން ކުށެއް ޝިފާއުގެ މައްޗަށް ސާބިތުވެގެން ޖުމްލަ 46 އަހަރާއި ހަމަސް ދުވަހަށް ޖަލަށްލުމަށް ޝިފާއުގެ މައްޗަށް ހުކުމްކުރި، ނަމަވެސް ތިން އަދަބު ހިމެނޭ މިންވަރު 25 އަހަރަށް ވުރެ ގިނަވާތީ ޝިފާއުގެ މައްޗަށް ނިޔާކަނޑައަޅާފައި ވަނީ 25 އަހަރަށްޖަލަށް ލުމަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މި މައްސަލާގައި ޝިފާއުގެ މައްޗަށް އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވީނަމަވެސް އަނެއް ދެމީހުން އެމީހުންގެ ކުށަށް އިންކާރުކޮށްފައިވުމާއި އެމީހުންގެ މައްޗަށް ކުށްސާބިތުވާ ވަރަށް ހެކި ލިބިފައިނުވާ ކަމަށް ވެސް ވަނީ ނިޔާކަނޑައަޅައިފަ އެވެ.