24 May 2016, 12:29
ތެހެރާން (މޭ 24): އަފްގާނިސްތާނާއި އިންޑިއާއާ ދެމެދު ފަސޭހަކަމާ އެކު ވިޔަފާރި އާއި ދަތުރުފަތުރުގެ މުއާމަލާތްތައް ކުރެވޭ ގޮތަށް އީރާނުގައި ސުޓްރެޓީޖިކް ޕޯޓެއް ގާއިމު ކުރަން ދެގައުމުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ޗަބަހާރު ޕޯޓު ނަމަކަށް ކިޔާ ބަނދަރު، އީރާނުގެ އިރު ދެކުނު ސަރަހައްދުގައި ތަރައްގީ ކުރުމަށް އިންޑިއާ އާއި އީރާނުން އެއްބަސްވެފައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އީރާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އީރާނުގެ ރައީސް، ހަސަން ރޫހާނީއާ ބައްދަލު ކުރެއްވުމަށް ފަހު އެވެ.
އެއެއްބަސްވުމަކީ މޯދީގެ ދެ ދުވަހުގެ ދަތުރުފުޅުގައި ދެގައުމުން ސޮއިކޮށްފައިވާ 12 އެއްބަސްވުމުގެ ތެރެއިން އެންމެ މުހިއްމު އެއް އެއްބަސްވުމެވެ.
އެއްބަސްވުމުގައިވާ ގޮތުން އީރާނުގައި އަޅާ ބަނދަރަށް އިންޑިއާ އިން 500 މިލިއަން ޑޮލަރު އިންވެސްޓު ކުރާނެ އެވެ. އިންޑިއާ އާއި އީރާނުން ބޭނުން ވަނީ އެ ބަނދަރަކީ ސަރަހައްދީ ގޮތުން އެންމެ މުހިއްމު އެއް ބަނދަރަށް ހެދުމަށެވެ.
މީގެ އިތުރުން، އީރާނަށް މިހާރު ޒިޔާރަތް ކުރައްވަމުން ގެންދަވާ އަފްގާނިސްތާނުގެ ރައީސް، އަޝްރަފް އަބްދުލްޣަނީ ވެސް ވަނީ އެއްބަސްވުމުގައި ބައިވެރިވެވަޑައިގެންފަ އެވެ. އެގޮތުން، ބަނދަރާ ގުޅުވައިގެން މަގު ހަދާ ރޭލު ސްޓޭޝަންތަކާ ގުޅުވައި ދޭން އަފްގާނިސްތާނުން ވަނީ އެއްބަސްވެފަ އެވެ.
ބޮޑުވަޒީރު މޯދީ ވަނީ އެއީ "ސަރަހައްދުގެ އިގުތިސާދީ ކުރިއެރުން ހަލުވި ކުރެވޭނެ ތާރީހީ އެއްބަސްވުމެއް"ކަމަށް ވިދާޅުވެފަ އެވެ.
އަދި އީރާނުގެ ރައީސް ވަނީ އެ ބަނދަރަކީ އިންޑިއާ އާއި އީރާނާ ދެމެދު އޮތް ގުޅުމުގެ ބޮޑު ރަމްޒަކަށް ވެގެން ދާނެ ކަމަށް ވިދާޅުވެފަ އެވެ. (އޭޕީ)