މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ތެރެއިން ދެބޭފުޅަކު އައްޔަންކޮށްފި އެވެ.

ކުންފުންޏާ ބެހޭ ގާނޫނުގައިވާ ގޮތުން އާންމު ހިއްސާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑުގައި ތިއްބަވާ ދެ ބޭފުޅުން ކޮންމެ އަހަރަކު ވެސް އިސްތިއުފާ ދެއްވައި އަލުން ބޯޑަށް ކުރިމަތިލާން ފުރުސަތު ހުޅުވާލަ އެވެ.

އެ ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވަނީ މ. މެއިންޒް، މުހައްމަދު އިމްރާން އަދުނާނާއި ހއ. ކެލާ، ފީރޯޒުގެ، ފަތުހުﷲ އިސްމާއިލް އެވެ. އެއީ ކުރިން ވެސް އެ ކުންފުނީގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ގޮތުގައި ތިއްބެވި ދެބޭފުޅުންނެވެ.

އެހެންކަމުން ރޭ ބޭއްވި ޖަލްސާގައި ވަނީ އެ ދެބޭފުޅުން ކުންފުނީގެ ބޯޑަށް އައްޔަން ކުރުމަށް ހިއްސާދާރުންގެ ފަރާތުން ވޯޓު ދީފަ އެވެ. ވޯޓަށް ހުޅުވާލި ފުރުސަތުގައި ފަތުހުﷲ އިސްމާއިލް އަށް 50 ވޯޓް ލިބުނު އިރު މުހައްމަދު އިމްރާން އަދުނާނަށް 45 ވޯޓް ލިބުނެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން ކުންފުނީގެ ބޯޑަށް މެންބަރުން އައްޔަން ކުރުމުގެ އިތުރުން ރޭ ވަނީ 2016 ވަނަ އަހަރު ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރަކަށް "އާންސް އެންޑް އެންގް" ކުންފުންނި ހޮވާފަ އެވެ. އެ ކުންފުނި އޮޑިޓަރަކަށް އައްޔަންކުރީ ހިއްސާދާރުންގެ 63 ޕަސެންޓް ވޯޓާއެކު 342000 ރުފިޔާގެ އަގަކަށް އޮޑިޓް ކޮށްދޭގޮތަށެވެ.

އޭގެ އިތުރުން ރޭގެ ޖަލްސާގައި ކުންފުނީގެ ހިއްސާއަކަށް 32 ރުފިޔާ ބަހަން ފާސްކޮށްފައިވާ އިރު، އެ ޖަލްސާގައި ވަނީ އޮޑިޓްކޮށްފައިވާ ކުންފުނީގެ 2015 ވަނަ އަހަރުގެ ބެލެންސް ޝީޓާއި ފައިދާ އާއި ގެއްލުމުގެ ހިސާބާއި ރިޕޯޓް ވެސް ހުށަހަޅައި ފާސްކޮށްފަ އެވެ. އެ ތަކެތި ފާސްކުރުމަށް، ކުންފުނީގެ 65 ހިއްސާދާރުންގެ ތެރެއިން ޖަލްސާއަށް ހާޒިރުވި 63 ހިއްސާދާރުންގެ ގިނަ ވޯޓް ލިބުނެވެ.