މިދިޔަ ބުރާސްފަތި ދުވަހު ހދ. ވައިކަރަދޫ ގޮނޑުދޮށުން ފެނުނު އާދަޔާ ހިލާފު ބިސްތަކާ ކަމާބެހޭ އިދާރާއަކުން ހަވާލުނުވެ ހުއްޓާ، އެ ބިސްތައް ހަލާކުވެގެން، އުކާލައިފި އެވެ.

ވައިކަރަދޫ ކައުންސިލުގެ ރައީސް އިބްރާހިމް މުހައްމަދު "ސަން"އަށް މިއަދު ވިދާޅުވީ އެ ބިސްތައް އެކުލީ އޭގެ ޒާތުގައި އެ ބިސްތައް އަމިއްލަ އަށް ހަލާކުވެގެން ކަމަށެވެ. އަދި އެ ބިސްތައް އުކާލިތާ ހަތަރު ވަރަކަށް ދުވަސް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގެ ޒާތުގައި އެ ހުރި ގޮތަށް ހުއްޓާ އަމިއްލައަށް ފަޅައިގެން ގޮސްގެން ބިސްތައް ހަލާކުވީ. ދެން އަޅުގަނޑުމެން އެ ބިސްތައް އުކާލީ. ބިސްތައް ފެނުނު ދުވަސް ނޫން އަނެއް ދުވަހު އެ ބިސްތައް ހަލާކުވެއްޖެ. އަޅުގަނޑުން ކަމާބެހޭ އިދާރާތަކުގެ ތެރެއިން ޕޮލިހަށް ގުޅިން، ޑިފެންސަށް ގުޅިން. އެއްވެސް ފަރާތަކުން ހަބަރެއް ނުވޭ،" އިބްރާހިމް މުހައްމަދު ވިދާޅުވި އެވެ.

ވައިކަރަދޫ އިން ފެނުނު ބިސްތައް:

ވައިކަރަދޫ ގޮނޑުދޮށުން ފެނުނު އެ ބިސްތައް އޭގެ ޒާތުގައި ހަލާކުވެގެން އުކާލިއިރު، ގޮނޑުދޮށުން ފެނުނު ހަތް ބިހުގެ ތެރެއިން ހަތަރު ބިހެއް ތަޅައިގެން ގޮސްފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ވައިކަރަދޫ ކައުންސިލުން މީގެކުރިން ބުނެފައި ވަނީ އެއީ ލައްގާފައި ހުރި އެއްޗެހިތަކެއް ކަމަށް ނުބެލެވޭ ކަމަށާއި، ބިސްތައް ފެނިފައި ވަނީ ދެ ފަސް ބެދޭ ހިސާބުން އެއް ފޫޓު އަޑިން ކަމަށެވެ.

އެއީ މޫދުންއެރި އެއްޗެއް އަޅާފައިވާ ބިސްތަކެއް ކަމަށް ލަފާކުރެވޭ އިރު ގޮނޑުދޮށުން އެފަދަ ފިޔަވަޅުތަކެއް ފެނިފައިވާ ކަމަށް ވެސް ކައުންސިލުން މައުލޫމާތު ދެ އެވެ. ކައުންސިލުން ބުނީ ބަށި ނުވަތަ ބަޓާނާގެ ބައްޓަމަށް ތިން އިންޗި ވަރު ދިގުކޮށް ހުރި އެ ބިސްތަކުގެ ތޮށިގަނޑު ވަރަށް މަޑު ކަމަށާއި، އެއް ބިސް ފަޅައިގެން ބެލި އިރު އޭގެ އެތެރޭގައި ހަތަރު ގޮބޮޅި އޮތް ކަމަށެވެ.

އެ ބިސްތަކަކީ ކިނބޫ ނުވަތަ ހަރުފަ ބިސްތަކެއް ކަމަށް އެއް ބަޔަކު ބުނަމުން އަންނަ އިރު އެކަމުގެ ސަބަބުން ބައެއްގެ ހިތްތަކުގައި ބިރުވެރިކަން ވަނީ އުފެދިފަ އެވެ. އެ ބިސްތަކަކީ ރާއްޖެ އާންމުކޮށް އުޅޭ ޖަނަވާރުތައް އަޅާ އުޅޭ ވައްތަރުގެ ބިހެއް ނޫނެވެ.

ވައިކަރަދޫ އިން ފެނުނު ބިސްތައް އެންމެ ވައްތަރީ ހަރުފަ ނޫނީ ނަންނުގަތި ބިހާ އެވެ. އެ ރަށުން ފެނުނު ބިސްތަކުގެ ތެރެއިން ތަޅައިގެން ދިޔަ ބިސްތަކުގެ އެތެރެއިން ކޮންމެ ބިހަކުން ހަތަރު ގޮބޮޅިގަނޑު ފެނިފައިވުމުން، އެއީ ހަރުފަ ނުނީ ނަންނުހަތި ބިސް ކަމަށް ބެލެވެ އެވެ. ސަބަބަކީ ހަރުފަ ބިހުގެ ތެރޭގައި ވެސް ތިނެއް ނުވަތަ ހަތަރު ގޮބޮޅި ގަނޑު އޮވެ އެވެ.

ނޯތު ކެރޮލީނާ އިން 2011 ވަނަ އަހަރު ފެނުނު ލޮގަހެޑް މާސްކް ޓާޓުލްގެ ބިސް---

އެ ބިސްތަކަކީ "ލޮގަހެޑް މަސްކް ޓާޓުލް" ނުވަތަ "ބޮގް ޓާޓުލް"ގެ ބިސްތަކެއް ކަމަށް ގަބޫލުކުރެވެ އެވެ. އެކަމާ ވަރަށް ގިނަ ބަޔަކު އިއްތިފާގު ވާނެ އެވެ. ދެހާސް އެގާރަ ވަނަ އަހަރު އެމެރިކާގެ ނޯތު ކެރޮލީނާގެ ގޮނޑުދޮށަކުން ފެނުނު ވެލާ ބިސްތަކަކާއި ވައިކަރަދޫ އިން ފެނުނު ބިސްތައް ވަރަށް ވައްތަރެވެ. ނޯތު ކެރޮލީނާ އިން ފެނިފައި ވަނީ ލޮގަހެޑް ޓާޓުލްގެ ބިހެވެ.