ރާއްޖޭގައި ސިޔާސީ ހިޔާލު ތަފާތުވުންތަކަށް ފުރުސަތު ނެތް ކަމަށާއި އެހެންކަމުން "މިވަގުތަށް" ރާއްޖެ އިން ބޭރުގައި ހުންނަވައިގެން މަސައްކަތްޕުޅު ކުރެއްވުން ނޫން އިތުރު ގޮތެއް ނެތް ކަމަށް އިނގިރޭސިންގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށްލާފައިވަނިކޮށް އިނގިރޭސިވިލާތަށް ވަޑައިގެން ފަރުވާ ހޯއްދަވަމުންގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދެވީ މިދިޔަ އާދީއްތަ ދުވަހު އެވެ.

އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދެއްވުމަށް ފަހު އެމަނިކުފާނުގެ ވެބްސައިޓުގައި ރޭ ވިދާޅުވެފައި ވަނީ މި ސަރުކާރުން އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުންނާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ފާޑު ކިޔައި ނުވަތަ ދެކޮޅު ހަދާ ހުރިހާ އެންމެން ޖަލަށް ލަމުން އަންނަ ކަމަށެވެ.

"ފާއިތުވި އަހަރުގައި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ގެއްލިފައި. ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ރާއްޖެ އެނބުރިފައިވާ މި ދަނޑިވަޅުގައި، ބޭރުގައި ތިބެގެން މަސައްކަތް ކުރުން ނޫން އިތުރު ގޮތެއް ނެތް ކަމަށް އަޅުގަނޑާއި އަދިވެސް އެހެނިހެން ސިޔާސީ ލީޑަރުންނަށް ގަބޫލު ކުރެވޭ،" ނަޝީދު ވިދާޅުވެފައިވެ އެވެ.

އިނގިރޭސި ވިލާތުން ރައީސް ނަޝީދަށް ދީފައި ވަނީ "ޕޮލިޓިކަލް ރެފިއުޖީ ސްޓޭޓަސް" އެވެ.

ޕޮލިޓިކަލް ރެފިއުޖީ ސްޓޭޓަސްއަކީ ނަސްލީ، ދީނީ، ސިޔާސީ އަދި އިޖްތިމާއީ ވަކި ފިކުރެއްގެ ސަބަބުން ތިމާގެ އަމިއްލަ ގައުމުގައި އުޅެވެން ނެތުމުން އެހެން ގައުމެއްގެ ހިމާޔަތަށް އެދުމުން، އދ.ގެ މުއާހަދާއެއްގެ ދަށުން އެ ޖަމިއްޔާގެ މެންބަރު ގައުމުތަކުން އެފަދަ ފަރާތްތަކަށް ފޯރުކޮށްދޭ ހިމާޔަތެކެވެ.

އެކަމާ ގުޅިގެން ސަރުކާރުން ބުނެފައި ވަނީ ޔޫކޭ ސަރުކާރުން ރާއްޖެ އަށް އެކަމާ ބެހޭ މައުލޫމާތު ރަސްމީކޮށް އަދި ހިއްސާ ކޮށްފައި، އަދި ޔަގީން ކޮށްދީފައި ނުވި ނަމަވެސް، ރައީސް ނަޝީދަށް އިނގިރޭސި ސަރުކާރުން ހިމާޔަތް ދީފައިވާ ނަމަ، އެކަމާ ހިތާމަ ކުރާ ކަމަށެވެ.

އަދި އެގައުމުގެ ސަރުކާރުން ސިޔާސީ ހިމާޔަތް ނުވަތަ ޕޮލިޓިކަލް ރެފިއުޖީއެއްގެ ސްޓޭޓަސް ދީފައި ވަނީ، ކޮން ހައިސިއްޔަތަކަށް ބިނާކޮށްފައިތޯ އިނގިރޭސި ސަރުކާރާ ސުވާލު ކުރައްވާނެ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވެސް ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އިނގިރޭސިވިލާތަށް ފުރާވަޑައިގަތް ރައީސް ނަޝީދަށް ބޭސްފަރުވާ ކުރަން ދީފައިވާ މުއްދަތު ހަމަވުމުން އެނބުރި ރާއްޖެ ވަޑައިގަތުމަށް މިދިޔަ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ވަނީ އަންގާފަ އެވެ. ނަމަވެސް އޭގެފަހުން މިދިޔަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ވަނީ އެމަނިކުފާނުގެ ބޭސްފަރުވާގެ މުއްދަތު 30 ދުވަހަށް އިތުރުކޮށްދީފަ އެވެ.

އޭގެ ފަހުން މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ކަރެކްޝަންސް އިން ވަނީ ރައީސް ނަޝީދުގެ ބޭސްފަރުވާއަށް އިތުރުކޮށްދީފައިވާ 30 ދުވަހުގެ މުއްދަތު އަނބުރާ ގެނެސްފަ އެވެ. ނަމަވެސް އޭގެ ފަހުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ކަރެކްޝަންސްގެ އެ ނިންމުން އަލުން މުރާޖާކުރުމަށް ފަހު ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުގެ ނިންމުމާ އެއްގޮތަށް މިދިޔަ މެއި މަހުގެ ހަތަރު ވަނަ ދުވަހު، 30 ދުވަހަށް ރައީސް ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދެއްވާފަ އެވެ.

އަނެއްކާ ވެސް މިދިޔަ އާދީއްތަ ދުވަހު ރައީސް ނަޝީދުގެ ފަރާތުން ވަނީ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށް ދިނުމަށް އެދިފަ އެވެ.