24 May 2016, 10:36
އެލައިޑު އިންޝުއަރެންސްގެ މުވައްޒަފަކު، އެ ކުންފުނީގެ ނަމުގައި ފައިސާތަކެއް ނަގައި އެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އޭނާ ވަޒީފާއިން ވަކިކޮށްފި އެވެ. ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލަ ބަލަން ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ.
އެލައިޑުގެ ޑެޕިއުޓީ މެނޭޖަރު ނާޒިމް ހަބީބު މިއަދު "ސަން"އަށް ވިދާޅުވީ، އެ މައްސަލަ ފެންމަތިވީ ހުށަހެޅު ޝަކުވާ އަކާ ގުޅިގެން ކަމަށެވެ. ޝަކުވާ ހުށަހެޅުމާއެކު، ޝަކުވާ ހުށަހެޅި ކްލައިންޓާއި މުވައްޒަފު ހާޒިރުކޮށް ސުވާލު ކުރުމަށްފަހު، އެތެރޭގެ ތަހުގީގެއް ކުރިއަށް ގެންދިޔަ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން ވަޒީފާ އިން ވަކިކޮށްފައި ވަނީ އަބްދުލް ބާސިތު ތައުފީގެވެ. އޭނާއަކީ އެ ކުންފުނީގައި ހަތަރު އަހަރު ވަންދެން މަސައްކަތް ކޮށްފައިވާ މީހެއް ކަމަށް އެލައިޑުން ބުނެ އެވެ.
ބާސިތު އެލައިޑުގެ ފައިސާތަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށްފައި ވަނީ އެ ކުންފުނީގެ ލެޓާ ހެޑް ބޭނުންކޮށްގެން އެ ކުންފުނީގެ ހަލް އިންޝުއަރެންސް ޕޮލިސީއެއް ފޯޖު ކޮށްގެންނެވެ.
ނާޒިމް ވިދާޅުވީ މައްސަލަ ފެންމަތިވި ދުވަހު، ސުވާލު ކުރުމުން ބާސިތު އޭނާގެ ކުށަށް އިއުތިރާފުވެފައިވާ ކަމަށާއި އެހާ ހިސާބުން އޭނާ ވަޒީފާއިން ވަކިކޮށް، މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
"އޭނާ ވަނީ އިއުތިރާފު ވެފައި. ކަންތައް ކުރި ގޮތް އޭނާ ވަނީ ކިޔައިދީފައި. އެ ދުވަހުން ދުވަހަށް އަޅުގަނޑުމެން ވާނީ އޭނާ ވަޒީފާ އިން ޓާމިނޭޓް ކޮށްފައި،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ފޯޖުކޮށްފައިވާ ޕޮލިސީގެ ޕްރިމިއަންއަކީ 128،000 ކަމުން، ބާސިތު ހިޔާނާތުން ހޯދާފައިވާ ފައިސާގެ އަދަދު އެއަށްވުރެ އިތުރުވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
އެލައިޑުން ބުނީ އެއީ މިހާރު ތަހުގީގު ކުރެވެމުން އަންނަ މައްސަލައަކަށް ވުމުން އެކަމާ ގުޅެ އިތުރު މައުލޫމާތު ހާމަކުރުމަށް އުޒުރުވެރިވާ ކަމަށެވެ.
ނާޒިމް ވިދާޅުވީ އެ ކުންފުނީގެ އެތެރޭގެ ތަހުގީގެއް މިހާރު ކޮށްފައި ވާއިރު، އެފަދަ އިތުރު މައްސަލައެއް ފާހަގަވެފައި ނުވާ ކަމަށެވެ. އަދި އެލައިޑުގެ ޕޮލިސީ ތަކަކީވެސް ރައްކާތެރި، ސެކިއުރިޓީގެ ގޮތުން ކަށަވަރު ކުރެވިފައިވާ ޕޮލިސީތަކެއް ކަމުން ޕޮލިސީއެއް ފޯޖުކުރުމުގެ ފުރުސަތު ކުޑަކަމަށެވެ.
"އިންޓާނަލް ތަހުގީގު ކުރިއަށް ގެންދިޔަ އިރު އަޅުގަނޑުމެންނަށް ފާހަގަވި އިންޝުއަރެންސް ޕޮލިސީތަކާ ގުޅިގެން އާންމުންގެ ހޭލުންތެރިކަން ކުޑަކަން،" ނާޒިމް ވިދާޅުވި އެވެ.