ބްރެސިލިއާ (މޭ 24): ބްރެޒިލްގައި މިހާރު ކުރިއަށް ގެންދާ ކޮރަޕްޝަނާ ގުޅޭ އެންމެ ބޮޑު މައްސަލައިގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތާ އެކު ގައުމުގެ ޕްލޭނިން މިނިސްޓަރު، ރޮމޭރޯ ޖުކާ ގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މިނިސްޓަރުގެ މައްޗަށް އެތުހުމަތު ކޮށްފައި ވަނީ ދައުލަތުގެ ތެޔޮ ކުންފުނި، ޕެޓްރޯބްރާސްއާ ގުޅޭ ކޮރަޕްޝަން މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތަކާ އެކު ދައްކަވާފައިވާ ވާހަކަފުޅެއްގެ އޯޑިއޯއެއް ލީކު ވުމާ ގުޅިގެންނެވެ. އެއް ގަޑި އިރަށް ދެމިގެންދާ އެއޯޑިއޯގައި ޕެޓްރޯބްރާސްގެ ތަހުގީގު ހުއްޓުވުމާ ބެހޭ ގޮތުން ޖުކާ ވާހަކަ ދައްކަވާފައިވެ އެވެ.

ހިޔާނާތުގެ މައްސަލައެއްގެ ޝަރީއަތް ކުރިއަށް ގެންދިޔުމަށް ބްރެޒިލްގެ ރައީސާ، ޑިލްމާ ރޫސްފް މަގާމުން ސަސްޕެންޑު ކުރުމުން އެގައުމުގެ ވެރިކަމާ މިހާރު ހަވާލުވެ ވަޑައިގެން ހުންނެވީ ނައިބު ރައީސް، މިޝެލް ޓެމާ އެވެ. ޖުކާ އަކީ ޓެމާގެ ވަރަށް އަރިސް ބޭފުޅެއް ކަމުންނާއި، ބްރެޒިލްގެ އާބަޖެޓު ބިލަށް ކޮންގްރެސްގެ ތާއިދު ހޯދުން ހަވާލުކޮށްފައި އޮތީ ޕްލޭނިން މިނިސްޓަރާ ކަމުން، ޖުކާ އިސްތިއުފާ ދެއްވުން ވެގެން ދިޔައީ ގައުމުގެ އާސަރުކާރަށް އެރި ބޮޑު ލޮޅުމަކަށެވެ.

މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ޖުކާ ވަނީ އެނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ ދޮގު ތުހުމަތުތައް ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ ދެއްކެވި ވާހަކަފުޅުގެ މާނަ ނަގާފައި ވަނީ ނުބައިކޮށް ކަމަށް ވިދާޅުވެފަ އެވެ. (ރޮއިޓާސް)