ތެހެރާން (މޭ 24) : އިންޑިއ ާއާއި އީރާނުން އިގްތިސާދާއި ސިނާއަތާ އަދި ވިޔަފާރިއާ ބެހޭ 12 އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މިއެއްބަސްވުންތަކުގައި ސޮއިކުރެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ އީރާނަށް ކުރެއްވި ދެދުވަހުގެ ޒިޔާރަތުގަ އެވެ.

މޯދީގެ މިދަތުރުފުޅުގައި އީރާނުގެ ރައީސް ޑރ. ހަސަން ރޫހާނީ އާއި ދީނީ މުރްޝިދު އާޔަތުﷲ އަލީ ޚަމަނާއި އާ ބައްދަލުކުރެއްވި އެވެ. މޯދީގެ އަރިހުގައި އިންޑިއާގެ މަތީފެންވަރުގެ މަސްއޫލުވެރިންނާއި ވިޔަފާރިވެރިންނާއި ބޮޑެތި ކުންފުނިތަކުގެ އިސްވެރިން ހިމެނޭ ވަފްދެއްވެސް އީރާނަށް ވަޑައިގެންނެވި އެވެ. އީރާނާއި އިންޑިޔާއިން ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ހަކަތާއި ސައެންޓިފިކް ރީސާޗާއި ސިނާއަތާއި އިންފްރާސްޓަރަކްޗަރ ތަރައްގީ ކުރުމާއި ސިއްހަތާއި ތައުލީމާއި ދަނޑުވެރިކަމުގެ ދާއިރާތައް ތަރައްގީކުރުމާއި ދެ ގައުމުގެ ވިޔަފާރި ފުޅާކުރުމުގެ އެއްބަސްވުންތައް ހިމެނެ އެވެ.

މޯދީ ތެހެރާންގައި ހުންނަވަނިކޮށް އަފްޣާނިސްތާނުގެ ރައީސް އަޝްރަފް އަބްދުލްޣަނީ ވެސް ވަނީ އީރާނަށް ވަޑައިގެންފަ އެވެ. އަދި އެ ދެ ބޭފުޅުން ވަނީ އީރާނުގެ ރައީސް ޑރ. ހަސަން ރޫހާނީއާ އެކު ސަމިޓް ބައްދަލުވުމެއް ބާއްވާފަ އެވެ. މިބައްދަލުވުމަށް ފަހު އެތިން ބޭފުޅުން ވަނީ ސްޓްރެޓީޖިކް އެއްބަސްވުމެއްގައި ސޮއިކުރައްވާފަ އެވެ.

ދެ ގައުމުން ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ކަނޑުގެ ބަނދަރުތައް ބިނާކުރުމާއި ރޭލްވޭގެ މަޝްރޫއުތައް ވެސް ހިމެނެ އެވެ. އިންޑިޔާއަކީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި އޮތް ދުވަސްވަރުގައި ވެސް އިންޑިއާގެ އިގްތިސާދީ ބައިވެރިއެކެވެ. އެހެންކަމުން އީރާނާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބޮޑުބައި މިހާރު އުވާލާފައިވުމުން އީރާނާ އިގްތިސާދީ ގުޅުންތައް އިތުރަށް ބަދަހިކޮށް އެގުޅުންތައް ބޭނުންކޮށްގެން އީރާނުގެ ފުޅާވަމުންދާ ބޮޑު މާކެޓުން ފައިދާ ހޯދުމަށް އިންޑިޔާ ވަނީ ކެތްމަދުވެފަ އެވެ. އިންޑިއާގެ އިތުރުން ޔޫރަޕްގެ ގައުމުތަކާއި ޖަޕާނާއި މެލޭޝިޔާއާއި އިންޑޮނީޝިޔާއާއި ދެކުނު ކޮރެޔާއާއި ތައިލެންޑާއި ތުރުކީން ވެސް ގެންދަނީ ދަތިކުރުމުގެ ފިޔަވަޅުތަކުން މިނިވަންވެފައިވާ އީރާނާ އިގްތިސާދީ ގުޅުންތައް ވަރަށްބޮޑަށް ބަދަހިކޮށް އިގްތިސާދާއި ވިޔަފާރި އާއި އިންވެސްޓްމަންޓްތަކާ ބެހޭ ބިލިޔަން ބިލިޔަން ޑޮލަރުގެ އެއްބަސްވުންތައް އީރާނާއެކު ކުރަމުނެވެ.

މިދިޔަ ހަފްތާގައި ދެކުނު ކޮރެޔާގެ ރައީސާ ޕާކް ގެއުން ހައި ވެސް އީރާނަށް ޒިޔާރަތް ކުރައްވައި ތަރައްގީއާ ބެހޭ 17 އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވެ އެވެ. އީރާނަކީ ސައެންސާއި ޓެކްނޮލޮޖީއާއި ސިނާއަތު ތަރައްގީކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ އަދި އަމިއްލަ ނަފްސަށް ބަރޯސާވުމުގެ ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅޭ އަދި އާބާދީގައި 80 މިލިޔަން މީހުން ހިމެނޭ ބޮޑު އިގްތިސާދެކެވެ. މީގެއިތުރުން އީރާނަކީ މުއައްސަސާތަކުގެ މައްޗަށް ބިނާވެފައިވާ ހަމަޖެހުންބޮޑު ތަނަވަސް ގައުމެކެވެ.

ތެލާއި ގުދްރަތީ ގޭހާއި ތައްލީމީ މަސައްކަތްތެރި ޒުވާން އާބާދީއެއް އޮންނަ އީރާން، ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވެފައިވާތީ ކުރިޔަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި ވަރަށް ބާރަށް އީރާން ކުރިއަރައި ތަރައްގީވެ މެދުއިރުމަތީގެ އެންމެ ބޮޑު އިގްތިސާދަށް އެގައުމު ވެގެންދާނެ ކަމަށާ ތުރުކީ ފިޔަވައި މެދުއިރުމަތީގައި އީރާނާ ވާދަކޮށްލެވޭ ވަރުގެ ގައުމެއް ނޯންނަ ވަރަށް އީރާން އިގްތިސާދީ ގޮތުން ތަރައްގީވެގެންދާނެކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)