12 May 2011, 17:23
ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނެސް، އަނބުރާ މާފުށީ ޖަލަށް ގެންދަން އުޅުނު ދެ ގައިދީއެއްގެ އަތުން މަސްތުވާތަކެއްޗި ކަމަށް ތުހުމަތު ކުރެވޭ އެއްޗިއްސާއި ފޯނެއް ފެނިގެން އަނެއްކާ ވެސް ފުލުހުންނާ ހަވާލު ކޮށްފި އެވެ.
ޑީޕީއާރުއެސްގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ ޑޮކްޓަރަށް ދައްކަން މިއަދު މާލެ ގެނައި ދެ ގައިދީންގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިވާ އެއްޗެއް ފެނުނީ ހއ. ބާރަށު ވައިޓްރޯސް ހަސަން މަނިކުގެ އަތުން ކަމަށާއި ފޯނު ފެނިފައި ވަނީ ރ. ރަސްގެތީމު ހުދުވެލި، މުހައްމަދު އައިމަންގެ އަތުން ކަމަށެވެ.
ރަޝީދު ވިދާޅުވީ އެ ދެ މީހުންގެ އަތުން އެތަކެތި ފެނުނީ ޑޮކްޓަރަށް ދެއްކުމަށް ފަހު އަނބުރާ މާފުށީ ޖަލަށް ފޮނުވާލަން ފެރީ އަށް އަރުވަން ހަށިގަނޑު ބަލައި ފާސް ކުރި ވަގުތު ކަމަށެވެ. އަދި އެ ދެ މީހުން ވެސް މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށް ރަޝީދު ވިދާޅުވި އެވެ.
"ގައިދީން ބޭސް ފަރުވާ އަށް މާލެ ގެނެސްފައި ތިބެނީ ގާޑުންނާ ވެސް އެކީގައި. އެފަދަ ތަކެތި ފާހާނާތަކަށް ނުވަތަ އެނޫން ވެސް އެފަދަ ކޮންމެ ވެސް ތަނަކަށް ވެއްދީމާ ހޯދަނީ. ބައެއް ފަހަރު އެމީހުންގެ ބޮލުގެ އިސްތަށިގަނޑުތެރެ އަށް ލާ ފޮރުވާފައި ވެސް ހުރޭ،" ރަޝީދު ވިދާޅުވި އެވެ.
ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ދެ ގައިދީންގެ ތެރެއިން އައިމަންއަކީ 2010 ވަނަ އަހަރު ޓެރަރިޒަމްގެ ކުށުގެ ދައުވާ ސާބިތިވެގެން 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ މީހެކެވެ. އަދި ހަސަން މަނިކަކީ 2004 ވަނަ އަހަރުން ފެށިގެން ތަފާތު މައްސަލަތަކުގެ ކުށް ސާބިތުވެގެން ދިގު މުއްދަތަކަށް ޖަލަށް ހުކުމްކޮށްފައިވާ މީހެކެވެ.