ފޯނުތައް ސްމާޓްވި ފަދައިން، މިހާރު އަތުކުރި ގަޑިތައް ވެސް ސްމާޓް ވެފައިވާ އިރު، ގިނަ ބަޔަކު ދަނީ، ސްމާޓް ވޮޗާއި ސްމާޓު ފޯނު މާ އެއްގޮތް ކަމަށް ބުނަމުންނެވެ. އަދި ދެ ޑިވައިސްގެ ފަންކްޝަން އެއްގޮތް ކަމަށް ބުނެ އެވެ.

ގޫގްލްއިން އުފައްދާފައިވާ އެންޑްރޮއިޑް ވެއާއާ މެދު ކުރެވޭ ޝަކުވާތައް ވެސް ބޮޑެވެ. އެންޑްރޮއިޑް ވެއާ، އެޕަލްގެ އެޕަލް ވޮޗް ފަދަ ޕްރޮޑަކްޓްތަކާ އެތައް ގޮތަކުން ތަފާތު ނަމަވެސް، އެންޑްރޮއިޑް ވެއާގެ އިންޓަފޭސް ބޭނުންކުރަން އުނދަގޫ ކަމަށާއި ތާޑް ޕަޓީ ޑިވެލޮޕަރުންގެ ސަޕޯޓު ކުޑަކަމުގެ ޝަކުވާތައް ޔޫޒަރުން ކުރެ އެވެ.

ގޫގްލްއިން މި ހަފްތާގައި ވަނީ، އެންޑްރޮއިޑް ވެއާ 2.0 އިއުލާނު ކޮށްފަ އެވެ. މި ޕްރޮޑަކްޓްގައި ގޫގްލްއިން ވަނީ، އެންޑްރޮއިޑް ވެއާގެ މައްސަލަތަކާ މެދު ކުރެވޭ ޝަކުވާތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކޮށްފަ އެވެ.

އެގޮތުން، ސްމާޓްފޯނަކުން ކުރެވޭ ކަންކަމުގެ އިތުރުން، ސްމާޓްވޮޗުގައި ހިމެނޭ ފީޗާތައް އިތުރަށް ރަނގަޅު ކުރުމަށް ގޫގްލްއިން މަސައްކަތް ކޮށްފައިވެ އެވެ.

މިހާރު ސްމާޓްވޮޗުތަކަކީ މައުލޫމާތު ބަލައިލުމަށް ފަސޭހަ ޑިވައިސަކަށްވި ނަމަވެސް، އެންޑްރޮއިޑް ވެއާ 2.0 ތައްޔާރު ކޮށްފައި ވަނީ، މައުލޫމާތު ހޯދައި، ލިބޭ އާ ވިޖެޓުތަކެއް ތައާރަފު ކޮށްފަ އެވެ. އަދި ރީޑީޒަން ކުރެވި، ފުރިހަމަ ނޯޓިފިކޭޝަން ސިސްޓަމަކާއި އެކިއެކި އެކްޓިވިޓީތައް އޮޓޮމެޓިކުން ޑިރެކްޓް ކުރާ، ކުރިޔަށް ވުރެ މާ ސްމާޓު ފިޓްނެސް ޓްރެކިންގ ފީޗާއެއް އޭގައި ހިމެނޭނެ އެވެ.

ގޫގްލްއިން ވަނީ، އިންޓަފޭސް ވެސް ޔޫޒާ ފްރެންޑްލީކޮށް، އެންޑްރޮއިޑް ވެއާ އެޕްތައް ޑިވެލޮޕްކުރާ ފަރާތްތަކަށް މިންގަނޑުތަކަކާ އިރުޝާދުތަކެއް ވެސް ތައްޔާރު ކޮށްފަ އެވެ. އެގޮތުން، ސްމާޓްފޯނަކާ ނުލާ މަސައްކަތް ކުރާ، ސްޓޭންޑްއަލޯން ޑިވައިސްތަކަކަށް އެންޑްރޮއިޑް ވެއާ ހެދުމަށް ކުރަން ޖެހޭ ކަންކަން ގޫގްލްގެ ގައިޑްލައިންތަކުގައި ހިމަނާފައިވެ އެވެ.

އެންޑްރޮއިޑް ވެއާ 2.0 އިން، ފޯނަށް ބަރޯސާ ނުވެ، އިންޓަނެޓަށް ޑައިރެކްޓްކޮށް ކަނެކްޓް ކުރެވެ އެވެ. އެހެންކަމުން، އައިފޯނު ބޭނުންކުރާ، އަދި އެންޑްރޮއިޑް ވެއާ ވެސް ބޭނުންކުރާ ފަރާތްތަކަށް އިންޓަނެޓަށް އޭނާގެ ސްމާޓްވޮޗް ކަނެކްޓް ކޮށްލެވޭނެ އެވެ.