24 May 2016, 09:33
ރަމަޟާން މަހަކީ އިންސާނާގެ ހަޔާތް ބަދަލުކޮށްލަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި ރަމަޟާން މަހާ ކުރިމަތިލާން ޖެހެނީ އެފަދަ ނިޔަތަކާ އެކުގައި ކަމަށް ދީނީ އިލްމުވެރިޔާ ޝައިޚް އަހްމަދު ސަމީރު ބިން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ސަން ޓީވީގެ "އިލްމީ ޚަޒާނާ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، ޝައިޚް ސަމީރު ވިދާޅުވީ، އުމުރުން ފާއިތުވެދިޔަ ދުވަސްތަކުގައި އުޅެވިފައިވާ ގޮތާއި ކުރެވިފައިވާ ކަންކަން ހަނދާންކޮށް، އެކަން ކަމަށް ތައުބާ ވުމުގެ ނިޔަތް، ރަމަޟާން މަހަށް އާ ކުރަން ޖެހޭނެ ކަމަށެވެ.
ނަމަވެސް ބައެއް މީހުން ރަމަޟާން މަހުގައި އަމަލުތަކާއި އުޅުން އިސްލާހު ކުރި ނަމަވެސް، އެގޮތުގެ މަތީގައި ކަންކަން ނުހިފަހައްޓާ ކަމަށް ޝައިޚް ވިދާޅުވި އެވެ.
"ބައެއް ބޭފުޅުންގެ އުމުރުން 70 އަހަރު ވެއްޖެނަމަ، އޭގެ މާނައަކީ އޭނާގެ އުމުރުގައި 70 ރަމަޟާން މަސް ބައްދަލު ކޮށްފައި ވާނެއޭ. އެހާ އަދަދަށް ރަމަޟާން މަސް، ރޯދަ ހިފާ މުޖުތަމައެއްގައި ތަކުރާރުވެގެން ދާ އިރުވެސް، ހަޔާތްތަކަށް މާ އެދެވޭ ބަދަލުތަކެއް ނައިސް ރަމަޟާން މަސް ތަކުރާރުވެ، ފާއިތުވެގެން ދަނީ،" ޝައިޚް ސަމީރު ވިދާޅުވި އެވެ.
ޝައިޚް ވިދާޅުވީ ރަމަޟާން މަސް އަންނަ އިރު މިދިޔަ ރޯދަ މަހު އަމަލުތައް އިސްލާހު ނުކުރެވުމުގެ ސަބަބުން ކުރި ހިތާމަތައް ދޫކޮށްލައި ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމަށް އާ އަޒުމަކާ އެކު ކުރިމަތިލެވޭނެ ކަމަށެވެ.
"ރޯދަ މަހުގެ ދުވަސްތަކާ ރޭތައް ރަނގަޅު ގޮތުގައި ހޭދަ ނުކުރެވުނީތީ ނުވަތަ ހަޔާތަށް މާ ބޮޑު އިސްލާހީ ބަދަލެއް ރޯދަަ މަހު ނައިސް ވީތީ ކުރާ ހިތާމަ ދޫކޮށްލައި، އާ އަޒުމަކާ އެކު ކުރިއަށް އޮތް ރަމަޟާން މަހުގެ ވަގުތުތައް ހެޔޮގޮތުގައި ބޭނުންކޮށް، ކުށް ފާފަތަކުން ތައުބާވެ، މާތްﷲ ގެ ހަޟްރަތަށް ރުޖޫއަވެ، ހެޔޮކަމުގެ މަގުތައް އިޚްތިޔާރުކޮށް، ތިމަންމެންގެ ހަޔާތް ރަނގަޅު ގޮތުގައި ބަދަލު ކޮށްލުމުގެ ވަގުތެއް ކަމުގައި ހެދުމުގެ އުންމީދު ކުރަންޖެހޭ،" ޝައިޚް ސަމީރު ވިދާޅުވި އެވެ.