މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުނު މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އަނެއްކާވެސް 10 ދުވަހަށް އިތުރުކޮށްފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އަނެއްކާވެސް 10 ދުވަހަށް އިތުރުކޮށްފަ އެވެ.

އެ ދެ މީހުންނަކީ ރިލްވާން ގެއްލުނުރޭ އޭނާ ގަދަކަމުން އެރުވި ކަމަށް ބުނާ ރަތްކާރުގެ ވެރިޔާ ކަމުގައިވާ ހ. ހިލްޓަން އަޙްމަދު އާލިފް ރައޫފާއި ހުޅުމާލޭގައި އެ ކާރު ގެންގުޅުނު ކަމަށް ބުނާ ގދ. ވާދޫ، ކަރަންކާގޭ މުހައްމަދު ނޫރައްދީނެވެ.

ރިލްވާން ގެއްލިފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

އެ މައްސަލައާ ގުޅިގެން މިއަހަރުގެ އޭޕްރީލް މަހުގެ ދެވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ޝަތީހު ވިދާޅުވީ، ރިލްވާން ގެއްލުނުރޭ އެކާރު އޮތް ސަރަހައްދުން ތިން ފަހަރު މީހެއްގެ ހަޅޭކުގެ އަޑު އިވުނު ކަމަށާއި އެއިރު އެކާރުގެ ވައަތްފަރާތު ދޮރު ހުޅުވިފައި ހުރި އިރު، އެ ދޮރުން އަތެއް ދިއްކުރަނިކޮށް ފެނިފައިވާ ކަމަށް މަންޒަރު ދުށް މީހުން ތަހުގީގަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ރިލްވާން ގެއްލިފައި ވަނީ ދުރާލައި ރާވައިގެން ބަޔަކު ކުރި ކަމެއްގެ ސަބަބުން ކަމަށެވެ. ރިލްވާނަށް ފާރަލުމުގައި އެންމެ އިސްކޮށް އުޅުނީ ސ. ހުޅުދޫ އަތިރީއާގޭ މުހައްމަދު ސުއައިދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިލްވާން ގަދަކަމުން އެރުވި ކަމަށް ބުނާ ކާރުގެ ވެރިފާރަތް ކަމުގައިވާ އާލިފް ރައޫފާއި ސުއައިދަކީ ގާތް ދެ ރަހުމަތްތެރިން ކަމަށާއި އެ ދެ މީހުންނަކީ ވެސް ކުޑަހެންވޭރު ގްރޫޕަށް ނިސްބަތްވާ ދެ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރިލްވާންގެ ފޯނުގެ ނެޓުވޯކް ގެއްލިފައިވާ ހިސާބެއް ބެލުމަށް ކުރި މަސައްކަތުން އެ ފޯނު އޭގެ ޒާތުގައި ސުވިޗް އޮފްކޮށްލާފައިނުވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ސަތީހު ވިދާޅުވި އެވެ.

މިހާތަނަށް ތަހުގީގުން ހޯދުނު ހޯދުންތަކުން ރިލްވާނަށްވީ ކިހިނެތް ކަމެއް އަދި ބުނެދޭން ނޭނގޭ ކަމަށާއި އެ މައްސަލަ އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ޝަތީހު ވަނީ ވިދާޅުވެފައެވެ.