އައިޖީއެމްޗުކައިރީ ހުރި ސައިކަލްތަކެއްގައި ފުލުހުން ސްޓިކާ ޖަހަމުން ދަނިކޮށް އެމަންޒަރު ފޮޓޯނެގި އަންހެނަކު ހައްޔަރުކޮށް ބަޔާން ނެގުމަށްފަހު ދޫކޮށްލައިފި އެވެ.

ހަމްނާ ވަހީދު ނަމަކަށް ކިޔާ އެ އަންހެން މީހާ ހައްޔަރުކުރީ މިރޭ 7:00 ގައި އައިޖީއެމްއެޗު ކައިރީ ހުރި ސައިކަލްތަކެއްގައި ފުލުހުން ސްޓިކާ ޖަހަމުންދަނިކޮށް އެމަންޒަރު ފޮޓޯ ނެގުމުންނެވެ.

ހަމްނާ ބުނީ ހައްޔަރުކުރުމަށްފަހު ފުލުހުން ފުރަތަމަ އުޅުނީ ޕޮލިސް ޓޯޔާޑަށް ގެންދަން ކަމަށާއި ނަމަވެސް އެކަމަށް އިންކާރުކޮށް އަޑުއުފުލައި ގާނޫނީ ވަކީލަކަށް ގުޅުމުން ދެން ގެންދިޔައީ ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ކަމަށެވެ.

ފޮޓޯ ނެގުމަކީ ކުށެއް ނޫން ކަމަށާއި ފޮޓޯ ނެގުމަށްޓަކައި ކޮންމެހެން ނޫސްވެރިއަކަށްވާން ނުޖެހޭ ކަމަށް ޝަހީދު ހުސައިން އާދަމް ބިލްޑިންގައި ހުރި އިނިސްޕެކްޓަރު ވިދާޅުވި ކަމަށް ހަމްނާ ބުންޏެވެ.

ހަމްނާ ބުނީ ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް އޭނާ ގެންދިޔުމަށްފަހު ފުރަތަމަ ފުލުހުން ބުނީ ހައްޔަރުކޮށްފައި ވަނީ އަމުރަށްނުކިޔަމަންތެރިވި މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެފަދަ ކަމެއް ހިނގާފައި ނުވާނެ ކަމަށް ބުނުމުން ދެން އެންގީ ނަސޭހަތާއި އިންޒާރުގެ ލިޔުމެއްގައި ސޮއިކުރަން ކަމަށް ހަމްނާ ބުންޏެވެ.

އޭނާ ބުނީ ނަސޭހަތްދީ އިންޒާރުދެނީ ކުށެއް ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުންނަށް ކަމުގައިވާއިރު، އޭނާ އަކީ އެއްވެސް ކުށެއްގެ ތުހުމަތު ކުރެވޭ މީހަކަށް ނުވާތީ އޭގައި ސޮއިކުރަން އިންކާރު ކުރާވާހަކަ ބުނި ކަމަށެވެ. އެގޮތަށް ބުނުމުން ކަންހިނގައިދިޔަގޮތުގެ ބަޔާނެއް ނެގުމަށްފަހު މިރޭ 9:00 ގައި ދޫކޮށްލާފައިވާ ކަމަށް ހަމްނާ ބުންޏެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ސަން އަށް ވިދާޅުވީ އޭނާ މިހާރު ވަނީ ދޫކޮށްލާފައި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މިކަމާ ބެހޭގޮތުން ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިރޭ ސަން އަށް ވިދާޅުވީ ސްޓިކާ ޖަހާ މަންޒަރު ފޮޓޯ ނަގަނިކޮށް ހަމްނާ ހައްޔަރުކުރި ކުރުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށެވެ.

ސުއޫދު ވިދާޅުވީ، އެކަމުން ދޭހަކޮށްދެނީ ތަމްރީނުތަކުގައި ފުލުހުންނަށް ގާނޫނުތައް ދަސްކޮށްނުދޭކަން ކަމަށެވެ.

"މަނާކަމެއް ހުއްދަކަމެއް ބައެއް ފުލުހުންނަކަށް ނޭނގެ. ފުލުހުންގެ މިފަދަ އަމަލުތަކުގެ ސަބަބުން މީހުންގެ އަސާސީ ހައްގުތައް އެބަ ގެއްލޭ،" ސުއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން އެ މައްސަލަ ބަލަންޖެހޭ ކަމަށެވެ.