ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ރާއްޖެ އިން ބޭރަށް ފޮނުވާ ފައިސާ މަދުކުރުމަށް ބިދޭސީންގެ މުސާރައިގެ ވަކި ޕަސެންޓެއް ނޫނީ ބޭރަށް ނުފޮނުވޭ ގޮތަށް ނިންމަން ވަޒީރުންގެ މަޖިލީހުން ކަނޑައަޅައިފި އެވެ.

މިއަދު ނެރުނު ސަރުކާރުގެ ގެޒެޓުގައިވާ "ވަޒީރުންގެ މަޖިލީހުގެ ނިންމެވުން"ތަކުގައި ހަތް ވަނަ އަށް ބުނެފައި ވަނީ، ރާއްޖެ އިން ބޭރުވާ ފައިސާ އެހެން ގައުމުތަކަށް ފޮނުވުން މަދުކުރެވޭނެ ގޮތްތަކާ ބެހޭ މައްސަލައެއް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހުށަހެޅުއްވުމާ ގުޅިގެން، އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކެބިނެޓުން ގޮތްތަކެއް ނިންމައިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރައިގެ ވަކި ޕަސެންޓެއް ނޫނީ ބޭރަށް ނުފޮނުވޭނެ ގޮތެއް ހަމަޖެއްސުމާއި ވޯކް ޕާމިޓް ނެތި ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ރާއްޖޭން ބޭރަށް ފައިސާ ނުފޮނުވޭ ގޮތް ހަމަޖެއްސުން ހިމެނޭ ކަމަށް ގެޒެޓުގައި ބުނެފައިވެ އެވެ. ކަނޑައަޅާ އަދަދަށްވުރެ އިތުރަށް ފައިސާ ފޮނުވާ ބިދޭސީންނާއި އެ ފައިސާ ފޮނުވައިދިނުމުގެ ހިދުމަތް ދޭ ފަރާތްތައް ޖޫރިމަނާކުރާ ގޮތަށް ހަމަޖެއްސުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމާފައިވެ އެވެ.

މީގެ އިތުރުން، ރާއްޖޭން ބޭރަށް ފައިސާ ފޮނުވޭނެ މީހުންގެ މައުލޫމާތު، އެ ފައިސާ ފޮނުވައިދިނުމުގެ ހިދުމަތް ދޭ ފަރާތްތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި އެނޫން ވެސް އެފަދަ އެހެން ކަންތައްތަކަށް ރިއާޔަތްކޮށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމާ ބެހޭ ގަވާއިދެއް އެކުލަވާލުމަށް ވެސް ކެބިނެޓުން ވަނީ ނިންމަވައިފަ އެވެ.

އެ ގަވައިދު އެކުލަވާލާނީ ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީ އާއި ބަންޑާރަ ނައިބު އޮފީހުގެ އިތުރުން މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( އާއި އެ ނޫން ވެސް ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ކަމަށް ގެޒެޓުގައި ބުނެފައިވެ އެވެ.

ރާއްޖޭ އަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމުގެ މައްސަލައާ ގުޅިގެން ބައެއް ފަރާތްތަކުން ބުނަމުންދަނީ، ކޮންމެ މަހަކު ބިދޭސީން ރާއްޖެ އިން ބޭރުކުރާ ފައިސާ މަދުކުރެވިއްޖެ ނަމަ ޑޮލަރުގެ ތާށިކަމަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ.

ރާއްޖޭގައި ގާތްގަނޑަކަށް 80،000 ބިދޭސީން މަސައްކަތްކުރާ ކަމަށް އިމިގްރޭޝަނުން ލަފާކުރެއެ އެވެ. އޭގެ ތެރެއިން 20،000 މީހުންނަކީ ގަވައިދާ ހިލާފަށް އުޅޭ މީހުން ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.