އިނގިރޭސި ވިލާތުގައި މިހާރު ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެގައުމުގެ ސަރުކާރުން ސިޔާސީ ހިމާޔަތް ނުވަތަ ޕޮލިޓިކަލް ރެފިއުޖީއެއްގެ ސްޓޭޓަސް ހަގީގަތުގައި ވެސް ދީފައިވާ ނަމަ، އިނގިރޭސި ސަރުކާރުގެ ނިންމުމާ މެދު ހިތާމަ ކުރާކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރަށް ޖަލަށް ލެވުނު ކުރީގެ ރައީސް މުހައްމަދު ނަޝީދު، ސިއްހީ ފަރުވާ ހޯދެއްވުމަށް އިނގިރޭސި ވިލާތަށް ވަޑައިގަތީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. އޭގެ ފަހުން، އެކި ފަހަރު މަތިން ސަރުކާރުން އެމަނިކުފާނަށް މެޑިކަލް ލީވްގެ މުއްދަތު އިތުރު ކޮށްދިން އިރު، ރައީސް ނަޝީދުގެ ވަކީލު ހަސަން ލަތީފް ރޭ ވިދާޅުވީ، އިނގިރޭސި ވިލާތުން ރައީސް ނަޝީދަށް "ޕޮލިޓިކަލް ރެފިއުޖީ ސްޓޭޓަސް" ދީފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން، ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ނަޝީދު އިނގިރޭސި ވިލާތުގެ ސިޔާސީ ހިމާޔަތް ހޯއްދެވި ކަމުގެ ޚަބަރު މީޑިއާއިން ލިބިފައިވާ ކަމަށާއި، އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ.

އެ ބަޔާނުގައި ފޮރިން މިނިސްޓްރީން ބުނީ، ރައީސް ނަޝީދަށް މެޑިކަލް ލީވެއް ސަރުކާރުން ހަމަޖައްސައިދިނީ، ޚާއްސަ ކޭސްއެއްގެ ގޮތުގައި ކަމަށާއި، މެޑިކަލް ލީވް ހަމަވުމުން އެނބުރި ރާއްޖެ ވަޑައިގެން ހުކުމުގެ ބާކީ ބައި އަދާކުރައްވާނެ ކަމަށް ސަރުކާރުން ދެކެމުން އައި ކަމަށެވެ.

"މިއީ ޔަގީން ނުވާ ކަމެއް ވީ ނަމަވެސް، މިކަމާ މެދު ދިވެހި ސަރުކާރުން ކަންބޮޑުވަން،" ރައީސް ނަޝީދަށް ޕޮލިޓިކަލް އެސައިލަމް ޔޫކޭއިން ދިން ޚަބަރާ ބެހޭގޮތުން ދިވެހި ސަރުކާރުން ބުންޏެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނީ، މި ކަމަކީ، ރައީސް ނަޝީދު ހުކުމް ތަންފީޒު ކުރައްވަން ބޭނުންފުޅު ނުވާކަން ހާމަވާ ކަމެއް ކަމަށާއި، ރައީސް ނަޝީދަކީ ގާނޫނުގެ ތަރަހައިގެ މަތީގައި ހުންނަވާ ބޭފުޅެއް ކަމަށް އެބޭފުޅާ ދެކިވަޑައިގަންނަވާ ކަމަށް ސަރުކާރުން ގަބޫލު ކުރާ ކަމަށެވެ.

ޔޫކޭ ސަރުކާރުން ރާއްޖެއަށް މިކަމާ ބެހޭ މައުލޫމާތު ރަސްމީކޮށް އަދި ހިއްސާ ކޮށްފައި، އަދި ޔަގީން ކޮށްދީފައި ވެސް ނުވާ އިރު، މިކަމަކީ ތެދެއް ކަމުގައިވާ ނަމަ، މިކަމުގައި އެގައުމުން ބައިވެރިވާ ކަމީ ދިވެހި ސަރުކާރުން ހިތާމަ ކުރާ ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

"ފަރުދަކު ގާނޫނުގެ ދަށުން ކުރަންޖެހޭ ކަމެއް ކުރުމަށް ދެކޮޅު ހެދުމުގެ އަމަލެއް ކުރަމުންދާ އިރު، އިނގިރޭސި ސަރުކާރުން މިކަމުގައި ބައިވެރިވެ އޭނާއަށް ހިތްވަރު ދިނުމަކީ ދިވެހި ސަރުކާރުން ހިތާމަކުރާ ކަމެއް،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.

މިރޭ ޕީއެސްއެމް ޚަބަރަށް ދެއްވި ބަސްދީގަތުމެއްގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ، އިނގިރޭސި ސަރުކާރުގެ ފޮރިން އޮފީހަށް އެކަމަނާ ސިޓީއެއް ފޮނުއްވައި، ރައީސް ނަޝީދަށް ހިމާޔަތް ދިނީ ކޮން ހައިސިއްޔަތަކުންކަމާ މެދު ސުވާލު ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ސިޓީއެއް އެބަ ފޮނުވަން، ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ މިނިސްޓަރު ސްވަޔާއަށް. އަޅުގަނޑު ސުވާލު ކުރާނަން، މި ޚަބަރުތަކުގެ ތަފްސީލާ، ކޮން ހައިސިއްޔަތަކުންތޯ އޭނައަށް، ޕޮލިޓިކަލް އެސައިލަމް ނުވަތަ ރެފިއުޖީޢެއްގެ މަގާމު ވިޔަސް، ކޮން ކަމަކަށް ބިނާކޮށްފައި ކުރި ކަމެއްތޯ އެއީ،" ދުންޔާ ވިދާޅުވި އެވެ.