23 May 2016, 20:46
ގދ. ފިޔޯރީގެ އުތުރު ފަރާތު ސަރަހައްދުގައި ޓޫރިސްޓް ހޮޓަލެއް އެޅުމަށް 50،000 އަކަ ފޫޓުގެ ބިން ކުއްޔަށް ދޫކުރުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.
ފިޔޯރީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މިކަމަށް މި އަހަރުގެ މާރިޗު މަހު ވެސް އިއުލާނު ކުރި ކަމަށާއި، ނަމަވެސް ބިޑު ހުށަހެޅި ބައެއް ފަރާތްތަކުން ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވުމުގެ ސަބަބުން އެފަރާތްތައް ޑިސްކޮލިފައި ކޮށްފައިވާ ކަމަށެވެ.
އަދި، ރަށުގެ އުތުރުގައި ޓޫރިސްޓް ހޮޓެލް އެޅުމަށް ދޫކުރާ ބިމަށް ކުރިމަތިލުމަށް އަލުން ހުޅުވާލާ ކަމަށް ފިޔޯރީ ކައުންސިލުގެ އިއުލާނުގައި ވެ އެވެ.
އެ އިއުލާނުގައި ބުނެފައިވަނީ، ފިޔޯރީ އުތުރު ފަރާތުގައި 50،000 އަކަ ފޫޓުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ޢިމާރާތްކުރުމަށްފަހު އެ ޓޫރިސްޓް ހޮޓެލް ހިންގައި، ބަލަހައްޓައި، އަދި އޮޕަރޭޓްކުރަން ޖެހޭ ކަމަށެވެ. މި ބިން ދޫކުރަނީ 50 އަހަރުގެ ދިގު މުއްދަތަކަށެވެ.
ފިޔޯރީ ކައުންސިލުން ބުނީ، މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކަކީ، ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕަކަށް ވާންޖެހޭ ކަމަށާއި، ބޭރު ފަރާތެއްގެ ހިއްސާ އެކުންފުންޏެއްގައި އޮތުމަކީ މައްސަލައެއް ނޫން ކަމަށެވެ.
ބިޑު ޑޮކިއުމެންޓް، 400 ރުފިޔާއަށް، 22 މެއި ވަނަ ދުވަހުން މި މަސް ނިމުމާ ހަމައަށް ފިޔޯރީ ކައުންސިލުން ލިބެން ހުންނާނެ އެވެ.
އަދި، މައުލޫމާތު ދިނުމުގެ ސެޝަން ޖޫން އެއްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ބިން ކުއްޔަށް ހިފުމަށް ބިޑު ހުށަހަޅަންޖެހޭނީ ޖޫން 12 ވަނަ ދުވަހުގެ 13:00 ގެ ކުރިންނެވެ.