23 May 2016, 23:03
ހިއްސާއަކަށް 32 ރުފިޔާ ބަހަން އެމްޓީސީސީން ފާސްކޮށްފި އެވެ.
ހިއްސާއަކަށް އެ އަދަދު ބަހަން އެމްޓީސީސީން ފާސްކުރީ މިރޭ ހޮޓެލް ޖެންގައި ކުރިއަށް ގެންދިޔަ އެ ކުންފުނީގެ 2015 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގަ އެވެ. އެގޮތަށް ފާސްކުރީ ޖަލްސާއަށް ހާޒިރުވި ހިއްސާދާރުންގެ 89.20 ޕަސެންޓް ވޯޓުންނެވެ. އެއީ ޖުމްލަ 58 ވޯޓާ އެކުގަ އެވެ.
އެމްޓީސީސީގެ ބޯޑުން ކުރިން އިއުލާނުކޮށްފައި ވަނީ ހިއްސާއަކަށް 22 ރުފިޔާ ބެހުމަށެވެ. ނަމަވެސް ފަހުން ބޭއްވި ބޯޑުގެ ބައްދަލުވުމެއްގައި އެ އަދަދު 32 އަށް ބަދަލުކުރުމަށްފަހު އެކަން އިއުލާނު ކުރީ މިރޭގެ ޖަލްސާގަ އެވެ. އަދި އިއުލާނު ކުރުމަށްފަހު ވަނީ އެ އަދަދު ފާސްކޮށްފަ އެވެ.
އެމްޓީސީސީއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 156 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ. 2014 ވަނަ އަހަރު އެ ކުންފުންޏަށް ލިބިފައި ވަނީ 99.13 މިލިއަން ރުފިޔާގެ ފައިދާއެކެވެ.
ދެހާސް ސާދަ ވަނަ އަހަރުގެ އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ނިންމާފައި ވަނީ ހިއްސާއަކަށް 10 ރުފިޔާ ބެހުމަށެވެ.
މިރޭގެ ޖަލްސާގައި ވަނީ އޮޑިޓްކޮށްފައިވާ ކުންފުނީގެ 2015 ވަނަ އަހަރުގެ ބެލެންސް ޝީޓާއި ފައިދާ އާއި ގެއްލުމުގެ ހިސާބާއި ރިޕޯޓްވެސް ހުށަހަޅައި ފާސްކޮށްފަ އެވެ. އެ ތަކެތި ފާސްކުރުމަށް، ކުންފުނީގެ 65 ހިއްސާދާރުންގެ ތެރެއިން ޖަލްސާއަށް ހާޒިރުވި 63 ހިއްސާދާރުންގެ ގިނަ ވޯޓް ލިބުނެވެ.
އޭގެ އިތުރުން ޑިރެކްޓަރުންގެ ރިޕޯޓާއި މާލީ ބަޔާންތަކުގެ އިތުރުން ކުންފުނީގެ ބޯޑަށް ވަނީ ޑިރެކްޓަރުން އައްޔަނުކޮށްފަ އެވެ.
ކުންފުނީގެ 2016 ވަނަ އަހަރުގެ އެކްސްޓާނަލް އޮޑިޓަރަކަށް ހަމަޖައްސާފައި ވަނީ "އާންސް އެންޑް އެންގް" ކުންފުންޏެވެ. އެ ކުންފުނި އޮޑިޓަރަކަށް އައްޔަންކުރީ ހިއްސާދާރުންގެ 63 ޕަސެންޓް ވޯޓާއެކުގަ އެވެ.