24 May 2016, 09:17
ގޭންގު މާރާމާރީ ހިންގުމާއި މީހުންގެ ގަޔަށް ވަޅިހެރުމާއި މީހުން މެރުން ފަދަ ޖިނާއީ އެންމެ ބޮޑެތި ކުށްތައް ރާއްޖޭގައި ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އެފަދަ ކުށްތައް ހުއްޓުވުމަކީ ހުރިހާ ދިވެހި ރައްޔިތުންގެ އާދޭހެކެވެ. މިފަދަ ކުށްތައް މަދުކުރުމަށް ނުވަތަ ހުއްޓުވުމަށް ފުލުހުންނެކޭ އެއްފަދައިން ޝަރުއީ ދާއިރާގެ ވެސް ޒިންމާއެއް އޮންނަން އެބަޖެހެ އެވެ. މިކަމުގައި ޝަރުއީ ދާއިރާގެ އެއްބާރުލުން ނުހަނު ބޮޑަށް ބޭނުންވެ އެވެ. ނަމަވެސް މިހާތަނަށް މިފަދަ ކަންކަމުގައި ޝަރުއީ ދާއިރާ އެދެވޭގޮތެއްގައި އެއްބާރުލުންދޭ މަންޒަރެއް ފެންނަމުން ނުދެ އެވެ.
ދާދިފަހުން ފަނޑިޔާރުން ވަނީ ހިއުމަން ޓްރެފިކިން މައްސަލަތަކުގައި އެއްބާރުލުން ދިނުމަށް ވައުދެއްގައި ސޮއިކުރައްވާފަ އެވެ. އޭގަގައި ސޮއިކުރެއްވުމަށް ފަހު ކްރިމިނަލް ކޯޓުގެ ފަރާތުން އެ ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވަނީ ހިއުމަންޓްރެފިކިންގެ މައްސަލަތަކުގައި ޝަރުއީ ދާއިރާ އިން އަންނަނީ ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދެމުން ކަމަށެވެ.
ބާރީ ވިދާޅުވަނީ ހިއުމަން ޓެރެފިކިންގެ މައްސަލަތަކުގައި މިހާތަނަށް ފުލުހުން އެދިފައިވާ ހުރިހާ ކޯޓު އަމުރެއް ވެސް ކްރިމިނަލް ކޯޓުން ނެރެދީފައިވާ ކަމަށެވެ.
ހިއުމަން ޓްރެފިކިންގެ މައްސަލަތަކަށް ބޮޑު އެއްބާރުލުމެއް ދެމުން އަންނަ އިރު، ގޭންގު މާރާމާރީ އާއި މީހުންގެ ގަޔަށް ވަޅިހެރުމާއި މީހުން މެރުން ފަދަ ޖިނާއީ އެންމެ ބޮޑެތި މައްސަލަތަކުގައި އެކަށީގެންވާ އެއްބާރުލުމެއް ކްރިމިނަލް ކޯޓުން ދެމުން ގެންދޭތޯ އެވެ؟
ގޭންގު މާރާމާރީ އާއި މީހުންގެ ގަޔަށް ވަޅިހެރުމާއި މީހުން މެރުން ފަދަ ޖިނާއީ އެންމެ ބޮޑެތި މައްސަލަތައް ހުއްޓުވުމަށް ކުރާ މަސައްކަތުގައި ކޯޓުތަކަށް ދެވެން އޮތް އެއްބާރުލުމަކީ ގާނޫނު އަސާސީގައި ބުނާ ޝަރުތު ހަމަވާގޮތަށް ފުލުހުން އެދޭ އަމުރުތައް ނެރެދިނުން އެކަންޏެއް ނޫނެވެ. ހަމައެކަނި އަމުރު ނެރެދިނުމަކުން ނުފުދެ އެވެ. އެފަދަ މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހަކީ އެމީހަކު ބަންދުން ދޫކޮށްލާފައިހުރުމުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މީހެއް ކަމުގައިވާ ނަމަ ޝަރީއަތް ނިމެންދެން އެމީހަކު ޖަލު ބަންދުގައި ވެސް ބަހައްޓަން ޖެހެ އެވެ.
ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ގޭންގު މާރާމާރީގެ މައްސަލަތަކާއި މީހުންގެ ގަޔަށް ވަޅިހެރުމުގެ މައްސަލަތަކާއި މީހުން މެރުމުގެ މައްސަލަތަކުގެ ޝަރީއަތް ނިންމައި އަވަހަށް ހުކުމް ވެސް އިއްވަން އެބަޖެހެ އެވެ. ދައުވާ އުފުލިތާ ފަސް އަހަރާއި ތިން އަހަރާއި ހަތަރު އަހަރުވެފައިވާ މަރުގެ މައްސަލަތައް ކޯޓުގައި ނުނިމި ހުންނަ ހުރުމަށް ވެސް ނިމުމެއް ގެންނަން އެބަޖެހެ އެވެ.
މެޖިސްޓްރޭޓް ކޯޓުތަކުގައި ވެސް މިފަދަ ބައެއް ބޮޑެތި މައްސަލަތައް ނުނިމި ގިނަ ދުވަސްތަކެއް ވަންދެން ހުރިކަން ފާހަގަކުރެވެ އެވެ. އެ މައްސަލަތައް ވެސް އަވަހަށް ނިންމޭނެ ގޮތްތަކެއް އެކަށައަޅައި އެކަން ފަށަން ވެއްޖެ އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ކޯޓުތަކުގައި ހުރި އެފަދަ ބޮޑެތި މައްސަލަތައް އަވަހަށް ނިމިގެންދިޔުމަކީ ޖިނާއީ އެންމެ ބޮޑެތި ކުށްތައް ހުއްޓުވުމަށް ކުރާ މަސައްކަތަށް އިތުރު ބާރަކަށް ވެގެންދާނެ އެވެ.
"ބޭކާރު ލަސްވުންތަކެއް ނެތި ވީއެންމެ އަވަހަކަށް މާރާމާރީ އެކަންޏެއް ނޫން ހުރިހާ ބާވަތެއްގެ މައްސަލަތައް ވެސް ނިންމަން އެބަޖެހޭ،" ބިޝާމް ވިދާޅުވި އެވެ.
ހިއުމަން ޓްރެފިކިން އާ ދެކޮޅަށް މަސައްކަތް ކުރުމަށް ވައުދެއްގައި ސޮއިކުރައްވާފައިވާ އިރު ގޭންގު މާރާމާރީ އާއި މީހުންގެ ގަޔަށް ވަޅިހެރުމާއި މީހުން މެރުން ފަދަ ޖިނާއީ އެންމެ ބޮޑެތި މައްސަލަތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ވައުދުތަކުގައި ސޮއިކޮށްގެންނާއި އެނޫން ވެސް ގޮތްތަކަށް ފަނޑިޔާރުން މަސައްކަތް ފަށަން ނުވޭތޯ އެވެ.
ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވެސް ވިދާޅުވި ގޮތުގައި ގޭންގު މާރާމާރީ އާއި މީހުން މެރުން ފަދަ މައްސަލަތައް ހުއްޓުވުމުގައި ޝަރުއީ ދާއިރާގެ ބޮލުގައި އެޅިފައިވާ ޒިންމާ ވަކި ކުޑައެއް ނޫނެވެ.
ސުއޫދު ވިދާޅުވި ގޮތުގައި އެފަދަ މައްސަލަތަކުގައި އެކި ފަނޑިޔާރުން އަމަލު ކުރަނީ އެކި ގޮތަށް ކަމަށާއި އެފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ޝަރީއަތް ނުނިމެނީސް ދޫވެފައި ތިބެނީ އެއްވެސް އުސޫލެއް ނެތުމުންނެވެ.
"އެއް އުސޫލެއްގައި ނުހިފެހެއްޓޭތީ މައްސަލައަކީ. ގޭންގު މަރާމާރީ ފަދަ މައްސަލަތަކުގައި އަމަލުކުރާނެ އުސޫލެއް އެބަޖެހޭ އެކަށައަޅަން. އަދި ބައެއް ފަނޑިޔާރުންނާ ގޭންގުތަކާ ގުޅުން އޮންނަ ކަމަށް ވެސް ތުހުމަތު އެބަކުރެވޭ. މިފަދަ މައްސަލަތައް ޖޭއެސްސީން އެބަޖެހޭ ބަލަން. މިދެންނެވި ފަދަ ކަންކަން ކުރެވިގެން މިފަދަ ކަންކަން ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބު ވެގެންދާނީ،" ސުއޫދު ވިދާޅުވި އެވެ.
މަރުގެ މައްސަލަތަކޭ އެއްފަދައިން މީހުންގެ ގަޔަށް ވަޅިހެރުމުގެ ގިނަ ދުވަސްވީ މައްސަލަތައް ވެސް ކްރިމިނަލް ކޯޓުގައި ނުނިމި އެބަހުއްޓެވެ. އެފަދަ ބައެއް މައްސަލަތަކުގައި ދައުވާ ލިބޭ މީހުން ވަނީ މުޖުތަމައުއަށް ދޫކޮށްލެވިފަ އެވެ. ނަތީޖާއެއްގެ ގޮތުން އެމީހުންގެ ފަރާތުން ކުށް ތަކުރާރުވަމުން އަންނަ މަންޒަރު ފެންނަމުންދެ އެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ހުށަހެޅުއްވުމުގެ މަތިން ފުލުހުން ހައިކޯޓުގައި އެދިގެން މޮނިކޮން އަމުރު ނެރުނު މީހުންގެ ތެރޭގައި މީހުންގެ ގަޔަށް ވަޅި ހެރުމުގެ މަސަލަތަކުގައި ދައުވާ އުފުލާފައިވާ ބައެއް މީހުން ހިމެނޭކަން ފާހަގަކުރެވެ އެވެ. އެ މައްސަލައިގެ ޝަރީއަތް ނިމިފައިނުވާ އިރު، އެމީހާ މުޖުތަމައުއަށް ދޫކޮށްލެވުނީ ކިހިނަކުންތޯ އެވެ. ކޮން އުސޫލަކުންތޯ އެވެ.
މީހަކު މެރުމުގެ ހާދިސާއަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ބަޔަކާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނަގައި ނުނިމެނީސް ކްރިމިނަލް ކޯޓުން ދާދިފަހުން ވަނީ މުޖުތަމައުއަށް އެމީހުން ދޫކޮށްލާފަ އެވެ. ހެކިބަސް ނަގައި ނުނިމެނީސް ބަންދުން ދޫކޮށްލި އިރު އެމީހުން ހެކީންނަށް ނުފޫޒު ފޯރުމުގެ ފުރުސަތު ނެތީތޯ އެވެ؟ އެމީހުންގެ ފަރާތުން މުޖުތަމައުއަށް އެއްވެސް ނުރައްކަލެއް ނެތީތޯ އެވެ؟
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ވިދާޅުވި ގޮތުގައި މައްސަލަތައް ލަސްވަނީ އެ މައްސަލަތަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ޖެހޭ މީހުން ހާޒިރުކުރުމުގައި ދަތިތަކެއް ދިމާވާތީ އެވެ.
"މި ކޯޓުގައި ހިނގާ މައްސަލަތަކަކީ އެތައް ބަޔަކު ހާޒިރުކޮށްގެން ނޫނީ ނުހިންގޭނެ މައްސަލަތައް. ދައުލަތުގެ ވަކީލުން ހާޒިރުވާންޖެހޭ. ދިފާއީ ވަކީލުން ހާޒިރުވާންޖެހޭ. ދައުވާ ލިބޭ މީހުން ހާޒިރުވާން ޖެހޭ. ހެކީން ހާޒިރުވާން ޖެހޭ. މިއިން އެއްވެސް ފަރާތަކުން ހާޒިރުނުވެއްޖެ ނަމަ މައްސަލަ ކުރިއަކަށް ނުގެންދެވޭނެ. އެހެންވީމަ މިފަދަ ކަންކަން ދިމާވާތީ މައްސަލަތައް ލަސްވަނީ،" މަނިކު ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުން އެހެން ބުނާއިރު، އެފަދަ މައްސަލަތައް ދިމާވާނަމަ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެކަން ހައްލުކުރުމަށް މަސައްކަތް ކުރަންޖެހެ އެވެ. ކަންކަން ކުރެވޭނީ އެކަމާ ގުޅޭ ގޮތުން މަސައްކަތްތަކެއް ކޮށްގެނެވެ. ހިއުމަން ޓްރެފިކިންގެ މައްސަލަތަކުގައި އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށް އޮތްތަނުގައި ވެސް އެފަދަ މައްސަލަތަކާ ގުޅޭ ހުރިހާ ކޯޓު އަމުރުތަކެއް ނެރެދިނުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ އިރު، މީހުން މެރުމާއި ގޭންގު މާރާމާރީ ފަދަ މައްސަލަތަކާ ގުޅިގެން އެދޭ ހުރިހާ ކޯޓު އަމުރެއް ނެރެދެން ޖެހެ އެވެ.
ގޭންގު މާރާމާރީ އާއި މީހުންގެ ގަޔަށް ވަޅިހެރުމާއި މީހުން މެރުން ފަދަ ޖިނާއީ އެންމެ ބޮޑެތި މައްސަލަތައް ހުއްޓުވުމަށް ޝަރުއީ ދާއިރާ އިން އެއް ބާރުލުންދިނުމާ ގުޅޭ ގޮތުން އުއްތަމަ ފަނޑިޔާރާ ހަމައިން އުސޫލުތަކެއް އެކުލަވާލެވި އެއަށް އަމަލު ކުރެވެން އެބަޖެހެ އެވެ. އެފަދަ މައްސަލަތަކުގައި ދައުވާ އުފުލިފައިވާ މީހުން ޝަރީއަތް ނިމެންދެން ޖަލުގައި ބައިތިއްބަން އެބަޖެހެ އެވެ. އެފަދަ މައްސަލަތަކުގެ ޝަރީއަތްތައް "ފަޓާސް ބަރިއެއްހެން" ނަމަވެސް ހިންގައި ހުކުމް އިއްވަން އެބަޖެހެ އެވެ.