23 May 2016, 20:23
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އިން ސައުދީ އަރަބިއްޔާގައި މިހާރު ކުރިޔަށް ގެންދާ ޓްރޭޑު ފެއާގައި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން ބައިވެރިވެއްޖެ އެވެ.
މިފްކޯއިން ބުނި ގޮތުގައި، މިއީ އެކުންފުނިން މި ފެއާގައި ބައިވެރިވެ، އެކުންފުނީގެ ޕްރޮޑަކްޓްތައް އެތަނުގައި މައުރަޒުކުރާ ފުރަތަމަ ފަހަރެވެ.
އޯއައިސީގެ މެމްބަރު ގައުމުތަކުގެ ޓްރޭޑް ފެއާ ސައުދީގެ ވެރިކަންކުރާ ސިޓީ ރިޔާޟްގައި ފެށީ އިއްޔެ އެވެ. މި ފެއާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެ އެވެ.
މިފްކޯއިން ބުނީ، މިއީ އިސްލާމީ ގައުމުތަކުގެ މާކެޓަށް ރާއްޖެއިން ވަނުމަށް ލިބިގެން ދާނެ ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި 2014 ވަނަ އަހަރު މިފްކޯގެ ޕްރޮޑަކްޓްތަކަށް ހަލާލް ސެޓްފިކޭޓް ލިބުމަކީ، ސައުދީ އަރަބިއްޔާއާއި އަރަބި އެހެން ގައުމުތަކުގެ މާކެޓަށް ވަނުމަށް މިފްކޯއަށް ވާނެ އިތުރު ފަސޭހައެއް ކަމަށް މިފްކޯއިން ބުނެ އެވެ.