ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުން ނާކާމިޔާބުވެ ގެއަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް، ގާނޫނީ ސަރުކާރެއް ވައްޓާލަން މަގުމަތިން ނުފެންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުއް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ހއ. ހޯރަފުށީގައި ގާއިމްކުރި ނަރުދަމާ އިފްތިތާހްކޮށްދެއްވައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް މިއަދު އެރަށަށް ވަޑައިގެން، ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން މިކުރަނީ އިހުލާސްތެރި މަސައްކަތެއް ކަމަށާއި ސިޔާސީ މަސައްކަތެއް ނޫން ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިހާބަކުން ވޯޓުން ބަލިވެވަޑައިގަތް ނަމަވެސް، ގާނޫނީ ގޮތުން އުފެދޭ ސަރުކާރެއް ވައްޓާލަން ނުނިކުންނަވާނެ ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ ނިންމުމަކީ އެކަމަކަށް އިހުތިރާމްކުރާނެ ނިންމުމެއް. ހަމަ ގައިމުވެސް 2018ގެ ވޯޓުން އަޅުނގަޑު ގެއަށް ފޮނުވާލައިފިކަމަށްވަންޏާ ދިވެހި ގާނޫނީ ސަރުކާރެއް އުފެދިފައި އޮތްނަމަ އެ ސަރުކާރު ވައްޓާލާކަށް މަގުމަތިން ފެންނާނެ މީހަކަށް އަޅުނގަޑެއް ހަމަގައިމުވެސް ނުވާނަމޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ ވޯޓަކުން ފަސް އަހަރުގެ ދައުރަކަށް ބޭފުޅަކު އިންތިހާބުކޮށް، އިންތިހާބުވި ބޭފުޅަކަށް މަސައްކަތްކުރުމުގެ ޖާގަ ދެއްވަން ވާނެ ކަމަށެވެ.

ނަމަވެސް، ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިވެ، ގާނޫނު އަސާސީއާ ހިލާފަށް ބޮޑެތި މަސައްކަތްތަކެއް ކޮށް، އެކަންތައްތަކުގެ ނަތިޖާއިން ދައުލަތް މުޅި ޗާޓުން ފޮހެވޭވަރުގެ ކަންތައްތަކެއް ކުރެވޭނަމަ އެއީ ރައްޔިތުންގެ ބަސް ބުނަންވީ ވަގުތު ކަމަށް ރައީސް ވިދާޅުވި އެވެ.