12 May 2011, 16:09
އެމެރިކަން ރެޑްކްރޮސްގެ ހިލޭ އެހީގެ ދަށުން ގއ. ދާންދު އާއި އެ އަތޮޅު ވިލިނގިލީގައި އެޅި ދެ ނަރުދަމާ ނިޒާމް އަޕަސައުތު ޔޫޓިލިޓީސް ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ.
އެ ދެ ނަރުދަމާ ނިޒާމު އަޕަސައުތު ޔޫޓިލިޓީސްއާ ހަވާލުކުރީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން މިއަދު ވިދާޅުވި އެވެ.
އެމެރިކަން ރެޑްކްރޮސް އިން 71 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އަޅާފައިވާ ގއ. ވިލިނގިލީގެ ނަރުދަމާ އާއި 43 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އަޅާފައިވާ ދާންދޫގެ ނަރުދަމާ އަޕަސައުތު ޔޫޓިލިޓީސްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން މިއަދު ސޮއި ކުރެއްވީ ޓެކްނިކަލް ޑިރެކްޓަރު ހުސައިން ހަމީޒް އެވެ. އަދި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީނެވެ.
ހަމީޒް މިއަދު ވިދާޅުވީ ނަރުދަމާ ނިޒާމް ބެލެހެއްޓުމަށް ބޮޑު ހަރަދެއް ހިނގާނެ ކަމަށާއި އެހެންވެ އެ ނިޒާމް ބޭނުންކުރާ ރައްޔިތުންގެ އަތުން ފީއެއް ނަގާނެ ކަމަށެވެ. އަދި ފީނަގާނެ މިންވަރެއް ފާސްކުރުމަށް ޓަކައި މިހާރު ހައުސިން އެންޑް އެންވަޔަރުމަންޓް މިނިސްޓްރީ އަށް ހުށައަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގއ. ދާންދު އާއި އެ އަތޮޅު ވިލިނގިލީގެ ނަރުދަމާ ނިޒާމްގެ މަސައްކަތް ފަށާފައި ވަނީ 2008 ވަނަ އަހަރު އެވެ.