ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ދޭ "މޯލްޑިވްސް ބޯޓިންގ އެވޯޑްސް"އަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

މި އަހަރުގެ އެވޯޑްސް އިންތިޒާމު ކުރަނީ ޔުނިކާ ޕްރައިވެޓް ލިމިޓެޑުންނެވެ. މި އެވޯޑުގެ ގާލާ އިވެންޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޮކްޓޫބަރު ނުވަތަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

މި އަހަރުގެ ބޯޓިންގ އެވޯޑު ތަފާތު 25 ދާއިރާއަކުން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެވޯޑަށް ކުރިމަތިލާ ފަރާތުގެ ޚިދުމަތަށް ބަލައި، ޖަޖުންގެ ޕެނަލަކުން މާކްސް ދޭނެ އެވެ. ކުރިމަތިލާ ފަރާތްތައް އިވެލުއޭޓު ކުރާ ޖަޖުންގެ ޕެނަލް ހޮވާނީ ލިވްއަބޯޑް އެސޯސިއޭޝަނާ، ޔުނިކާއިންނެވެ.

ކޮންމެ ފަރާތަކުން ވެސް ދެ ކެޓަގަރީއަކުން އެވޯޑަށް ކުރިމަތިލެވޭ އިރު، އެވޯޑު ލިބޭ ފަރާތެއް ކަނޑައަޅަނީ ޖަޖުންގެ ޕެނަލުގެ 60 ޕަސަންޓު މާކްސްއާ، 40 ޕަސަންޓު އޮންލައިން ވޯޓާ އެކު އެވެ.

އެވޯޑު ދެވޭ ދާއިރާތަކުގެ ތެރޭގައި، އެންމެ ރަނގަޅު ލިވްއަބޯޑު ނުވަތަ ޔޮޓު ބިލްޑަރާއި، އެންމެ ރަނގަޅު ލިވްއަބޯޑާއި، ދެ ސައިޒަކުން އެންމެ ރަނގަޅު ފައިބަރު އުޅަނދާއި، އެންމެ މޮޅު ބޯޓު ޑިޒައިނާއި، އަހަރުގެ ލިވްއަބޯޑް ބްރޭންޑާއި، އަހަރުގެ ލިވްއަބޯޑް އޮޕަރޭޓަރާއި، އެންމެ މޮޅު ޑައިވިންގ ގިއަރާއި، އަހަރުގެ އެންމެ ރަނގަޅު ކައްޕިތާނާއި، އެންމެ ރަނގަޅު މެރިން އިންޖީނާއި، އިންޝޫރަންސް ޕާޓުނަރު ފަދަ ދާއިރާތައް ހިމެނެ އެވެ.

އިތުރު މައުލޫމާތު، ބޯޓިންގް އެވޯޑްސްގެވެބްސައިޓުންލިބޭނެ ކަމަށް ޔުނިކާއިން ބުނެ އެވެ.

ލިވްއަބޯޑް އެސޯސިއޭޝަނުން ބޯޓިންގ އެވޯޑްސް އެންމެ ފުރަތަމަ ދީފައި ވަނީ 2014 ވަނަ އަހަރު އެވެ.