ކުރިޔަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުުގެ ގޮތުން، މާލޭގެ މަގުތަކުގައި ދީނީ ޒިކުރުތައް ލިޔެފައިވާ ޕްލާސްޓިކު ބޯޑުތަކެއް ހަރުކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

ރަމަޟާން މަސް އަންނަން ވާ އިރަށް މިނިސްޓްރީން ވަމުން އަންނަ ތައްޔާރީތަކާ ބެހޭގޮތުން މިއަދު މީޑިއާއަށް މައުލޫމާތު ދެއްވަމުން، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު މުސްތަފާ އިބްރަހިމް ވިދާޅުވީ، މި ކަމުގެ މަގުސަދަކީ ދުވަހުގެ ދިރިއުޅުމުގައި އުޅޭ އިރު، މަގުމަތިން އެއް ފަރާތަކަށް އެނބުރިލާ އިރު ވެސް މާތްﷲ ހަނދުމަވާނެ ވަރު ކޮށްދިނުން ކަމަށެވެ.

"މާލޭގެ މަގުތަކުގައި ޒިކުރު ބޯޑުތަކެއް ހަރުކުރެވިގެން ދާނެ. މާލޭގައި ދުއްވަމުން ދާ އިރު ފަރާތަކަށް އެނބުރިލައިފިއްޔާ ﷲ ގެ ޒިކުރެއް ހިތަށް ގެނެވޭ ވަރު ކުރެވޭތޯ މި މަސައްކަތް ކުރަނީ،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، މާލޭގެ މާރުކޭޓު ސަރަހައްދާއި، މައިދާންތަކާއި ރަސްފަންނު ފަދަ ތަންތަނުގައި މީހުން ތިބޭ އިރު، ސިޔަރަތާއި ޤުރްއާން ކިޔެވުމުގެ އަޑު އިވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށާއި، އަދި މީހުންނަށް ބެހުމަށް 40 ދުއާއެއް ލިޔެފައިވާ ކާޑުތަކެއް ވެސް ޗާޕު ކުރެވޭނެ ކަމަށް އެމިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުންވެސް، ރަމަޟާން މަހަށް ތައްޔާރު ވުމަށް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް މިނިސްޓްރީން ނިންމާފައި ވެ އެވެ. އެގޮތުން، މި މަހުގެ 28 ވަނަ ދުވަހު، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ޚާއްސަ ވޯކްޝޮޕެއް ކުރިޔަށް ދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. އަދި މި ވޯކްޝޮޕްގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވެ އެވެ.

ރޯދައަށް ތައްޔާރުވުމުގެ ގޮތުން އޮފީސްތަކުގެ މާހެފުމާއި، އާއިލީ މާހެފުން މި އަހަރު ކުރިޔަށް ދާ އިރު، އެތަންތަނަށް އިސްލާމިކް މިނިސްޓްރީން އިލްމުވެރިން ފޮނުވުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން، ހަނދު ބެލުމުގެ ކަންކަން މި އަހަރު ތަފާތުކޮށް ކުރިޔަށް ގެންދިއުމަށް މިނިސްޓްރީން ނިންމާފައި ވެ އެވެ. އެގޮތުން މި އަހަރު ހަނދާ ބެހޭ ރަސްމީ ބައްދަލުވުން ކުރިޔަށް ދާ އިރު، ޓީވީ މެދުވެރިކޮށް ހަނދާއި ހަނދު ސާބިތު ކުރުމުގެ އިލްމާ ބެހޭގޮތުން އެކަމުގެ އިލްމުވެރިން މައުލޫމާތު ދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.