23 May 2016, 20:05
ބޭރު ގައުމުތަކުން ހިމާޔަތް ހޯއްދެވި ނަމަވެސް ރާއްޖޭއަކީ ދިވެހިން އުޅެން ބޭނުންވާ ތަނެއްކަން ގަބޫލުކޮށް، ރާއްޖެ ނިކަމެތިވާފަދަ ކަންކަން ނުކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.
ހއ. ހޯރަފުށީ ނަރުދަމާ އިފްތިތާހްކޮށްދިނުމަށާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް މިއަދު މިރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނާއި ދައުލަތަކީ މައުސޫމް ބައެއް ކަމަށެވެ. އަދި ބޭރު ދުނިޔޭގައި ރާއްޖެ ނުބައިކޮށް ސިފަވެގެންދަނީ ދިވެހިންގެ ވިސްނުމާއި އުސޫލްތަކަށް އިހުތިރާމްނުކުރާ ބަޔަކު އެގޮތަށް ރާއްޖެ ސިފަކޮށްދެމުންދާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ހއ. ހޯރަފުށީ ނަރުދަމާ އިފްތިތާހްކޮށްދިނުމަށާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ: މުހައްމަދު ސިމާއު
ރައީސް ވިދާޅުވީ، ދިވެހިންނަށް ލިބެންޖެހޭ ތަރައްގީން މަހްރޫމުވެގެންދިޔައީ ބަޔަކު މީހުން އުފެއްދި ހަލަބޮލިކަމުގެ ސަބަބުން ކަމަށާއި އެ ހަލަބޮލިކަން ގެންނެވި ބޭފުޅުން އެހެން ގައުމުތަކުން ހިމާޔަތް ހޯއްދަވައިގެން ތިއްބެވި ކަމަށެވެ. އަދި ދިވެހިންނަށް ހެޔޮ އެދިގެން ކަމަށް ވިދާޅުވެ، ގައުމު ނިކަމެތި ކުރަން ވާހަކަދެއްކުމަކީ ދިވެހިންނަށް އޭގެ ގެއްލުން ލިބޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
"ނިކަމެތި ކަމުގެ ވާހަކަދައްކަވާ ބައެއް ބޭފުޅުންނަކީ ދާއިމީ ހިމާޔަތްތެރިކަން ހޯއްދަވައިގެން ތިއްބެވި ބޭފުޅުން.. ހިމާޔަތް ހޯއްދަވައިގެން ވެސް އަޅުނގަޑު ދަންނަވާނީ މަންމައިންނާއި ބައްޕައިންނާ ތިމާގެ މީހުންނާ ދަރިންނާ އުޅެން ބޭނުންވާނެ ތަނެއް އޮންނަންވާނެކަން ކޮންމެ މީހަކުވެސް ގަބޫލުކުރާށޭ. ކޮންމެ ސިޔާސީ މީހަކު ވެސް ގަބޫލުކުރާށޭ. އެހެންކަމަށްވާނަމަ އެތަނަކަށް ނިކަމެތިކަން ގެންނަން ވާހަކަދެއްކުމަކީ ކުރެވިގެންވާނެ ކަމެއްނޫން،" ރައީސް ވިދާޅުވި އެވެ.

ސާޖަރީ ހެދުމަށްޓަކައި ރައީސް ނަޝީދު އިނގިރޭސިވިލާތުގެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ---- ފޮޓޯ: ސޯޝަލް މީޑިއާ
ރައީސް މިހެން ވިދާޅުވެފައި މިވަނީ، ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، މައިބަދައިގެ ބޭސްފަރުވާއަކަށް ކަމަށް ވިދާޅުވެ އިނގިރޭސިވިލާތަށް ވަޑައިގެން އެގައުމުންޕޮލިޓިކަލް ރެފިއުޖީ ސްޓޭޓަސްހޯއްދެވުމުންނެވެ.
ޕޮލިޓިކަލް ރެފިއުޖީ ސްޓޭޓަސްއަކީ ނަސްލީ، ދީނީ، ސިޔާސީ އަދި އިޖްތިމާއީ ވަކި ފިކުރެއްގެ ސަބަބުން ތިމާގެ އަމިއްލަ ގައުމުގައި އުޅެވެން ނެތުމުން އެހެން ގައުމެއްގެ ހިމާޔަތަށް އެދުމުން، އދ.ގެ މުއާހަދާއެއްގެ ދަށުން އެ ޖަމިއްޔާގެ މެންބަރު ގައުމުތަކުން އެފަދަ ފަރާތްތަކަށް ފޯރުކޮށްދޭ ހިމާޔަތެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ،"ގައުމުގެ ހައްގުގައި ކުރާ މަސައްކަތެއްނަމަ، ގައުމު ނޭވާލާން ގައުމަށް ފުރުސަތު ދޭންވާނެ"ކަމަށެވެ.