23 May 2016, 20:12
އެސްޓީއޯ އިން ތެޔޮ ރައްކާކުރުމަށް ބޭނުން ކުރަމުން އަންނަ ފުނަދޫ ބޮޑުކުރުމަށް އެސްޓީއޯއިން ހިންގާ މަޝްރޫއު ނިމުމުން ޖުމްލަ 48،000 ޓަނުގެ ތެޔޮ އެއްފަހަރާ ރައްކާކުރުމުގެ ގާބިލުކަން ހުންނާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވެއްޖެ އެވެ.
އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަހީރު ވިދާޅުވީ، ފުނަދޫ ބޮޑުކުރުމަށް ހިންގާ މަޝްރޫއު މިއަހަރު ތެރޭގައި އެއްކޮށް ނިންމާލާނެ ކަމަށެވެ.
އެގޮތުން އެތަން ބޮޑުކޮށް ނިމޭއިރު ޕެޓްރޯލް އަދި ޑީސަލް ރައްކާކުރެވޭ މިންވަރު އިތުރުކޮށް ފަޔަސޭފްޓީ ފަދަ ކަންކަން ވަރުގަދަކުރާނެ ކަމަށް ޝަހީރު ވިދާޅުވި އެވެ.
ވިޔަފާރިތައް އިތުރަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވިޔަފާރިތައް ފުޅާކުރަން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން އެންމެ އިސްކަމެއް ދީގެން ހިންގާ މަޝްރޫއަކީ ފުނަދޫ އެކްސްޓެންޝަން ޕްރޮޖެކްޓް. އެ މަސައްކަތް އެ ވަނީ ބަޔަކާ ހަވާލުކުރެވިފައި. މަސައްކަތް ދަނީ ކުރިއަށް. އިރާދަކުރެއްވިއްޔާ މިއަހަރުގެ ނިޔަލަށް އެކްސްޓެންޝަން ޕްރޮޖެކްޓް އެއްކޮށް ނިންމާލެވޭނެ،" ޝަހީރު ވިދާޅުވި އެވެ.
ޝަހީރު ވިދާޅުވީ އެ ޕްރޮޖެކްޓް ނިންމާލުމުގެ ކުރިން ކުރިއަށް އޮތް ތިންމަސް ދުވަސް ތެރޭގައި މިހާރު އެ ކުންފުނީގައި ގެންގުޅޭ ޓޭންކަރުގެ ބަދަލުގައި އެންމެ ކުޑަވެގެން 26،000 ޓަނުގެ ތެޔޮ ލޯޑްކުރެވޭވަރުގެ ޓޭންކަރެއް ގަންނާނެ ކަމަށެވެ. އެ މަސައްކަތް ކުރިއަށްދާކަމަށް ޝަހީރު ވިދާޅުވި އެވެ. ނަމަވެސް ޓޭންކަރު ގަންނަނީ ކޮންތާކުން ކަމާއި އަގުގެ ތަފްސީލް ޝަހީރު ނުދެއްވަ އެވެ.
އިތުރަށް މައުލޫމާތު ދެއްވަމުން ޝަހީރު ވިދާޅުވީ، ދެކުނުގައި ތެޔޮ ރައްކާކުރާނެ ތަނެއް ހެދުމަށް ވެސް މަސައްކަތްތަކެއް ކުރާ ކަމަށެވެ. އެގޮތުން އެސްޓީއޯގެ އަމާޒު ހިފާފައި ވަނީ ގދ. ތިނަދޫއަށް ކަމަށް، ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ޝަހީރު ވިދާޅުވި އެވެ.