23 May 2016, 17:22
ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާ ސާބިތުކުރަން ހުށަހަޅާފައިވާ ސިއްރު ހެކީންނަކީ ކޮބައިކަން ހާމަވެއްޖެ އެވެ.
ގާނޫނާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރަން އުޅުނު ކަމަށް ބުނެ މުހުތާޒުގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާ އެވެ. ދެން އޭނާގެ މައްޗަށް އުފުލާފައި ވަނީ ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްޙަނޫން ގޮތުގައި ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާ އާއި ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ސައްޙަ ނޫން ގޮތެއްގައި ދެއްކުމުގެ ކުށުގެ ދައުވާ އެވެ.
މުހުތާޒު މިއަދު ވިދާޅުވީ ކްރިމިނަލް ކޯޓުން އޭނާ އަށް ދޫކޮށްފައިވާ ލިޔުންތަކުގައި ސިއްރު ހެކީންގެ މައުލޫމާތު އެބަހުރި ކަމަށާއި އެކަމުގެ ޒިންމާ އޭނާ ނުގަންގަވާނެ ކަމަށެވެ. އަދި އެ ހެކީން ދިފާއީ ހެކީންގެ ގޮތުގައި މިއަދު ހުށަހަޅުއްވާފައިވާނެ ކަމަށް ވެސް މުހުތާޒު ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމަށްފަހު މާފުށީ ޖަލަށް ގެންދިޔުމަށްޓަކައި ކަރެކްޝަނަލް ސާވިސްގެ ލޯންޗަށް މުހުތާޒު އަރުވަނީ --- ސަން ފޮޓޯ: ޔޫސުފް ސޮފްވާން ރަޝީދު
ދިފާއީ ހެކީންގެ ގޮތުގައި މުހުތާޒު މިއަދު ހުށަހެޅުއްވި މީހުންނަކީ:
- ޕޮލިސް ސްޓާފް ސާޖަންޓު އަލީ އަހުމަދު
- ޕޮލިސް ސްޓާފް ސާޖަންޓު ސިރާޖް އަބްދުލް ގާދިރު
- ހ. ރީތިމާކޯނި، މުހައްމަދު ނިޝާމް
- ޗީފް އިނިސްޕެކްޓާ އޮފް ޕޮލިސް އަހުމަދު މުސްލިމް
- ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު
- ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީ
- ޕޮލިސް ސްޓާފް ސާޖަންޓު އަބްދުﷲ މަސީހު
- ޕޮލިސް ސާޖަންޓު އަލީ ވަސީމް
މުހުތާޒުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާގައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރު 2:45 އެހާކަންހާއިރު، އޭނާ އިތުރު ބަޔަކާ އެކު ލޯންޗެއްގައި އދ. މާމިގިއްޔަށް ވަޑައިގެން އެރަށު ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
އެމީހުންނާ ބައްދަލުކުރައްވައި މާމިގިލީ ކޯޓު ހުޅުވައިގެންތިބެ އީ-މެއިލް އެޑްރެހަކާއި އެއަށް ވަނުމަށް ބޭނުންވާ ޕާސްވޯޑް މުހުތާޒު ދެއްވުމުން، ނިހާން އެކޯޓުގެ ލެޕްޓޮޕުން އެ އީ-މެއިލް އެޑްރެހަށް ވަދެ "މާފުށީ އަމުރު" މިނަމުގައިވާ ކޯޓު އަމުރެއް ކަމަށް ދައްކުވައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމެއް ޑައުންލޯޑްކޮށް، އެލިޔުމަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނެސްފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.
ދައުލަތުން ވެސް މިއަދު ވަނީ ތިން ދައުވާ ސާބިތުކުރަން ހެކި ހުށަހަޅާފަ އެވެ.
ދައުލަތުން ސާބިތު ކުރަން ހެކި ހުށަހެޅި ކަންކަން:
- މުހުތާޒު މާމިގިއްޔަށް ވަޑައިގަތްކަން
- މުހުތާޒު މާމިގިލީ ކޯޓަށް ވަދެވަޑައިގަތްކަން
- އީ-މެއިލް އެޑްރެހަކާއި އެއަށް ވަނުމަށް ބޭނުންވާ ޕާސްވޯޑް މުހުތާޒު، ނިހާނަށް ދެއްވާފައިވާކަން
- މާލޭގެ ނީލޯފަރު މަގުގައި ހުރި ސައިކަލެއްގެ މަތީގައި ސިޓީ އުރަކަށް ލުމަށްފަހު އެ ލިޔުން ބޭއްވިކަން
- އެ ސިޓީއުރަ ނެގުމަށް ފުލުހުންނަށް ގުޅާފައިވާކަން
މުހުތާޒު ދިފާއީ ހެކި ހުށަހަޅާފައި ވަނީ އެކަންކަން ނުކުރާކަން ސާބިތުކުރުމަށެވެ. ދައުލަތުން މިއަދު ހެކީންގެ ގޮތުގައި ގިނަ މީހުންގެ ނަންތަކެއްހުށަހެޅިއިރު، އޭގެތެރެއިން ގިނަ މީހުން މުހުތާޒު ވަނީ ދިފައީ ހެކީންގެ ގޮތުގައި ހުށަހަޅުއްވާފަ އެވެ.

މިއަދުގެ އަޑުއެހުމަށްފަހު މާފުށީ ޖަލަށް ގެންދިޔުމަށްޓަކައި ކަރެކްޝަނަލް ސާވިސްގެ ލޯންޗަށް މުހުތާޒު އަރުވަނީ --- ސަން ފޮޓޯ: ޔޫސުފް ސޮފްވާން ރަޝީދު
މުހުތާޒު ދިފާއީ ހެކީންގެ ގޮތުގައި ހުށަހެޅުއްވި ތިން މީހެއްގެ ނަން ދައުލަތުގެ ފަރާތުން ހުށަހަޅާފައެއް ނުވެއެވެ. އެމީހުންނަކީ ޕޮލިސް ސްޓާފް ސާޖަންޓު އަލީ އަހުމަދާއި ޕޮލިސް ސްޓާފް ސާޖަންޓު ސިރާޖް އަބްދުލް ގާދިރުގެ އިތުރުން ހ. ރީތިމާކޯނި، މުހައްމަދު ނިޝާމެވެ. އެމީހުންގެ ތެރެއިން ނިޝާމަކީ ކޮމިޝަނަރ އޮފް ސްޕޯޓްސް އަހުމަދު ނަޝީދުގެ ކޮއްކޮއެވެ.
މިއަދުގެ އަޑުއެހުން ނިންމާލަމުން ގާޒީ އިބްރާހީމް އަލީ ވިދާޅުވީ ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުން މިމަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެ ކަމަށެވެ.