ދުނިޔޭ ސިއްހަތު ޖަމިއްޔާއިން ކޮންމެ އަހަރަކު ވެސް ބާއްވާ ދުނިޔޭގެ ސިއްހަތާ ބެހޭ ބައިނަލްއަގުވާމީ މަޖިލިސް ނުވަތަ ވޯލްޑް ހެލްތު އެެސެމްބްލީ، ސްވިޓްޒަލެންޑްގެ ޖެނީވާގައި ފެށިގެން ކުރިޔަށް އެބަ ދެ އެވެ.

މި އަހަރު ބައްވަނީ ވޯލްޑް ހެލްތު އެސެމްބްލީގެ 69 ވަނަ ބައްދަލުވުމެވެ. މި ބައްދަލުވުން މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެ އެވެ.

ޖެނީވާގައި ކުރިޔަށް ދާ މި ބައްދަލުވުމުގައި، ދިވެހި ރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފުދުގައި ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް އިސްކޮށް ހިމެނޭ އިރު، ޖެނީވާގައި ހުންނަވާ، ރާއްޖޭގެ ދާއިމީ މަންދޫބުގެ ނައިބު ޖެފްރީ ސާލިމް ވަހީދު ވެސް މި ވަފުދުގައި ބައިވެރިވެވަޑައިގަންނަވަ އެވެ. އެ ދެބޭފުޅުންގެ އިތުރުން، ހެލްތު މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން މި ވަފުދުގައި ހިމެނިވަޑައިގަންނަވަ އެވެ.

މި އަހަރު އޮންނަ ވޯލްޑް ހެލްތު އެސެމްބްލީގެ ކޮމިޓީއެއްގެ ރެޕެޓުއާގެ ދައުރު ރާއްޖެ އަދާކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި އަހަރުގެ ބައްދަލުވުމުގައި، ސިއްހަތާ ގުޅުންހުރި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ އެކު ދުނިޔެއަށް އަންނަ ކުރިއެރުންތަކާ މެދު ގައުމުތަކުން ތަގުރީރު ކުރުމަށް ހަމަޖެހިފައި ވެ އެވެ. މި މައުޟޫއުއަށް، ހެލްތު މިނިސްޓަރު އިރުތިޝާމު މިއަދު ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައި ވެ އެވެ.

ޖަލްސާގެ ހަވާސާގައި، ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމުގެ އިތުރުން، ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުވުމަށް ހޯދިދާނެ އެހީތަކާ ގުޅޭގޮތުން ބައެއް ގައުމުތަކުގެ ހެލްތު މިނިސްޓަރުންނާ ބައްދަލުކުރުމަށް ހަމަޖެހިފައި ވެ އެވެ. އޭގެ ތެރޭގައި، އިންޑިއާ، ނޭޕާލް، އިޓަލީ، ގަތަރު، ސައުދީ އަރަބިއާ، ސައިޕްރަސް އަދި ކިއުބާ ފަދަ ގައުމުތަކުގެ ސިއްހަތާ ބެހޭ ވަޒީރުންނާ، އޮފިޝަލުންނާ މިނިސްޓަރު ބައްދަލު ކުރައްވައި، ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް އެގައުމުތަކުން ވެވިދާނެ އެހީތެރިކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ.

އެގޮތުން، މުވައްޒަފުންގެ ތަމްރީނާ، ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމް ހަރުދަނާ ކުރުމާ، ޑޮކްޓަރުންނާ ސްޕެޝަލިސްޓުން ހޯދުމުގެ އިތުރުން ހެލްތު ސަޕްލައިޒްއާ މެޑިކަލް އިކުއިޕްމެންޓް ހޯދުން ފަދަ ދާއިރާތަކުން މަޝްވަރާ ކުރެވޭނެ އެވެ.

ވޯލްޑް ހެލްތު އެސެމްބްލީއަކީ ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާގެ މެމްބަރުން، އެ ޖަމިއްޔާގެ ސިޔާސަތުތައް ކަނޑައެޅުމަށާއި މުހިންމު ނިންމުންތައް ހިންގުމަށް ބާއްވާ ބައިނަލްއަގުވާމީ ޖަލްސާ އެވެ. މި އަހަރުގެ އެސެމްބްލީގައި 28 ގަރާރަކާ ނިންމުންތަކެއް ގައުމުތަކުގެ އެއްބަސްވުމަށް ހުށަހެޅޭނެ އެވެ.